ދުންޔާ އާއިމެދު ފަޚުރުވެރިވަން – ރައީސް މައުމޫން

އިއްޔެ އދގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ދެއްވި ތަޤުރީރަށް މަރުހަބާ ދަންނަވާ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ދުންޔާ މައުމޫންގެ ބައްޕާފުޅު މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އދގެ އާންމު މަޖިލީހުގައި ދުންޔާ ދެއްވި ތަޤުރީރަށް މަރުހަބާ ދަންނަވާ ކަމަށާއި ދުންޔާ އާމެދު ފަހުރުވެރިވާ ކަމަށެވެ.
އދ.ގެ އާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ދުންޔާ މައުމޫން ވިދާޅުވީ އުނދަގޫ ހާލަތްތަކާއި ކުރިމަތިލުމަށާއި ގައުމެއްގެ ސައިޒަކަށް ނުބަލާ ކޮންމެ ގައުމަކަށް ވެސް ޙައްޤުތައް ކަށަވަރު ކޮށްދިނުމަށްޓަކައި އދ. އިސްލާހް ކުރަން ޖެހޭ ކަމަށެވެ.
އދ.ގެ ޗާޓަރު ފެށުމުގެ ގޮތުން ފުރަތަމަ ވެސް ބަޔާންކޮށްފައި ވަނީ އަހަރެމެންނަކީ ރައްޔިތުންގެ ގޮތުގައި ކަމަށާއި އދ.އުފެއްދުމުގެ ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުންކަން ފާހަގަކުރައްވާ ވާހަކަދައްވަމުން ދުންޔާ ވަނީ އދ.އަށް 70 އަހަރު ފުރުން ފާހަގަކުރަމުންދާއިރު ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ކުރެވޭތޯ ސުވާލު ކުރައްވާފައެވެ.
ދެގައުމުގެ ދެމެދުގައި ހަނގުރާމަތައް ކުރުން ހުއްޓުވިފައި ވީނަމަވެސް ގައުމުތަކުގެ ދާހިލީ ހަނގުރާމަތައް ހުއްޓުވުމުގައި އދ. އަށް ކާމިޔާބީއެއް ހޯދިފައި ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އިންސާނީ ޙައްޤުތަކާއި ޖިންސީ ހަމަހަމަކަމުގެ ޙައްޤު ވެސް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށް ނުދެވޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ދުންޔާ ވިދާޅުވީ “އދ.އަކީ އިންސާނީ ޙައްޤުތަކުގެ އުންމީދު” ކަމަށެވެ. ނަމަވެސް އެއުންމީދު ހާސިލް ކޮށްދެވޭނީ އދ.މިހާރަށްވުރެ ވަރުގަދައަށް މަސައްކަތް ކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“އަޅުގަނޑުމެން ގަބޫލުކުރަނީ ކޮންމެ މައްސަލައެއްގެ ވެސް ހުރިހާ ދިމާލަކުން ބަލަން ވާނެކަމަށް.” ދުންޔާ ވިދާޅުވިއެވެ.
ކުދިގައުމުތަކަށާއި ބޮޑެތި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ތަފާތުކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ކުދިގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް އދ.ގެ ސިސްޓަމްގެ ތެރެއިން ވެސް ހާއްސަ ގޮތްތަކެއް އެކަށައެޅިފައި ނުވާކަމަށެވެ.
“އަޅުގަނޑުމެން މިތިބީ މައްސަލަތަކުގެ ހައްލު ހޯދުމަށް މަސައްކަތް ކުރަންތައްޔާރަށް. މިދިޔަ އަހަރު ސޮލަމަން ގައި ބޭއްވި ބައްދަލުވުމުގައި ވެސް އަޅުގަނޑުމެން ވާނީ ކުރިއަށް ދިއުމަށްޓަކައި ގުޅުން ބަދަހި ކުރުމަށް އެސްއައިޑީއެސްގެ ބައްދަލުވުމުގައި ގޮވާލާފައި.” މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއަކީ ކުޑަގައުމެއް ނަމަވެސް ރާއްޖޭގެ މަސައްކަތްތައް ކުޑަނޫންކަން ފާހަގަކުރައްވާ ހާރިޖީ ވަޒީރު ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލަ ފުރަތަމަ އދ.ގެ ސަމާލުކަމަށް ގެންނެވީ އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ކަން ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ