ސުޕްރީމް ކޯޓުން އީ.ސީ މެމްބަރުންގެ މައްޗަށް ކުރާ ދައުވާގެ
ސުޕްރީމް ކޯޓްގެ ހުރުމަތްކެނޑި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް އެކޯޓުން ބަލާ މައްސަލަގައި ޖަވާބުދާރީވުމަށް މެމްބަރުންނަށް ފުރުސަތު ދީފިއެވެ.
ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ދައުވާ އުފުލާފައި މިވަނީ ދާދި ފަހުން އެކޯޓުން އެކުލާވާލާ އަމަލުކުރަން ފެށި ސުމޯޓޯ ގަވާއިދުގެ ދަށުންނެވެ. މިގަވާއިދު ބުނާ ގޮތުން ސުޕްރީމް ކޯޓަށް އަމިއްލައަށް ފެނިގެންވެސް މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވެއެވެ.
ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ކުރާ ދައުވާގެ އިއްޔެގެ އަޑުއެހުމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަންއާއި ކޮމިޝަންގައި ދެން ތިއްބެވި ދެ މެމްބަރުންކަމަށްވާ އަލީ މުހައްމަދު މަނިކާއި މުހައްމަދު ފާރޫޤު ހާޒިރުވެވަޑައިގެންފައިވެއެވެ. މި މެމްބަރުންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ކޮމިޝަންގެ މެމްބަރުން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސުޕްރީމް ކޯޓްގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށާއި އެކޯޓްގެ ބައެއް ހުކުމްތަކަށް ޗެލެންޖްކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި އިއްޔެގެ އަޑުއެހުން ނިންމާލާފައިވަނީ މައްސަލައާ ގުޅިގެން ކޯޓުން ހުށައެޅި ލިޔުންތައް ދިރާސާކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ވަކީލު ފުރުސަތަކަށް އެދުމުން އެފުރުސަތު ބެންޗުން ދެއްވުމަށްފަހުއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ސުޕްރީމް ކޯޓްގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް އެކޯޓްގެ ފަނޑިޔާރުންނަށް ގަބޫލުކުރެވޭތީ ކޯޓްގެ އިސް ނަގާ ބަލާ މިމައްސަލައިގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިންނާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު ޑރ އަހްމަދު އަބްދުﷲ ދީދީއެވެ. ސުޕްރީމް ކޯޓުން އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލިހަކީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހެއްކަން ކުރިން އަންގާފައި ނެތުމުން ގިނަ ނޫސްވެރިންނަށް އެ މަޖިލީހަށް ވަދެވިފައެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ