މިއީ މީހަކަށް ލިބޭނެ އެންމެ ބޮޑު އަނިޔާ ކަމަށް އަބްދުﷲ ގާޒީ ވިދާޅުވި: އެޗްއާރުސީއެމް

ސިފައިން ގޮސް އޭނާ ހައްޔަރުކުރުމަކީ "މީހަކަށް ލިބޭނެ އެންމެ ބޮޑު ހިތާމަ" ނުވަތަ "އެންމެ ބޮޑު އަނިޔާ" ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗުއާރުސީއެމް) އިން ރޭ ބުނެފި އެވެ.
އަބްދުﷲ ގާޒީ އެގޮތަށް ވިދާޅުވި ކަމަށް އެޗުއާރުސީއެމުން ބުނީ ދިޓީވީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު ތޮލާލެވެ.
އޭނާގެ ގެއަށް ސިފައިން ވަދެ ގެންދިޔަ ފަހުން އެޗުއާރުސީއެމުން މިހާތަނަށް ތިން ފަހަރު ބައްދަލުކޮށްފައިވެ އެވެ. އެޗްއާރުސީއެމުން ބުނެފައި ވަނީ، އަބްދުﷲ ގާޒީ ހުންނެވީ "ހެޔޮ ހާލުގައި" ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގިރިފުއްޓަށް ގެންދިއުމުގެ ތެރޭގައި، ޖިސްމާނީ އަނިޔާއެއް ދީފައި ނެތް ކަމަށް އޭނާ ވިދާޅުވާ ކަމަށް ވެސް އެޗްއާރުސީއެމުން ބުނެ އެވެ.
"އޭގެ މާނަ އަކީ އިމޯޝަނަލީ ނޫނީ އެހެން ގޮތްގޮތުން އޭގައި ގެއްލުންތަކެއް ނެތެކޭ ނޫން އެއްވެސް ހާލެއްގައި. އަދި މިއީކީ އަޅުގަނޑުމެންގެ އޮފިޝަލް އިންވެސްޓިގޭޓިވް ޕާޕަސް އަށް ދަންނަވާ ދެންނެވުމެއް ވެސް ނޫން. މިއީ އަޅުގަނޑުމެން އަބްދުﷲ ގާޒީއާ ބައްދަލުކުރި ދުވަހު އެ ބޭފުޅާ ވިދާޅުވި ވިދާޅުވުމެއް،" ސިފައިން އޭނާ ހައްޔަރުކުރުމަކީ "މީހަކަށް ލިބޭނެ އެންމެ ބޮޑު އަނިޔާ" ކަމަށް އަބްދުﷲ ގާޒީ ވިދާޅުވި ވިދާޅުވުމަށް އިޝާރަތްކުރައްވާ ތޮލާލް ވިދާޅުވި އެވެ.
ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބޭރުން، ސިފައިން ހައްޔަރުކޮށްގެން އަބްދުﷲ ގާޒީ ގެންގުޅޭ އިރު މިހާތަނަށް ވަކިން އޭނާއާ ބައްދަލުވުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށް އެޗްއާރުސީއެމްގެ ރައީސް މަރިޔަމް އަޒުރާ މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ގެ ބޭފުޅުންނާއި ކޮމިޝަންގެ މެންބަރުންނާ އެކު ދެ ފަހަރެއްގެ މަތިން އަބްދުﷲ ގާޒީއާ ވަނީ ބައްދަލުކުރައްވައިފަ އެވެ. އަދި އެންމެ ފަހުން އެންޕީއެމްގެ ބޭފުޅުންނާ ކޮމިޝަންގެ މެމްބަރުން އަބްދުﷲ ގާޒީއާ ބައްދަލުކުރެއްވި ފަހަރު، ވަކިން ބައްދަލުކުރަން އެ ބޭފުޅުން އެމްއެންޑީއެފްގައި އެދުނު ނަމަވެސް އެކަން ފަހިކޮށްދީފައި ނެތް ކަމަށް އަޒްރާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް މުހިންމު އެއްވެސް ހުރަހެއް ނެތި [އަބްދުﷲ ގާޒީއާ] ބައްދަލުކުރެވޭނެ ގޮތެއް ހަމަޖެއްސުން. އެއީ މިކަހަލަ ކަންތައްތައް އަޅުގަނޑުމެން ތަހުގީގުކުރާއިރު ތިން ވަނަ ފަރާތެއް ނެތި، އެ މީހަކާ ބައްދަލުކުރުމަކީ އަޅުގަނޑުމެން އަމަލުކުރަމުން އަންނަ ކަމެއް. އެހެންވީމަ އަޅުގަނޑުމެން އަދި އަބްދުﷲ ގާޒީއާ ބައްދަލުކުރަން ނިންމިޔަސް އެދޭނަން ވަކިން އެ ބޭފުޅާއާ ބައްދަލުކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް،" އަޒުރާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅިގެން، އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ އިތުރުން އޭނާ މިނިވަންކުރުމާ ގުޅޭ ސުލްހައިގެ ވާހަކަތައް ފެށުމަށް އެޗްއާރުސީއެމް އިން މިހާރު އަންނަނީ ތައްޔާރުވަމުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ