ބ. ތުޅާދޫ ކައުންސިލްގެ މެމްބަރު އުމެއިރާ އަބޫބަކުރު ކައުންސިލްގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައި އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން އޭނާ ހައި ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
މި މައްސަލައިގެ އަޑުއެހުމުގައި ދައުވާ ލިބޭ އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ވިދާޅުވީ ތުޅާދޫ ދާއިރާގެ ބައި އިލެކްޝަންސް އިއުލާންކުރީ ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖްރާތުތަކެއް ފުރިހަމަކޮށްފައި ކަމަށެވެ. އަދި ކައުންސިލްގެ ޖަލްސާތަކުގެ ތެރެއިން ވިދިވިދިގެން ހަތް ޖަލްސާ އަށް، ވަކިއެއްޗެއް އެންގެވުމަކާ ނުލައި އުމެއިރާ ހާޒިރުވެ ވަޑައިގެންފައި ނުވާ ކަމަށް ހާޒިރީ ރިޕޯޓުން އެނގެން އެބައޮތް ކަމަށާއި އެހެންކަމުން އެހާ ހިސާބުން އުމެއިރާ ކައުންސިލްގެ މެމްބަރުކަމުން ވަކިވީ ކަމަށް ގާނޫނީ ގޮތުން ބެލެވޭނެ ކަމަށެވެ. އަދި އުމެއިރާ ކައުންސިލްގެ މެމްބަރުކަމުން ވަކިކުރީ އިލެކްޝަންސް ކޮމިޝަނުން ނޫން ކަމަށާއި ގާނޫނީ ގޮތުން ވަކިވީ ކަމަށް އިލެކްޝަންސްގެ ފަރާތުން ވަކީލު ވިދާޅުވި އެވެ.
މި މައްސަލައިގެ ތެރެއަށް ތަދައްޙުލްވި ތުޅާދޫ ކައުންސިލްގެ ފަރާތުން އެ ކައުންސިލްގެ ވަކީލް ވިދާޅުވީ ތުޅާދޫ ކައުންސިލްގެ ނިންމުން މިހާރުވަނީ ތުޅާދޫ ކޯޓަށް ހުށަހެޅިފައި ކަމަށާއި އެހެންކަމުން އެ މައްސަލަ ވަކިގޮތަކަށް ނުނިމެނީސް މި ދައުވާ ނުކުރެވޭނެ ކަމަށެވެ.
މި މައްސަލައިގައި އުމެއިރާގެ ވަކީލް މައިގަނޑު ގޮތެއްގައި ދައްކާފައިވަނީ ކުރީގެ އަޑުއެހުންތަކުގައި ވެސް ދައްކާފައިވާ ވާހަކަތަކެވެ. އެގޮތުން އުމެއިރާ ރަށުން ބޭރަށް ވަޑައިގެންފައި ވަނީ ކައުންސިލްގެ ބޭނުމަކު ކައުންސިލްގެ ރައީސްގެ ހުއްދަ ލިބިގެން ކަމަށާއި އެހެންކަމުން ޖަލްސާ އަށް ހާޒިރުވެވަޑައިނުގަތީ ކަމަށް ބެލެވެން ނެތް ކަމަށް އޭނާ ކަމަށެވެ.
މި މައްސަލައިގެ ތެރެއަށް ޑީއާރުޕީގެ ފަރާތުން ވެސް ވަނީ ތަދައްޙުލް ވެފަ އެވެ.
ފަނޑިޔާރު އަބްދުލްޣަނީ މި އަޑުއެހުން ނިންމަވާލެއްވީ، މި މައްސަލައިގެ އަޑުއެހުން ނިމުނީ ކަމަށާއި މައްސަލައިގެ ހުކުމް ލަހެއްނުވެ އިއްވާނެކަން އިއުލާން ކުރައްވައިފަ އެވެ.
ތުޅާދޫ ކައުންސިލްގެ މެމްބަރު އުމެއިރާގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ