ޔުމްނުގެ ހާދިސާއާ ތިމާގެ މީހަކާ ގުޅުމެއް ނެތް، ސީޕީއަށް ގުޅީ ފަސޭހަކޮށްދޭން: އަމީން

ހައްވާ ޔުމްނު ރަޝީދު (21އ) ފުރާޅެއް މަތީ 'ވެއްޓިފައި' އޮއްވައި ފެނުނު ހާދިސާއާ ތިމާގެ އެއްވެސް މީހަކާ ގުޅުމެއް ނެތް ކަމަށާއި އެ މައްސަލައިގެ ތެރެއިން އޭރުގެ ފުލުސް ކޮމިޝަނަރު އަލީ ޝުޖާއަށް ގުޅުއްވީ ތަހުގީގަށް ފަސޭހަކޮށްދޭން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ. ޔުމްނުގެ ހާދިސާއާ ގުޅިގެން އަމީނަށް ބޮޑުބޭބެ ކިޔައި ދެ މީހަކަށް ތުހުމަތުކުރެވޭ ކަމަށް ބުނެ އެމްޑީޕީން ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފައެވެ. މިދިޔަ މަހު 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ޔުމްނު ވެއްޓިފައި އޮއްވައެވެ. ފުލުހުން ވަނީ އޭނާ ވެއްޓުނީ އަމިއްލައަށް ކަމަށެވެ. އެކަމަކު، އާއިލާގެ ފަރާތުން ވަނީ ޔުމްނުއާ ހަވާލާދީ ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި ބަޔަކު އޭނާ 'މަރުވާން ދޫކޮށްލީ' ކަމަށް ބުނެފައެވެ. އެ މައްސަލައިގައި ހިމެނޭ މީހުން ފެންޓެނޯއީ ގެއަށް ދިއުމުގެ ކުރިން ދިޔައީ މއ. މާންދޫގެދެކުނުގެއަށެވެ. އެ ގެއަކީ އަމީންގެ އާއިލީ ގެކޮޅެވެ. އެ ކަމަށް އަމީން ވެސް އެއްބަސްވެލައްވައެވެ. އެ ގޭގައި އޮތް 'ގެދަރިން'ގައި އޭނާއަށް ބޮޑުބޭބެ ކިޔައި ދެ މީހަކު ބައިވެރިވި ކަމަށް މީގެ ކުރިން މިނިސްޓަރު އެއްބަސްވެލެއްވިއެވެ. އެކަމަކު، އެ ހާދިސާއާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އަމީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެ މައްސަލައިގައި އަމީނާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވާން މިއަދު މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން އަމީން ވިދާޅުވީ، ޔުމްނު ވެއްޓިފައި އޮތް ހާދިސާގައި އޭނާއަށް ބޮޑުބޭބެ ކިޔައި އެއްވެސް މީހަކު ބައިވެރިވި ކަމަށް ނުވަތަ އެ ހާދިސާއާ ގުޅުމެއް އޮތް ކަމަށް ވެސް އެއްވެސް އިދާރާއަކުން ނިންމާފައިނުވާ ކަމަށެވެ. އެ ގޭގައި މަސްތުވާތަކެތި ބޭނުންކޮށްގެން 'ޕާޓީކުރި' ކަމަށް ތުހުމަތުކުރެވުނު ނަމަވެސް އެ ފަދަ އެއްވެސް ނިންމުމެއް ތަހުގީގީ އިދާރާއަކުން ނިންމާފައިނުވާ ކަމަށް އަމީން ވިދާޅުވިއެވެ. އެހެންވެ، އެމްޑީޕީގެ މެންބަރުންނަށް އެކަން އެނގިލައްވާނަމަ ތަހުގީގު އިދާރާތަކަށް އެ މައުލޫމާތު ހިއްސާކޮށްދެއްވަން އޭނާ އެދިވަޑައިގަތެވެ. މިނިސްޓަރު އަމީން ވިދާޅުވީ، އެ ގެއަކީ އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ އިތުރު ތިން ބޭފުޅުންގެ ގެއެއް ކަމަށެވެ. އެހެންވެ، އެ ގޭގައި ކުށެއް ކުރި ނަމަވެސް އެ ކަމުގެ ޒިންމާ ވަކި މަގާމެއްގައި ހުންނެވުމުގެ ސަބަބުން އޭނާ ނަގަން ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޔުމްނު ވެއްޓުނު ހާދިސާ ހިނގީ ވެސް އޭނާ ދިރިއުޅުއްވާ ގެކޮޅުގައި ނޫން ކަމަށެވެ. "މޯލްޑިވްސް ޕޮލިސް ސާވިސްއަކީ އަޅުގަނޑުގެ ބެލުމުގެ ދަށުގައި ހިންގާ އިދާރާއެއް ނޫން. މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ޖަވާބުދާރީވާ ތަނެއް ވެސް ނޫން. އަޅުގަނޑު ނުފޫޒު ފޯރުވާފައެއް ވެސް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ. އެ މައްސަލައިގައި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އޭރު ހުންނެވި ފުލުސް ކޮމިޝަނަރު އަލީ ޝުޖާއަށް އަމީން ގުޅުއްވި ކަމަށް އޭނާ އެއްބަސްވެލެއްވިއެވެ. އެކަމަކު، މަޖިލީހުގައި މިއަދު އަމީން ވިދާޅުވީ، ކޮމިޝަނަރަށް ގުޅުއްވީ އޭނާ ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން އަންނަން ކޯޓު އަމުރެއް ބޭނުންނުވާނެ ވާހަކަ ދަންނަވަން ކަމަށެވެ. މި މައްސަލައާ ގުޅިގެން ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކަމަށް އަމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ