ޝަރުތުތަކާއި ގުޅޭގޮތުން ގޮތް ނިންމާނީ ސުޕްރީމް ކޯޓުން: ރައީސް ނަޝީދު

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތުތަކާއި ގުޅޭގޮތުން ގޮތް ނިންމަންޖެހޭނީ ހުރިހާ ފަނޑިޔާރުން ހާޒިރުވެތިއްބަވާ ފުރިހަމަ ސުޕްރީމް ކޯޓަކުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ ރިޔާސީ ޕްރައިމަރީގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ބައިވެރިނުވެވޭނެ ކަމަށާއި އެފަދަ މީހުންގެ ކެންޑިޑެސީ ބާތިލްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ އިއުލާނަކީ ގައިރު ގާނޫނީ ހާއްސަރެއްކަމަށެވެ.
އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތުތަކާއި ގުޅޭގޮތުން ގޮތް ނިންމަންޖެހޭނީ ހުރިހާ ފަނޑިޔާރުން ހާޒިރުވެތިއްބަވާ ފުރިހަމަ ސުޕްރީމް ކޯޓަކުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރަށް އިނގިރޭސިބަހުން ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިދިކޮޅު އެއްވެސް ސިޔާސީ ލީޑަރަކަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އިދިކޮޅު އެއްވެސް ސިޔާސީ ލީޑަރަކަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް ރައީސް ޔާމީން މެންބަރުން އައްޔަންކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ރިޔާސީ ޕްރައިމަރީގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ބައިވެރިނުވެވޭނެ ކަމަށާއި އެފަދަ މީހުންގެ ކެންޑިޑެސީ ބާތިލްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިމިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެންޕޭން ފައްޓަވާފައިވަނިކޮށެވެ.
ޖަޒީރާ ރައީސްގެ ނަމުގައި މުޅި ރާއްޖޭގައި ރައީސް ނަޝީދުގެ ޕްރައިމަރީ ކެންޕޭން ކުރިއަށްދާއިރު، އެމަނިކުފާނު ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެކަމަށާ އެކަމާއިމެދު ގޮތް ނިންމާނީ ރައްޔިތުންކަމަށް ވިދާޅުވެފައެެވެ. އަދި 2008 ވަނަ އަހަރުވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވީ އެންމެ ފަހު ވަގުތު ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމަކާއި ގުޅިގެންކަމަށާ މިފަހަރުވެސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެންމެ ފަހު ވަގުތު ނަމަވެސް ލިބިވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިނުގެންފިނަމަ ރާއްޖެ "ހަރާބު" ވާނެ ކަން ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، އެ ހާލަތު މެދުވެރިކޮށްފިނަމަ ރާއްޖޭގައި ދެ ސަރުކާރެއް އުފެދޭނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ