އައިއެސް އަކީ އިސްލާމީ އެއްވެސް ސިފައެއް ނެތް ޖަމާއަތެއް - މައުމޫން

އިސްލާމްދީނަކީ ޞުލްހައިގެ ދީން ކަމަށާއި އިސްލާމިކް ސްޓޭޓްގެ ގޮތުގައި މިހާރު ޙަރަކާތްތެރިވަމުންދާ ޖަމާޢަތަކީ އޭގައި އެއްވެސް އިސްލާމީ ސިފައެއްނެތް ޖަމާޢަތެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ބެންގަލޫރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ކޮންމެ ދީނަކީވެސް ޞުލްޙަވެރިކަމާއި އިންސާނީ އުޚުއްވަތްތެރިކަމަށް ގޮވާލާ ދީނެއް ކަމަށާއި މިހެންކަމުން އެކި ދީންތަކާއި އެކި ޘަޤާފަތްތަކުގެ އަހުލުވެރިންގެ މެދުގައި ޞުލްޙަ ޤާއިމުކޮށް ގުޅުންތައް ބަދަހިކުރުމަށް މަސައްކަތް ކުރުމަކީ މުޅި ދުނިޔޭގައި ޞުލްޙަ ޤާއިމުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރައީސް މައުމޫންގެ ތަޤްރީރު މައިގަނޑު ގޮތެއްގައި ބިނާކުރައްވާފައިވަނީ ޞުލްޙަވެރި މާޙައުލެއް ދުނިޔޭގައި އޮތުމުގެ މައްޗަށާއި އެކަން ޙާޞިލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. މިގޮތުން އެމަނިކުފާނު މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ދުނިޔެއަށް ދާއިމީ ޞުލްޙައެއް ހޯދުމަކީ ދަތި އުނދަގޫ ކަމެއްކަމުގައި ވިޔަސް މިކަން ޙާޞިލުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭކަމަށް މައުމޫން ވިދާޅުވިއެވެ.
އަދި ޑޮކްޓަރ ޢަބްދުލްކަލާމް ވިދާޅުވެފައިވާގޮތުން ހަނގުރާމައަކީ އެއްވެސް ދެކޮޅުވެރިކަމެއްގެ ދާއިމީ ޙައްލެއްނޫން ކަމަށާއި އެކިކަންކޮޅުތަކުގައި ހަނގުރާމަ ހިންގަމުން ދުނިޔޭގައި ޞުލްޙައެއް ގާއިމު ނުކުރެވޭނެކަމަށް ރައީސް މައުމޫންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މިގޮތުން މެދުއިރުމަތީގައި އިޒުރޭލުން ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން އެކަށައަޅާފައިވާ މުޢާހަދާތަކަށާއި ޤާނޫނުތަކަށް އެޤައުމުން ޢަމަލު ނުކުރާނަމަ އެ ސަރަޙައްދުގައި ޞުލްޙަ ޤާއިމު ނުކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިސްލާމްދީނަކީ ޞުލްހައިގެ ދީން ކަމަށާއި އިސްލާމިކް ސްޓޭޓްގެ ގޮތުގައި މިހާރު ޙަރަކާތްތެރިވަމުންދާ ޖަމާޢަތަކީ އޭގައި އެއްވެސް އިސްލާމީ ސިފައެއްނެތް ޖަމާޢަތެއް ކަމުގައިވެސް ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވިގޮތުގައި މުޅި ދުނިޔޭގައި ޙަޤީޤީ ޞުލްޙައެއް ޤާއިމުކުރެވޭނީ ދުނިޔޭގައި ދިރިއުޅެމުންދާ ކޮންމެ މީހަކަށްވެސް ޞުލްޙަވެރިކަމުގެ ފައިދާ ޤަބޫލު ކުރެވިގެންނެވެ.
މިކަމުގައި ތައުލީމީ ދާއިރާއާއި ޚަބަރުފަތުރާ ވަޞީލަތްތަކުގެ މަސްއޫލިއްޔަތު ވަރަށް ބޮޑު ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ