ރާއްޖޭގައި އަވަސް އިންތިހާބެއް ބާއްވަން ޖެހޭނޭ ކަމަށް ބުނެ އަޑު އުފުލި ބޭރުގެ ބައެއް ޖަމާއަތްތަކާއި ގައުމުތަކުގެ އަޑު ވަރަށް ބޮޑަށް ފަނޑުވެފައިވާ ކަމަށާއި ބޭރުގެ ސަފީރުން އަވަސް އިންތިހާބުގެ ވާހަގަ އެއްގޮތަކަށް ވެސް ނުދައްކާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗްގައި ޕީޕީއެމްއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މި ފަހުން އެމަނިކުފާނު ބޭރުގެ އެކި ގައުމުތަކަށް ކުރި ދަތުރު ތަކުގައި އެ ގައުމުތަކުގެ އިއްޒަތްތެރި ބޭފުޅުންނާއި ބައްދަލުކުރެއްވި ކަމަށާއި އެ ބޭފުޅުން މިހާރު އަވަސް އިންތިހާބެއްގެ ވާހަކަ ނުދައްކަވާ ކަމަށާއި އަދި ރާއްޖެ އަންނަ ސަފީރުންނާއި އެމްބެސެޑަރުން ވެސް އެކަމަށް މިހާރު މާބޮޑު ސަމާލުކަމެއް ނުދެއްވާ ކަމަށެވެ.
"އަޅުގަނޑަށް ދަންނަވާލަން ޖެހެނީ އޭގެ އަޑު [އަވަސް އިންތިހާބުގެ] ވާހަކަ ވަރަށް މަޑުވެއްޖެޔޭ، އަޅުގަނޑާ ބައްދަލުކުރައްވާ ބޭރު ގައުމުތަކުގެ އިއްޒަތްތެރި ބޭފުޅުން ވެސް މިހާރު އެ ވާހަކައެއް ނުދައްކަވާ، އަޅުގަނޑު ރާއްޖޭން ބޭރަށް މިދޭތެރެއިން ދަތުރުތަކެއް ކޮށްފިން ވަރަށް ގިނަ ގައުމުތަކުގެ އިއްޒަތްތެރިންނާއި ބައްދަލުކުރުމުގެ ފުރުސަތާއި އުފާ އަޅުގަނޑަށް ލިބުނު، އެއާއެކީގައި ރާއްޖެ ވަޑައިގަންނަވާ ހުރިހާ ގައުމުތަކެއްގެ ސަފީރުން އަޅުގަނޑާ ބައްދަލުކުރައްވާ، އަޅުގަނޑަށް އެބޭފުޅުންގެ ވާހަކައިން ވެސް އެނގުނީ އަވަސް އިންތިހާބަކީ މިހާރު އެބޭފުޅުން ސަމާލުކަން ދެއްވާ ކަމެއް ނޫން ކަމަށް،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަވަސް އިންތިހާބެއްގެ ވާހަކަ ނުދައްކަނީ ވެރިކަން ވެއްޓުނު ފަހުން ބޭއްވި ބައި އިލެކްޝަންތަކުގެ ނަތީޖާ ނުކުތްގޮތުން އެއީ އަވަސް އިންތިހާބުތަކެއް ކަމަށް ދުނިޔެ ގަބޫލުކުރާތީ ކަމަށެވެ. އަދި ދެންވެސް އަވަސް އިންތިހާބެއް ބޭއްވި ނަމަ ނަތީޖާ ނުކުންނާނެ ގޮތް ބޭރު ދުނިޔެއަށް އެނގޭ ކަމަށްވެސް ވިދާޅުވި އެވެ.
"މިހާރު އަވަސް އިންތިހާބެއް ބޭއްވިއްޖެ، ތިމަރަފުށީ ދާއިރާގެ އިލެކްޝަނާއި ކާށިދޫ ދާއިރާގެ އިންތިހާބާއި ކުމުންދޫގެ އިންތިހާބާއި މާފަރު އިންތިހާބު މި ހިރީ އަވަސް އިންތިހާބު، އަވަސް އިންތިހާބުގެ ނަތީޖާ މިހާރުވަނީ ފެނިފައި، އެހެންވީމަ އެމީހުން ދެނެއް ބޭނުމެއް ނުވޭ އަވަސް އިންތިހާބެއްގެ ވާހަކަ ދައްކާކަށް، ދެން އަވަސް އިންތިހާބެއް ބޭއްވިއަސް ނަތީޖާ ނުކުންނާނެ ގޮތް އެ އޮތީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ބޭރުގެ ފަރާތްތަކުން އިންކްއަރީ ކޮމިޝަނުގެ ތަހުގީގު ހިގަމުން ދާ ގޮތާ މެދު ބެހެން ބޭނުންވާ ކަމަށާއި ރާއްޖެއަކީ ވެސް ދުނިޔެއަށް ހުޅުވާލެވިފައިވާ ގައުމެއް ކަމުން ރާއްޖެއަށް ވެސް ނުފޫޒު ފޯރުވުމުގެ މަސައްކަތްތައް އެކި ފަރާތްތަކުން ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ވިސްނުން ގެންގުޅެންވީ ދިވެހިންގެ މައްސަލަ ހައްލުކުރާނީ ދިވެހިން އަމިއްލައަށް ކަމުގައި ގަބޫލުކުރުމަށް ކަމަށެވެ.
"މީގެ މާނައެއް ނޫން އެ މީހުން [ބޭރުގެ އެކި ފަރާތްތަކުން] ދޭ މަޝްވަރާ ގަބޫލު ނުކުރާނަމެކޭއެއް، ބޭރުގެ ބައެއް ފަރާތްތަކުން އަޅުގަނޑުމެންނަށް ހެޔޮ ނަސޭހަތް ދޭނެ، ހެޔޮ މަޝްވަރާ ދޭނެ، ހެޔޮ ހިޔާލު ހުށަހަޅާނެ، އެ ކަންތައްތަކަށް ވިސްނާފައި ރާއްޖެއަށް އެންމެ ރަނގަޅު ގޮތްކަމަށް ވަންޏާ އެ ގޮތަށް އަމަލުކުރުމަކީ އެންމެ ރަނގަޅު ގޮތެއް،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ އަޒުމަކީ އެ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ޒުވާނުން ގިނަ ޕާޓީއަކަށް އެ ޕާޓީ ހެދުން ކަމަށާއި އެ މަގުން ކަންތައްތައް ދަންޏާ ޕީޕީއެމްގައި ތިބޭނީ ދެން ހުސް ޒުވާނުން ކަމަށެވެ. އަދި ޕީޕީއެމްއަކީ ޒުވާނުންގެ މެދުގައި މަގުބޫލް ޕާޓީއަކަށް ވާނެ ކަމުގެ އުންމީދު އާކުރެއްވި އެވެ.
"މި ގޮތަށް ދެން ކަންތައްތައް ދެންޏާ އަޅުގަނޑުމެން ޕާޓީގައި ތިބޭނީ ހައްތާހާ ވެސް ޒުވާނުން، ޕާޓީގައި މުސްކުޅިއަކަށް ހުންނާނީ ހަމަ އެކަނި އަޅުގަނޑު، އާދެ އެއީ ވަރަށް އުފާވެރިކަމެއް، އެއީ އަޅުގަނޑުމެންގެ މުސްތަގުބަލް އެ ޕާޓީގައި ހިމެނިފައިވާ ޕާޓީއަކަށް މި ޕާޓީވާކަން،" މައުމޫން ވިދާޅުވި އެވެ.
އެ ޖަލްސާގައި މައުމޫން ވަނީ ޕީޕީއެމްއިން ޑިމޮކްރަޓިކް ހަމަތަކާއި ގަވާއިދާއި ގާނޫނުގެ ބޭރުން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ޕާޓީގެ މެންބަރުންނަށް އަރުވާފަ އެވެ.
ބޭރުގެ ފަރާތްތަކުން މިހާރު އަވަސް އިންތިހާބުގެ ވާހަކައެއް ނުދައްކާ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ