ކަރަންޓް ކެނޑޭ މައްސަލާގައި މަނަދޫގައި މުޒާހަރާކުރަން ފަށައިފި

ނ އަތޮޅު މަނަދޫގައި ކަރަންޓް ކެނޑޭމައްސަލަ ހައްލުނުވެގެ ގިނަދުވަސްވަމުންދާ މައްސަލާގައި އެރަށު މީހުން މުޒާހަރާކުރަން ފަށައިފި
މަނަދޫގައި މުޒާހަރާކުރި މީހުންގެ ތެރޭގައި ހުރި މީހަކު ސީއެންއެމް އަށް ބުނީ މަނަދޫ އިންޖީނުގެ ކައިރިއަށް އެރަށު ރައްޔިތުން އެއްވަމުން ދާކަމަށާއި މިހާރުވެސް 80 ވަރަކަށް މީހުން އެސަރަހައްދުގައި އަޑުއުފުލަމުންދާކަމަށެވެ.
އޭނާ ބުނިގޮތުގައި މިއެއްވުމަކީ ސިޔާސީ ގޮތުން ބާއްވާ އެއްވުމެއް ނޫން ކަމަށާއި އެއްވުމުގައި އެއްވެސް ބޭފުޅެއްގެ އިސްތިއުފާއަށް ނުގޮވާނެއެވެ. އެއްވުމުގައި އަޑު އުފުލަމުންދާނީ ކަރަންޓުގެ ހިދުމަތް މެދު ކެނޑެމުންދާ މައްސަލާގަ އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު މެންދުރު 14:15 ހާއިރު ފެށިގެން ކުރިއަށް ގެންދާ އެއްވުން ކުރިއަށް ގެންދަނީ ކަރަންޓު ކެނޑޭތާ ދެމަސްދުވަސް ފަހުންކަމަށާއި މިދެމަސް ދުވަހު ތެރޭގައި އިރު އިރުކޮޅަށް ކަރަންޓު ކެނޑޭ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އިރުއިރުކޮޅާ ކަރަންޓު ކެނޑުމުގެ ސަބަބުން ބޭނުން ކުރާ ބައެއް އިލެކްޓްރޯނިކް ސާމާނުތައް ހަލާކުވެފައިވާކަމަށްވެސް އޭނާ ބުންޏެވެ.
މަނަދޫގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ މިއެއްވުމަކީ ދިގު ދެމިގެން ދާނެ އެއްވުމެއްކަމަށާއި މިހާރުވެސް އެއްވުމުގެ ބައިވެރިން ދަނީ ކައްކާ ސާމާނު ހިފައިގެން އައިސް އެސަރައްދުގައި ކެއުން ބުއިމުގެ ކަންތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެއްވުމުގެ ތެރޭގައި އެރަށު އިންޖީނުގެއާއި ހަވާލުވެ ހުންނެވި ބޭފުޅާވެސް ރައްޔިތުންނަށް އެއްބާރުލުން ދީފައިވާކަމަށާއި އެއްވުންކުރިއަށްދާއިރު އިންޖީނުގެ ހިންގުމާ ހަވާލުވެ ހުރި ވެރިޔާ ވެސް އެ ސަރަހައްދުގައި ހުންނެވި ކަމަށް އޭނާ ބުންޏެވެ.
ރަށު ކައުންސިލުން ބުނީ ކަރަންޓުގެ މައްސަލަ އެރަށަށް ދިމާވެފައިވާތާ މަހެއްހާ ދުވަސްވެފައިވާކަމަށާއި އަދި އުއްމީދަކީ މިކަން އަވަހަށް ހައްލުވުން ކަމަށެވެ.
ކައުންސިލުން ބުނިގޮތުގައި ކަރަންޓުގެ ހިދުމަތް ލިބުމުގައި މައްސަލަތައް ކުރިމަތިވާންފެށީ ރައިސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޔޫޓިލިޓީސް އާއި ހަވާލުކުރި ފަހުން ކަމަށެވެ. ނަމަވެސް މިހާރުކުރިމަތިވަމުންދާވަރަށް ކަރަންޓު މައްސަލަ ކުރިމަތިވީ ރައީސް ވަހީދުގެ ސަރުކާރުން އުފެއްދި ފެނަކަ އާއި އިންޖީނުގެ ހަވާލުކުރި ފަހުން ކަމަށް ކައުންސިލުން ބުނެއެވެ.
މިމައްސަލައާއި ގުޅޭ ގޮތުން ފެނަކާގެ ބަހެއް ވަނީ ނުލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ