ސުޕްރީމް ކޯޓުގެ ލަފައަކީ ތުންމެޓައެއް ކަހަލަ ލަފައެއް: އާދަމް ޝަރީފް

ސުޕްރީމް ކޯޓުގެ ލަފައަކީ ތުންމެޓައެއް ކަހަލަ ލަފައެއްްކަމަށް ޤަބޫލުކުރައްވާކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބު މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ލަސްކޮށްފައިވާއިރު، ޖޫން 3 އަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާތީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ޤާނުނު އަސާސީ އިސްލާހުކުުރުމާއި މެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް މަޖިލީހުން ވަނީ އެދިލައްވާފައެވެ.
އަދި މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ގާނޫނު އަސާސީއަށް މާއްދާއެއް އިތުރުކޮށް ގާނޫނު އަސާސީ އިސްލާހުކުރަން ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ވަނީ ލަފާދެއްވާފައެވެ.
ސުޕްރީމް ކޯޓުގެ ލަފާގައި ބުނެފައި ވަނީ ގާނޫނުއަސާސީ އިސްލާހުކުރަން މިހާރު ހުށަހަޅާފައިިވާ ބިލުން ނުވަތަ އެނޫންވެސް ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސްގެން، ނުވަތަ ގާނޫނު އަސާސީގެ 231 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމަނައިގެން ޤާނޫނު އަސާސީ އިސްލާހު ކުރެވިދާނެ ކަމަށެވެ.
އެގޮތުން ގެނެވޭ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމަނާ ތާރީހުން ފެށިގެން ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަންދެން 3 ޖޫން 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާންކުރުމަށް ވެސް އެ ލަފާގައި ވެއެވެ.
މިރޭ މަޖިލީހުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެއީ ހުރިހާ ފަރާތެއްވެސް ރުއްސާލެވޭނެ ލަފައެއްކަމަށާ، އެ ލަފާއިން ކައުންސިލަރުންގެ ދައުރު ދިގުދަންމާލުމަށް ހައްލެއް ލިބޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
"ސުޕްރީމްކޯޓުގެ ރައުޔަކީވެސް އަޅުގަނޑު ދެކޭގޮތުގައި ހަމަ ތުންމެޓައެއް ކަހަލަ ހުރިހާ ފަރާތެއްވެސް ރުއްސާލަން ދެވޭކަހަލަ ރަނގަޅު އަދި މީގެ ފަރުވާއެއްް ލިބޭނެ ކަހަލަ ކަމެއްކަމަށް ފާހަގަކުރެވޭ. ހަމަ ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ދެމިއަ އެޅި ކަނޑިއެއް ދެވިފައި އެ އޮތީ. ދެ ފެކްޝަނަށް ވެސް ވަރަށް ރަނގަަޅަށް ފަހިވާކަހަލަ ގޮތަކަށް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ." އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ދެ ފެކްޝަންގެ ގޮތުގައި އިޝާރާތް ކުރެއްވީ، ޤާނޫނު އަސާސީ އިސްލާހުކުރުމާއި މެދު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ މެދުގައި ޚިޔާލް ތަފާތުވެފައި ވާތީ އެކަމަށެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޤާނޫނު އަސާސީ އިސްލާހް ކުރަން ބޭނުން ވަނީ ރައީސް ޞާލިހްގެ ފެކްޝަނުންނެވެ. ނަމަވެސް ޤާނޫނު އަސާސީ އިސްލާހް ނުކޮށް، ޤާނޫނަކުން ހައްލެއް ހޯދަން ބޭނުން ވަނީ ރައީސް ނަޝީދުގެ ފެކްޝަނުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ، ޤާނޫނު އަސާސީ އަށް އިސްލާހު ގެންނަ އިރު ވިސްނަން ޖެހޭ ގިނަ ކަންކަން އެބަހުރިކަމަށެވެ. އެހެންނަމަވެސް މިހާރު ކުރާ މަސައްކަތުން ރަނގަޅު އިސްލާހެއް ލިބޭނެ ކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ