މެމްބަރު މަހުލޫފާއި މުހައްމާ ހައްޔަރު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ، މުހައްމާ ހައްޔަރު ކޮށްފިއެވެ.
މަހުލޫފް ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ދޫކޮށްލުމުން މިރޭގެ މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ވިދާޅުވެ ޓްވިޓެއް ކުރެއްވި ފަހުންނެވެ. ފުލުހުންގެ އިދާރާއާށް މަހުލޫފް ވަޑައިގެންނެވީވެސް މުޒާހަރާގައި ހުންވުމަށް ފަހުއެވެ.
މުހައްމާ ހައްޔަރުކޮށްފައިވާއިރު މުހައްމާއަކީވެސް ކޮންމެ ރެއަކުވެސް މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ މެމްބަރެކެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭވެސް އެއްވުމުގެ ތެރެއިން މުހައްމާއާއި މަހުލޫފް ހައްޔަރު ކުރިއެވެ. ނަމަވެސް އެރޭ ދެ މެމްބަރުންވެސްވަނީ ދޫކޮށްލާފައެވެ.
މިއަދުގެ އެއްވުމުގެ ތެރެއިން އެމްޑީޕީ ހަރުގެ ސަރަހައްދުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝޮފާޒްއާއި އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވެސްވަނީ ހައްޔަރުކޮށްފައެވެ.
އެއްވުން ފެށުމުގެ ކުރިން ހަރުގެއަށް ފުލުހުންވަދެ ނައިބު ރައީސް މުހައްމަދު ޝިފާޒްއާއި ޤައުމީ މަޖިލީހުގެ މެމްބަރު ހުސައިން އަމްރުވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ.
މީގެ އިތުރުން އެއްވުން ކުރިއަށް ދަނިކޮށް ހަރުގެ ސަރަހައްދުންވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަދި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އާއި ޤާއުމީ މަޖިލީހުގެ މެމްބަރު އަހުމަދު އަދުހަމްވެސްވަނީ ހައްޔަރު ކޮށްފައެވެ.
ރޭވެސް ފުލުހުންވަނީ އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް ސަޕޯޓަރުން ހައްޔަރު ކޮށްފައެވެ.
އެގޮތުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހީމާއި މޫސާ އަލިމަނިކާއި އެކްޓަރު ހުސައިން މުނައްވަރު (ކުޑަފޫޅު) ވެސް ރޭ ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އަދި އިދިކޮޅު ބައެއް ސަޕޯޓަރުންވެސްވަނީ ހައްޔަރު ކޮށްފައެވެ.
މީގެ އިތުރުން މިރޭގެ އެއްވުމުގެ ތެރެއިންވެސް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންނާއި ގުޅިފައިވާ ޕާޓީތަކުގެ ބައެއް އެކްޓިވިސްޓުންނެއްވަނީ ހައްޔަރުކޮށްފައެވެ.
މާލެއާއި އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި މިއަދު ކުރިއަށް ދިޔަ އެއްވުމުގެ ތެރެއިން ބައެއް ރަށްރަށުންވެސްވަނީ މީހުން ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ބައެއް ރަށްރަށުގެ ކައުންސިލް މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ