އެލްޖީއޭގެ ބޯޑު އެކުލަވާލުމުގެ ބާރުތައް ރައީސަށް ދޭން އުމަރު ތާއީދުކުރައްވައިފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އެކުލެވިގެންވާ ގޮތް މުޅިން ބަދަލުކޮށް ބޯޑު އައްޔަންކުރުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތް ހެދުމަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް އެލްޖީއޭގެ ކުރީގެ ރައީސް އުމަރު ނަސީރު ތާއީދުކުރައްވައިފި އެވެ.
މިއިސްލާހަށް ތާއީދުކުރައްވާ އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލް ތަކަކީ މިނިވަން މުއައްސަސާތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ކައުންސިލް ތަކަކީ ސަރުކާރުގެ ފަށަލައެއް ކަމަށާއި މިއިސްލާހުގެ ސަބަބުން އެކަން އިތުރަށް ޔަގީންކޮށްދޭނެ ކަމަށެވެ.
"[މިއީ] ރަނގަޅު ބަދަލެއް،" ކުރިން ހޯމް މިނިސްޓަރު ކަންވެސް ކުރެއްވި އުމަރު ވިދާޅުވި އެވެ.
އެލްޖީއޭގެ ބޯޑުގައި މިވަގުތު ނުވަ ބޭފުޅުން ތިއްބަވަ އެވެ. މީގެތެރޭގައި ހިމެނެނީ މާލެއާއި އައްޑޫ ސިޓީ ކައުންސިލްގެ ތެރެއިން ކޮންމެ ކައުންސިލަކުން ކައުންސިލަރަކާއި، އަތޮޅު ކައުންސިލްތަކުން ކަނޑައަޅާ ހަތަރު ކައުންސިލަރަކާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރަކާއި، މަދަނީ ޖަމިއްޔާތައް ތަމްސީލް ކުރައްވާ ބޭފުޅެއްގެ އިތުރުން އާންމު ރައްޔިތުން ތަމްސީލް ކުރައްވާ މެންބަރެކެވެ. މިބޭފުޅުންގެ ތެރެއިން މަދަނީ ޖަމިއްޔާތަކުގެ ފަރާތުން އައްޔަންކުރައްވާ ބޭފުޅާގެ އިތުރުން އާންމު ރައްޔިތުންގެ ފަރާތުން އައްޔަންކުރައްވާ ބޭފުޅާއަށް އެލްޖީއޭގެ ބޯޑަށް އައްޔަންކުރަނީ ރައްޔިތުންގެ މަޖިލީހަށް އެބޭފުޅުންގެ ނަން ހުށަހަޅާ މަޖިލީހުން ރުހުން ދިނުމުންނެވެ.
ނަމަވެސް އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އިސްލާހުގައި އެއްވެސް ކައުންސިލަރަކު ނުހިމެނޭ ގޮތަށް އެލްޖީއޭގެ ބޯޑަށް އައްޔަންކުރަން ހުށަހަޅާފައިވަނީ ފަސް މެންބަރުންނެވެ. މީގެތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރަކާއި، ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން ބޭފުޅަކާއި، މަދަނީ ޖަމިއްޔާތައް ތަމްސީލްކުރާ މެމްބަރަކާއި، ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ އިތުރުން އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) އެވެ.
ޖައުފަރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އެލްޖީއޭގެ ބޯޑަށް އައްޔަންކުރައްވާ ބޭފުޅުންގެ ތެރެއިން ވަޒީރާއި، އެލްޖީއޭގެ ސީއީއޯ ވަކިކުރުމާއި އައްޔަންކުރުމުގެ ފުރިހަމަ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވެ އެވެ. ބޯޑުގައި ދެން ތިއްބަވާ ބޭފުޅުން ބޯޑަށް އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވުމުން މަޖިލީހުން އެ ނަންތަކަށް ރުހުން ދިނުމުންނެެވެ. މީގެއިތުރުން އެލްޖީއޭގެ ބޯޑުގެ މެންބަރުން މަގާމަށް އައްޔަންކުރާނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި މިބޭފުޅުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް އިސްލާހުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ