ބެއިންޖިންގަށް އެތެރެވާ މީހުން ކަރަންޓީނު ކުރަނީ

ބެއިޖިންގް (ފެބްރުއަރީ 15) - ޗައިނާއިން އުފަންވެގެން ބާރު ސްޕީޑުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، ވެރިރަށް ބެއިންޖިންގަށް އެތެރެވާ ރައްޔިތުން 14 ދުވަހަށް ކަރަންޓީނުކުރަން ސަރުކާރުން ލާޒިމްކޮށްފި އެވެ.
ޗައިނަގެ އާ އަހަރުގެ ބަންދަށްފަހު ބެއިޖިންގަށް އެނބުރި އަންނަ ހުރިހާ ރައްޔިތުން، އަމިއްލައަށް ނޫނީ ކަރަންޓީނު ސެންޓަރެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވުމަށް ވަނީ އަންގައިފަ އެވެ. އަދި އެ ގޮތަށް އަމަލުނުކުރާ ރައްޔިތުންނަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ސަރުކާރުން ވަނީ ދީފަ އެވެ.
އެ ފިޔަވަޅު އަޅާފައިވަނީ، މިސްރުން އެ ވައިރަހަށް ޕޮޒިޓިވްވި މީހަކު ފެނިފައިވަނިކޮށެވެ. މިއީ އެފްރިކާގެ ބައްރުން އެ ވައިރަސް ފެނުނު ފުރަތަމަ ކޭހެވެ. މީގެ ކުރިން، ތަފާތު 24 ގައުމަކުން 500 އަށް ވުރެ ގިނަ މީހުން އެ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ފިލިޕީންސް، ހޮންގްކޮންގް އަދި ޖަޕާނުގައި ތިން މީހުން ވަނީ މަރުވެފަ އެވެ.
ޗައިނާގެ ވޫހާން ސަރަހައްދުން ފެނުނު އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1،500 އަށް ވުރެ މައްޗަށް އަރައިފަ އެވެ.
ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން "ކޮވިޑް-19" ގެ ނަމުން ނަން ދީފައިވާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާ ސަރުކާރަށް އެހީތެރިވުމަށް ސިއްހީ މާހިރުންގެ ޓީމެއް ވަނީ ފޮނުވައިފަ އެވެ.
އެ ވައިރަހާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވިކަމުގެ ތުހުމަތުތައް އަމާޒުވެފައިވާ ޗައިނާ ސަރުކާރުން ވަނީ ސަރުކާރުގެ އިސް ސިއްހީ އޮފިޝަލުންތަކެއް މަގާމުން ދުރުކޮށްފަ އެވެ.
ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ހަތަރު ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރެވެމުންދާއިރު، މި އާ ވައިރަހަށް ވެކްސިނެއް ހޯދޭނެކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ