ޕީޕީއެމްގެ ފިކުރަކީ ރާއްޖެ އެހެން ގައުމުތަކާއި އެއް ހަމައަކަށް ކުރިއެރުވުން - މައުމޫން

ޕީޕީއެމްގެ ފިކުރަކީ ދިވެހިރާއްޖެއަށް ޒަމާނީ ތަރައްޤީ ގެނެސް، ދުނިޔޭގެ އެހެން ޤައުމުތަކާއި އެއްހަމައަކަށް ކުރިއެރުވުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއާއި އަލަށް ގުޅުނު ބައެއް ބޭފުޅުން އެ ޕާޓީއަށް ސޮއި ކުރުމަށްޓަކައި މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ހާއްސަ ހަފްލާގައި، ވާހަކަފުޅުދައްކައްވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް އަންނަ ތަރައްޤީ ގެންނަންޖެހެނީ އިސްލާމްދީނާއި، މިނިވަންކަމާއި ސިޔާދަތު ބިންގަލެއް ކަމަށް ބަލައިގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ބިންގަލަކީ މާތްވެގެންވާ އިސްލާމް ދީން. އަދި ދިވެހިރާއްޖޭގެ މނިވަންކަމާއި ސިޔާދަތު. މި ބިންގާ ނުގުޑާ ގޮތަކަށް ބަލައިގެން ރާއްޖެއަށް ތަރައްޤީ ގެނައުމަކީ ޕީޕީއެމްގެ ފިކުރު." ރައީސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ގެއްލިއެކި ހާދިސާތައް ވެސް ހިނގާފައި ވަނީ ބޭރުގެ ފަރާތްތަކުން ނުވަތަ ރާއްޖޭގެ ފަރާތްތަކުން ރާއްޖެއިން އިސްލާމްދީން ނައްތާލަން މަސައްކަތްކުރުމުން ކަމަށެވެ.
"ރާއްޖޭގެ މިނިވަންކަން ގެއްލިފައިވަނީ ދީންވެސް ގެއްލުމުގެ ސަބަބުން. ރަސްކަލަކު ނުވަތަ އެހެން މީހެއް ވިޔަސް އެހެން ދީންތަކަށް ބޯލެނބުމުގެ ސަބަބުން. މަލާބާރީން އައި ފަހަރުވެސް، ނުވަތަ ޕޯޗުގީޒުން އައި ފަހަރުވެސް އެމީހުން މަސައްކަތްކުރީ ދިވެހީން ކްރިސްޓިއަނުންނަށް ހަދަން. ތިޔަބޭފުޅުން މިކަން ތާރީޚުން ދެކެވަޑައިގަންނަވާނެ." ރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީނާ ހުރި ގުޅުން ދައްކުވައިދެމުން ރައީސް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވި ގޮތުން، ޕީޕީއެމްއިން މަސައްކަތް ކުރާނީ ރާއްޖޭގައި އިސްލާމީ އަޤީދާ ވަރުގަދަކޮށް، ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށާއި ކީރިތި ރަސޫލާއަށް ލޯބިޖެއްސުމަށެވެ. އަދި ޕީޕީއެމްއަކީ މިނިވަންކަމަށް ލޯބިކުރާ ޕާޓީއެއް ކަމަށް ވިދާޅުވިއެވެ.
"ޕީޕީއެމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ރައްޔިތުންގެ ހައްޤުތަކަށާއި، މިނިވަންކަމަށް ލޯބިކުރާ އަދި އެކަމަށް މަސައްކަތް ކުރާ ޕާޓީއެއް. ނަމަވެސް އަޅުގަނޑުމެން އެމަސައްކަތް ކުރާނީ ދީނީ ހަމަތަކުގެ ތެރޭގައި." މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ، އިޤްތިޞާދު ތަރައްޤީކުރެވޭނީ ޒުވާނުންނަށް އިސްކަން ދީގެން ކަމަށާއި، ޕީޕީއެމްއިން ޒުވާނުންނަށް ތަޢުލީމާއި، މަސައްކަތާއި ކުރިޔަށް ދިއުމުގެ އެކިއެކި ފުރުސަތުތައް ފޯރުކޮށްދޭނޭކަމަވެ. އަދި އަންހެނުންނަށްވެސް ހަމަހަމަ ފުރުސަތުތައް ހޯދައްވައިދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކުރީގެ ޗީފ އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލާއި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރ އަދި ކުރީގެ ފިލްމީ ތަރި ލުފްޝާން ޝަކީބާއި، މަޝްހޫރު ޓީވީ ހުށަހެޅުންތެރިޔާ އާމިނަތް ނަމްޒާގެ އިތުރުން ބައެއް ކުޅިވަރު ކުޅުންތެރިންވެސް ވަނީ ޕީޕީއެމް އަށް ސޮއިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ