ވީއޭއެމްގެ ހެޑު ކޯޗު ކަމުން ސޮފްވާން ވަކިކޮށް، ފަސް އަހަރަށް ސަސްޕެންޑުކޮށްފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހެޑް ކޯޗުގެ މަގާމުގައި ހުރި ސޮފްވާން އަހުމަދު އެ މަގާމުން ވަކިކޮށް، ފަސް އަހަރަށް ސަސްޕެންޑުކޮށްފި އެވެ.
އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގައި ވެސް ހިމެނޭ ސޮފްވާނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް މައްސަލަތަކަކާއި ގުޅިގެންނެވެ.
ވީއޭއެމް އިން ބުނީ ސޮފްވާންއާ ގުޅޭ ތުހުމަތުތައް ބެލުމަށް ފަހު އޭނާގެ މައްޗަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހެޑް ކޯޗުގެ މަގާމުން ސޮފްވާން ވަކިކޮށް، އެފަދަ މަގާމަކަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އޭނާ އައްޔަން ނުކުރުމަށާއި އެ އެސޯސިއޭޝަނުން އިންތިޒާމް ކުރާ އެއްވެސް މުބާރާތެއްގައި، އޮފިޝަލެއްގެ ގޮތުގައި ނުވަތަ އެނޫންވެސް ހައިސިއްޔަތުން ކުރިއަށް އޮތް ފަސް އަހަރަށް އޭނާއަށް މަސައްކަތް ނުކުރެވޭނެ ގޮތަށް ހަމަޖެއްސުން ހިމެނެ އެވެ.
އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރެފްރީން ފޮނުވައިގެން، ރެފްރީކަން ކުރާ އެއްވެސް މުބާރާތެއްގައި އޮފިޝަލެއްގެ ގޮތުގައި ނުވަތަ އެނޫންވެސް އެއްވެސް ހައިސިއްޔަތަކުން ކުރިއަށް އޮތް ފަސް އަހަރަށް މަސައްކަތް ނުކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި އެގްޒެކެޓިވް ކޮމިޓީން އޭނާ ވަކިކުރުމަށް ކޮންގްރެސް އަށް ހުށަހެޅުމާއި އަދި ކުރިއަށް އޮތް ފަސް އަހަރަށް އެ އެސޯސިއޭޝަންގެ އިންތިހާބީ މަގާމަކަށް ނުވަތަ އައްޔަންކުރާ މަގާމަކަށް އޭނާ ހަމަނުޖެއްސުމަށް ވެސް އޮތީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ