ސައޫދީއަކީ ނޭޓޯއިން ބޭރުގައިވާ، އެމެރިކާގެ އަސްކަރީ ބައިވެރިއެއް: ޓްރަމްޕް
ވޮޝިންޓަން (19 ނޮވެންބަރު 2025): ސައޫދީ އަރަބިއާއަކީ ނޭޓޯއިން ބޭރުގައިވާ އެމެރިކާގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައިފިއެވެ. ޓްރަމްޕްގެ ދައުވަތަކަށް އެމެރިކާއަށް ވަޑައިގެން އުޅުއްވާ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ ޝަރަފުގައި ވައިޓް ހައުސްގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ސައޫދީ އަރަބިއާއަކީ އެމެރިކާއާ ވަރަށް ގުޅުން ބޮޑު ޚާއްސަ ބައިވެރިއެއް ކަމަށާއި ސައޫދީ އަރަބިޔާ ރައްކާތެރިކޮށް ހިމާޔަތްކޮށް ދިނުމަށްޓަކައި ސައޫދީއާއި އެމެރިކާއާ ދެމެދު ސްޓްރެޓީޖިކް ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމުގައެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ސައޫދީއަކީ ނޭޓޯއިން ބޭރުގައިވާ އެމެރިކާގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. ޓްރަމްޕް ވަނީ ނޭޓޯއިން ބޭރުގައިވާ އެމެރިކާގެ އަސްކަރީ ބައިވެރިއެއްގެ ގޮތުގައި ސައޫދީ ހެދުމަކީ ތާރީޚީ ކަމެއްކަމަށް ސިފަކުރައްވާފައެވެ. ނޭޓޯއިން ބޭރުގައިވާ އެމެރިކާގެ އަސްކަރީ ބައިވެރިންގެ ތެރޭގައި ހިމެނެނީ މަދު ގައުމުތަކެކެވެ. މީގެ ތެރޭގައި ޖަޕާން، ދެކުނު ކޮރެއާ، އިސްރާއީލު، އޮސްޓްރޭލިއާ ގަތަރު ފަދަ ގައުމުތައް ހިމެނެއެވެ. ޓްރަމްޕް ވަނީ ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަކީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައިވެސް އާދަޔާ ޚިލާފު ބޭފުޅެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ސައޫދީ ބޭނުންވާ އެމެރިކާގެ އެފް- 35 މަރުކާގެ އަސްކަރީ ސްޓެލްތް ފައިޓާޖެޓް ވެސް ސައޫދީ އަށް ވިއްކާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ރައްދުގައި ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ކުރިޔަށް އޮތް އަހަރުތަކުގައި ސައޫދީ ސަރުކާރުން އެމެރިކާގައި ދެ ޓްރިލިޔަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އަރަބި އިސްލާމީ ގައުމުތަކުގެ އިއުތިރާފު އިސްރާއީލަށް ހޯދައި އަރަބި އިސްލާމީ ގައުމުތައް އިސްރާއީލާ ގުޅުވުމަށްޓަކައި އެމެރިކާ ކުރިޔަށްގެންދާ އަބްރަހަމް ކޮންވެންޝަންގައި ވެސް ސައޫދީ ބައިވެރިވާނެކަމަށް ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ވިދާޅުވިއެވެ. ނަމަވެސް ބިން ސަލްމާން ވިދާޅުވިގޮތުގައި އެ ކޮންވެންޝަންގައި ސައޫދީ ބައިވެރިވުމުގެ ކުރިން ފަލަސްތީނުގެ ބިންތަކުގައި ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރަން ވާނެއެވެ. ފަލަސްތީނުގެ ހައްގުތައް ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭނެއެވެ. ވައިޓް ހައުސް ބުނާގޮތުން ބިން ސަލްމާން އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި ސައޫދީގައި ނިއުކްލިޔާ ހަކަތަ އުފެއްދުމަށް ބޭނުންވާ އެއްބަސްވުމެއްގައިވެސް ދެގައުމުގެ މަސްއޫލުވެރިން ވަނީ ސޮއިކުރައްވާފައެވެ. އަރަބި އިސްލާމީ ގައުމުތަކަށް ނިއުކްލިޔާ ހަކަތަ ފޯރުކޮށްދިނުމުގައި އެމެރިކާގެ ސިޔާސަތު އޮންނަ ގޮތަކީ މަދަނީ ކަންކަމަށް ބޭނުންވާ ނިއުކްލިޔާ ހަކަތަ އެމެރިކާގެ ކޮންޓްރޯލް އޮންނަ ގޮތަށް ފޯރުކޮށް ދިނުމެވެ. މި ސިޔާސަތު ބިނާކޮށްފައިވަނީ ނިއުކްލިޔާ ހަކަތަ އުފެއްދުމަށް ބޭނުންވާ ޔޫރޭނިޔަމް އެމެރިކާގައި ފައްކާ ކުރުމަށްފަހު ފައްކާކުރި ޔޫރޭނިޔަމް އެ ގައުމަކަށްދީގެން އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީގެ ބެލުމުގެ ދަށުން މަދަނީ ބޭނުންތަކަށް ނިއުކްލިޔާ ހަކަތަ އުފެއްދުމުގެ މައްޗަށެވެ. އަރަބި އިސްލާމީ ގައުމަކަށް އެ ގައުމު އަމިއްލައަށް ޔޫރޭނިއަމް ފައްކާކޮށްގެން ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ފުރުސަތު ދިނުމަކީ އެމެރިކާ ދެކޮޅު ހަދާ ކަމެކެވެ. އެމެރިކާއަށް ބަރޯސާ ނުވެ އިސްލާމީ ގައުމަކަށް ނިއުކްލިޔާ ޓެކްނޮލޮޖީ ލިބުމަކީ އެކަމުގައި އެމެރިކާގެ ކޮންޓްރޯލް ގެއްލި ނިއުކްލިޔާ ނޮލެޖް އިސްލާމީ ގައުމަކަށް ލިބިގެންދާނެ ކަމަކަށްވާތީ އެމެރިކާ ގެންދަނީ މިކަމަށް ހުރަސް އަޅަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ސައޫދީއާއެކު އެމެރިކާ ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމުގައި ހިމެނެނީ އެމެރިކާގައި ޔޫރޭނިޔަމް ފައްކާ ކުރުމަށްފަހު އެޔޫރޭނިޔަމް ސައޫދީއަށް ދީގެން ސައޫދީގެ މަދަނީ ބޭނުންތަކަށް ނިއުކްލިޔާ ހަކަތަ ބޭނުން ކުރުމުގެ ފުރުސަތު ސައޫދީއަށް ދިނުމުގެ މައްޗަށެވެ. ޔޫރޭނިއަމް ފައްކާ ކުރުމުގެ ޓެކްނޮލޮޖީ ސައޫދީއަށް ދޭ ގޮތަކަށް ނޫނެވެ. އީރާނާއި އެމެރިކާ އާ ދެމެދު މައްސަލަ ޖެހެނީ ޔޫރޭނިޔަމް ފައްކާ ކުރުމުގެ ހައްގަކީ ނިއުކްލިޔާ މުއާހަދާއިން ކޮންމެ ގައުމަކަށް ވެސް ލިބޭ ހައްގަކަށް ވެފައި މި ހައްގު ދޫކޮށްލުމަށް އީރާން ދެކޮޅު ހަދާތީއެވެ. އެމެރިކާ ބޭނުންވަނީ އެމެރިކާގައި ޔޫރޭނިޔަމް ފައްކާ ކޮށްފައި އެމެރިކާގެ ބެލުމުގެ ދަށުން އޭގެ ބޭނުން މަދަނީ ގޮތުން އީރާން ކުރުމުގެ މައްޗަށެވެ. މިއީ އީރާން ދެކޮޅު ހަދާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ