2016 ވަނަ އަހަރުގެ އެންމެ ބޮޑު އުންމީދަކީ ރާއްޖެއަކީ އަމާން ގައުމަކަށް ހެދުމުގެ އުންމީދުކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ "ކާމިޔާބު 16" މިނަމުގައި ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
މައުމޫން ވިދާޅުވީ އައު އަހަރަކާއި ރައްޔިތުން ކުރިމަތިލީ އުންމީދުތަކަކާއެކުކަމަށާ އުންމީދުތައް ހާސިލްވާން އޮތީ އެއްބައިވަންތަކަމުގައި ތިބެގެންކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކްފާނު ކާމިޔާބު ސޯޅައަށްކުރާ އެންމެ ބޮޑު އުންމީދަކީ ރާއްޖެއަކީ އަމާން ގައުމަކަށް ހެދުމުގެ އުންމީދާއި، ޕީޕީއެމްގެ މެންބަރުން ގިނަވެ އެއްލައްކަ މެންބަރުން ހަމަވުމުގެ އުންމީދުކަމަށެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުހައްމަދު ވިދާޅުވީ ރައީސް ޔާމީން އަކީ މިސަރަހައްދުގައި ވެސް ހުރި އެންމެ މޮޅު އިކޮނަމިސްޓްކަމަށެވެ.
ސިޔާމް ވިދާޅުވީ ރާއްޖެއަށް ތަރައްޤީ ގެނައުމަށް ރައީސް ޔާމިން ކުރައްވާ މަސައްކަތަށް ފުރުސަތުދޭންޖެހޭކަމަށާ މީގެ ކުރިން ރައީސް ނަޝީދަށްވެސް ރައްޔިތުން އެފުުރުސަތު ދިންކަމަށެވެ. ނަމަވެސް އެދުވަސްތަކުގައި ރާއްޖެދިއައީ ހުރިހާގޮތަކުން ފަހަތަށްކަމަށާ ދެން އެމްޑީޕީއަށް ފުރުސަތު ނެތްކަމަށް ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ އެމަނިކްފާނު ނިސްބަތްވާ އެމްޑީއޭއަކީ އެމްޑީޕީ މިރާއްޖެއިން ފުހެލުމަށް އުފެއްދެވި ޕާޓީއެއްކަމަށާ ޕީޕީއެމް އެމްޑީއޭ ބަލިކަށިކޮށްލާނެ ބަޔަކު ރާއްޖޭގައި ނެތްކަމަށެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަބުދުއްރަހީމް އަބުދުﷲ ވަނީ ރައީސް ނަޝީދާއި، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އަބުދުއްރަހީމް ވިދާޅުވީ ނަޝީދަކީ ވިދާޅުވާ ބަސްފުޅަކާއި ކުރައްވާ އަަމަލަކާއި ދިމާވާ ބޭފުޅެއް ނޫންކަމަށާ ވެފައިވާ ވައުދަކަށް އިޙްތިރާމެއް ކުރެއްވި ބޭފުޅެއް ނޫންކަމަށެވެ.
މި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބުދުﷲ މުހައްމަދާއި، ދަރަބޫދޫ ކައުންސިލްގެ ހަތަރު މެންބަރަކާއި، ށ ގޮއިދޫ ކައުންސިލްގެ ރައީސާއި ނާއިބް ރައީސްގެ އިތުރަށް އެކި ރަށްރަށުން ޕީޕީއެމްއަށް ސޮއިކޮށްފައިވާ ގިނަ އަދަދެއްގެ މެންބަރުން ވަނީ މެންބަރޝިޕް ފޯމް ޕީޕީއެމްގެ ރައީސް މައުމޫނާއި ހަވާލްކުރައްވާފައެވެ.
"މިއަހަރުގެ އެންމެ ބޮޑު އުންމީދަކީ ރާއްޖެއަކީ އަމާން ގައުމަކަށް ހެދުމުގެ އުންމީދު: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ