ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި 17 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވާ އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަހްމަދު ނިހާންގެ އިސްތިއުނާފް އަޑުއެހުންތައް ފެށުމަށް ހައިކޯޓުން ނިންމައިފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ގާޒީ ނިހާންގެ އާއިލީ ބޭފުޅަކު ވިދާޅުވީ ގާޒީ ނިހާންގެ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް މާދަމާ ހެނދުނު 11:00 ޖަހާއިރު އަޑުއެހުމެއް ބޭއްްވުމަށް ތާވަލްކޮށް ހައިކޯޓުން އެކަން އަންގާފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ގާޒީ ނިހާންގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް މާދަމާ ހައިކޯޓުގައި ފަށަން ނިންމީ މިމައްސަލަ އަވަހަށް ނިންމައިދިނުމަށް އާއިލާ އިން މިދިޔަ ހަފްތާ ތެރޭގައި ހައިކޯޓުގައި އެދުމުންނެވެ.
ގާޒީ ނިހާންގެ އިސްތިއުނާފް މައްސަލަ ފެށުމަށް ހައިކޯޓުން ނިންމާފައި މިވަނީ މައްސަލަ އިސްތިއުނާފަށް ހުށަހެޅިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ.
ގާޒީ ނިހާން ހައްޔަރުކޮށް ކްރިމިނަލް ކޯޓުގައި މިމައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައިރު ގާޒީ ނިހާންގެ ގާނޫނީ ވަކީލަކަށް އޭރު ހުންނެވީ ދައުލަތުގެ ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދެވެ. ނަަމަވެސް ސުއޫދު ސަސްޕެންޑް ކުރުމާ ގުޅިގެން ގާޒީ ނިހާންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަނީ ނިހާނާއި އެކު ހައްޔަރުކޮށްފައިވާ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިންގެ އަނބިކަނބަލުން ޝާދިޔާ އާދަމް އެވެ.
ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން ވަނީ ގާޒީ ނިހާންގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފަ އެެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި، ފޭކް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމެއްލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މިހަތަރު ދައުވާގެ ތެރެއިން މިހާތަނަށް ޝަރީއަތް ހިންގާފައިވަނީ ޓެރަރިޒަމްގެ އަމެއްލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާގަ އެވެ. މި ދައުވާ ސާބިތުވެ ގާޒީ ނިހާން 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރު ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
ގާޒީ ނިހާން ހައްޔަރުކުރުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އޭނާގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. ގާޒީ ނިހާންގެ މައްސަލަ ކްރިމިނަލް ކޯޓުގެ މަރުހަލާ އިން ނިންމާފައިވީ ނަމަވެސް އޭނާ މަގާމުން އަދި ވަކިކޮށްފައި ނުވާ ކަމަށްވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.
ގާޒީ ނިހާން 17 އަހަރަށް ޖަލަށްލީ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މާދަމާ ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ