ރާއްޖޭގައި ފަނޑިޔާރެއްގެ މައްޗަށް ނާންނަ ވަރުގެ ބޮޑެތި ހުކުމްތައް އަބްދުﷲ ގާޒީ އަށް އަންނާނެ: މުސްތަފާ

ރާއްޖޭގައި ފަނޑިޔާރެއްގެ މައްޗަށް މިހާތަނަށް ނާންނަ ވަރުގެ ބޮޑެތި ހުކުންތައް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދަށް އަންނާނެ ކަމަށާއި "މި ސަރުކާރެއްގައި ދެނެއް އަބްދުﷲ ގާޒީ ފަނޑިޔާރު ގެއަކަށް ނުވަންނާނެ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރާ މެދު ދޮގު ތުހުމަތުކުރުން ހުއްޓުވުމަށް އެމްޑީޕީން ހިންގާ "ދެން ތިޔަހެނެއް ނުކިޔޭނެ" ކެމްޕޭންގައި ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ "މިއިން ޒަމާނެއްގައި ސަލާމަތްވާނެ ހެން" ހީނުވާ ކަމަށެވެ.
"މި ސަރުކާރެއްގައި ދެނެއް އަބްދުﷲ ގާޒީ ފަނޑިޔާރު ގެއަކަށް ނުވަންނާނެ. އިދިކޮޅު ފަރާތްތަކުން ވަރަށް ރަނގަޅަށް ރާވައިގެން މިކަން ކުރަމުން ގެންދިޔައީ. ސަރުކާރުގެ ތަހުގީގީ އިދާރާގެ ބާރު ކަނޑުވާލަން،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން، ހެއްކެއް ނެތްކަމަށް ބުނެ ދޫކޮށްލުމުގެ ސަބަބުން އަމަން އަމާންކަށް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި އަބްދުﷲ ގާޒީ އަކީ ގައުމީ ސަލާމަތަށާއި ގައުމަށް ހުރި ނުރައްކަލެއް ކަމެއް ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ އޭނާގެ މައްސަލައެއް ކޯޓެއްގައި ބަލާފާނެތީ ބިރު ނުގަންނަވާ ކަމަށެވެ. ކޯޓުން އޭނަ އަށް ހުކުމެއްކޮށް ގޮނޑި ގެއްލުނަސް އަނބުރާ ރައްޔިތުން މަޖިލީހަށް ތިމަރަފުށީ ދާއިރާގެ 60 ޕަސެންޓް ވޯޓާއެކު އާދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
"އަޅުގަނޑު ނަގޫ ފިތިފައެއް ނުހުންނާނެ އެއްތަނަކު ވެސް. އެހެންވެއްޖިއްޔާ ނަގޫ މިއަދުން ފެށިގެ ކަނޑާލަން،" އޭނާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ރާއްޖޭގައި ތިބީ ހުސް އަބްދުﷲ ގާޒީ ފަދަ ފަނޑިޔާރުން ނޫން ކަމަށެވެ. އަދި ރާއްޖޭގައި ވެސް އިލްމީ ރަނގަޅު ފަނޑިޔާރުން އެބަތިބި ކަމަށާއި ނަމަވެސް އެމީހުން ވެސް އަބްދުﷲ ގާޒީ އަމަލުކުރައްވާ ގޮތަށް އަމަލުކުރައްވަން ފައްޓަވައިފި ނަމަ "ދެން ވެސް ކަންތައްތައް ވާނީ މީހެން" ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ އިބުރަތެއް ކަމަށް ފަނޑިޔާރުން ނެގުމަށް ވެސް މުސްތަފާ ގޮވާލެއްވި އެވެ.
ރާއްޖެ އަކީ ތިން ބާރު ވަކިވެފައިވާ ގައުމެއް ކަމަށާއި ގައުމުގެ ހުރިހާ ކަމެއް ކަނޑައަޅައި، ގައުމުގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު ޝަރުއީ ދާއިރާ އަށް ނޯންނާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތައް ވެރިކަން ވައްޓާލުމަށް ތަފާތު ގޮތް ގޮތުން މަސައްކަތްކޮށް ކާމިޔާބު ނުވުމުން ޝަރުއީ ދާއިރާ މެދުވެރިކޮށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ގޮތަށް ކަންތައް ކުރުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ