ނުކުޅެދުންތެރިކަން
ހުންނަ ފަރާތްތަކަށް ޚާއްޞަ އެކްޝަން ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ
ކަމަށާއި މި ޕްލޭންގެ މައިގަނޑު މަޤްޞަދަކީ ވީހާވެސް ޅަފަތުގައި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދެނެގަތުން ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ
ވުޒާރާއިން ބުނެފިއެވެ.
މި އެކްޝަން
ޕްލޭނާ ބެހޭގޮތުން، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި
ވާހަކަފުޅުދައްކަވަމުން، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ
އަޙްމަދު ޢާޠިފް ވިދާޅުވީ، "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން"
އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދެވިފައިވަނީ ޞިއްޙީ ދާއިރާއިން ނުކުޅެދުންތެރިކަން
ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ކަމަށެވެ. އެގޮތުން މި ޕްލޭންގެ
ދަށުން ޞިއްޙީ ދާއިރާއިން އެފަދަ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ
އިތުރުން އެމީހުން ޢާންމު ޙާލަތަށް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށްވެސް
އޭނާ ފާހަގަކުރެއްވިއެވެ.
އެންމެ
ފުރަތަމަ ކަމެއްގެ ގޮތުގައިވެސް މި ޕްލޭނުގައި އޮންނާނީ، ވީހާވެސް ޅަފަތުގައި ނުކުޅެދުންތެރިކަން
ހުންނަ ފަރާތްތައް ދެނެގަތުން. އެންމެ ފުރަތަމަ ކައިވެނިކުރާ ދުވަހުން ފެށިގެން އެމީހުންނަށް
ލިބޭ ކައުންސެލިންގއާއި، ފެމިލީ ޕްލޭނިންގގެ ތެރެއިން ކުރަންޖެހޭ ކަންކަމަކީ އަޅުގަނޑުމެން
ނިޒާމެއްގެ ތެރެއިން ވަކި ގޮތަކަށް މި ކަން ކުރެވިއްޖެނަމަ އެކަށީގެންވާ ނަތީޖާއެއް
ފެންނާނެ ކަންކަން. އެހެންކަމުން މި ޕްލޭންގައި ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ނުކުޅެދުންތެރިކަން
ވީހާވެސް ކުޑަ ކުރުމަށް އަދި ޅަފަތުގައި ދޭންޖެހޭ ފަރުވާއަށްވެސް,
ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާޠިފް
"ނޭޝަނަލް އެކްޝަން ޕްލޭން
އޮން ޑިސްއެބިލިޓީ އިންކްލޫޝަން" އަކީ އިޖްތިމާޢީ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް
ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން އެކުލަވާލައިފައިވާ ޕްލޭނެކެވެ. މި
އެކްޝަން ޕްލޭންގައި މައިގަނޑު 5 ދާއިރާއެއްގެ މައްޗަށް އުސޫލުތައް އެކުލެވިގެންވެއެވެ.
އެއީ ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، މާލީ ދާއިރާ، އިންކްލޫސެބިލިޓީގެ އިތުރުން އެކްސެސް
ޓު ޖަސްޓިސް ދާއިރާއެވެ.
އިޖްތިމާޢީ
ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމާއި
މުޖުތަމަޢުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލައިފައިވާ މި
ޕްލޭނުގެ ސަބަބުން ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ
ފަރާތްތަކަށް ކުރިމަތިވަމުންދާ ހުރަސްތައް ދެނެގަނެވިގެންދާނެއެވެ. މީގެ އިތުރުން މި
ޕްލޭންގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވުން މަދުކޮށް، އަމިއްލައަށް ދިރިއުޅުމެއް
ބައްޓަންކުރުމުގެ މަގު ތަނަވަސްވެގެންދާނެކަމަށްވެސް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ
ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ނޭޝަނަލް
އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން" އަކީ ނުކުޅެދުންތެރިކަން ހުންނަ
މީހުންގެ އިޙްތިޔާޖުތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްޤީކޮށް، މަސައްކަތުގެ
ތަޖުރިބާއާއި އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި
އެކުލަވާލެވިފައިވާ ޕްލޭނެކެވެ.
ޅަފަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދެނެގަތުމަށް އެކްޝަން ޕްލޭނެއް އެކުލަވާލަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ