ކޮންމެ ދިވެއްސަކީވެސް، ދޮންބަންޑާރައިން މި ގައުމު ހޮޅީންގެ ފަރާތުން ސަލާމަތް ކުރުމަށް ކުރެއްވި މަތިވެރި ޖިހާދުން އިބުރަތާއި ހިއްވަރު ލިބިގެން، ދިވެހި ގައުމު ސަލާމަތްކުރަން މަސައްކަތްކުރާ ދިވެހި ދަރިއަކަށް ވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގޮވާލައިފިއެވެ. މައުމޫން އަބްދުލް ޤައްޔޫމް މިހެން ވިދާޅު ވެފައިވަނީ ހުރަވީ ދުވަހާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ހުރަވީ ދުވަހަކީ އައްސުލްޠާން ޣާޒީ ހަސަން އިއްޒުއްދީން ހުރަވީ (ދޮންބަންޑާރައިން) މަލާބާރީން (ހޮޅީން) ނާއި ހަނގުރާމަކޮށް ދިވެހީންނަށް މިނިވަންކަން ލިބުނު ދުވަހެވެ. މައުމޫން އަބްދުލް ޤައްޔޫމްގެ ބަޔާނުގައި ބުނެފައިވަނީ ހުރަވީ ދުވަހަކީ އަޅުގަނޑުމެން ތާރީހުން އިބުރަތް ލިބިގަންނަން ޖެހޭ ދުވަހެއްކަމަށެވެ.
"ދިވެހި ކޮންމެ ދަރިއަކީވެސް އެމަނިކުފާނު ފަދައިން ޤައުމަށް ޓަކައި، ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށް ހުރި މީހަކަށް ވާން ޖެހެއެވެ. ހުރަވީ ދުވަހަކީ ޤައުމުގެ ކަންކަމާމެދު ވިސްނާ ފިކުރުކޮށް، ޤައުމަށް ހެޔޮ ބަދަލުތައް ގެނައުމަށް އަޒުމު ކަނޑައަޅަންވީ ދުވަހެއްވެސް މެއެވެ. މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ކަންތައްތައް މިހުރީ ވަރަށް ގޯސްކޮށް ކަން ޤައުމަށް ހެޔޮއެދޭ ކޮންމެ ރައްޔިތަކުވެސް ޤަބޫލު ކުރާނެކަން ކަށަވަރެވެ." ރައީސް މައުމޫންގެ ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޤައުމެއް ޤައުމެއްގެ ގޮތުގައި އޮންނާނީ ޢަދުލު އިންސާފާ ޤާނޫނުގެ ހުކުމް ހަމަހަމަ ކަމާއިއެކު ދިވެހި ރައްޔިތުންނަށް ލިބިގެން ކަމަށެވެ. އަދި މިސަރުކާރުގައި ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވަނީ އިންތިހާއަށް އިތުރުވެފައި ކަމަށެވެ. ހަމައެއާއިއެކު، ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައި ގަންނަމުން މިދާ ސިޔާސީ އަދި މަދަނީ ހައްޤުތައް ރައްކާތެރިކޮށް، ޤައުމު ބިނާ ކުރުމަށް ޓަކައި ޤައުމާއި ރައްޔިތުންގެ ތަރައްޤީ ގެނައުމަށް ޓަކައި ދިވެހި ރާއްޖެއަށް ދެމެހެޓެނިވި ހަމަޖެހުމެއް ގެންނަން ދިވެހި ކޮންމެ ރައްޔިތަކަށް މިވަނީ މަޖުބޫރު ވެފައި ކަމަށެވެ.
ބަޔާން ނިންމާލަމުން އެމަނިކުފާނު ގޮވާލައްވާފައިވަނީ ދޮންބަންޑާރައިން ޤައުމު ހޮޅީންގެ ފަރާތުން ސަލާމަތް ކުރުމަށް ކުރެއްވި މަތިވެރި ޖިހާދުން އިބުރަތާއި ހިއްވަރު ލިބިގަން ގައުމު ސަލާމަތްކުރަން މަސައްކަތްކުރުމަށެވެ.
ކޮންމެ ދިވެއްސަކީވެސް ދޮންބަންޑާރައިން ފަދަ މީހަކަށް ވުމަށް މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ