މަގުތަކުން ފެން ހިނދެންދެން ބަރު އުޅަނދު ނުދުއްވަން ފުލުހުން އެދިއްޖެ

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާތީ، ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން ފުލުހުން އެދިއްޖެއެވެ. މިއަދު ހަވީރުން ފެށިގެން މާލެއަށް ވެހެމުން އަންނަ ވާރޭގައި ގިނަ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އެހެންވެ، ވެލި ބަސްތާ ޖެހުމާއި ފެން ހިންދުމަށް ސިފައިން މިވަގުތު އެކި ސަރަހައްދުތަކުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ، ބޯކޮށް ވާރޭވެހި، މާލޭގެ މަގުތަކުގައި ފެންބޮޑުވެގެން ބައެއް ގޭގެއަށް ފެންވަނުމުގެ ހާދިސާތައް ހިނގާފައި ވާކަމަށެވެ. މިގޮތުން، މަގުތަކުން ފެން ހިނދެންދެން މާލޭގެ މަގުތަކުގައި ބަރު އުޅަނދުތަކާއި ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވުމަށް ފުުލުހުން ވަނީ އެދިފައެވެ. https://x.com/PoliceMv/status/1895886508776996946 އެއާއެކު، ފުލުހުން ވަނީ މިފަދަ ހާލަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. މިހާރު ވެސް ގުރުގުރުމާ އެކު، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓުން ވަނީ ބ. އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރެފައެވެ. މި ސަމަލު ނެރުނީ، މިރޭ 9:45 އިން ފެށިގެން މެންދަމު 2:00އާ ހަމައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ