އަލްވަރޭޒް، ސިޓީ ދޫކޮށްލީ ބޮޑެތި މެޗުތަކުގައި ކުޅެން ބޭނުންވާތީ އަލްވަރޭޒް، ސިޓީ ދޫކޮށްލީ ބޮޑެތި މެޗުތަކުގައި ކުޅެން ބޭނުންވާތީ

މެޑްރިޑް (މާޗް 1) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރު ފަަހަރު ހޯދި މެންޗެސްޓާ ސިޓީ ދޫކޮށްލި އެންމެ ބޮޑު ސަބަބަކީ، ބޮޑެތި މެޗުތަކުގައި ބެންޗުގައި އިނުމުގެ ބަދަލުގައި، ކުޅެން ބޭނުންވާތީ ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް ބުނެފި އެވެ.
ރިވަ ޕްލޭޓް ދޫކޮށް، 2022 ވަނަ އަހަރު ޖެނުއަރީ މަހު ސިޓީ އަށް އަލްވަރޭޒް ބަދަލުވީ 20 މިލިއަން ޑޮލަރަށެވެ. އަލްވަރޭޒް، 24، އަށް ސިޓީން މިދިޔަ ސީޒަނުގެ ފަހުކޮޅުގައި އާ ކޮންޓްރެކްޓެއް ދިނެވެ. އެކަމަކު، އޭނާ އެ ޑީލަށް އެއްބަހެއްނުވި އެވެ. އެއީ، މިހާރު، ހަދާފައި އޮތް ޑީލަށް އިތުރު އެއް އަހަރު ހިމަނައި، މުސާރަ ބޮޑުކޮށްފަ އެެވެ. އެކަމަކު، 2029 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ހަދަން އުޅުނު އެ ޑީލް ކުރިއަކަށް ނުދިޔަ އެވެ.
އެންމެ ފަހުން، ސިޓީން ވަނީ، އެތުލެޓިކޯ އިން ހުށަހެޅި 85 މިލިއަަން ޑޮލަރުގެ އޮފާ ގަބޫލުކޮށް، އެ ޓީމަށް އަލްވަރޭޒް، 24 ވިއްކާލައިފަ އެވެ. މި ސީޒަނުގައި މިހާތަނަށް އެތުލެޓިކޯ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލްވަރޭޒް ދާދި ފަހުން ސްޕެއިނުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ވަނީ ސިޓީ ދޫކޮށްލި ސަބަބު އޮޅުންފިލުވައިދީފަ އެވެ.
އާޖެންޓީނާ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ އަލްވަަރޭޒް ބުނީ، ސިޓީ އަކީ އޭނާ އަށް ޔޫރަޕް ފުޓްބޯޅައިގައި ފެންވަރު ސާބިތުކޮށްދީ ކެރިއަރު ބިނާކުރަން އެހީވި ކްލަބް ކަމަށެވެ. އަދި، މިދިޔަ ސީޒަނަށް ފަހު، ސިޓީ ދޫކޮށްނުލައި، އެ ޓީމުގައި މަޑުކުރި ނަމަވެސް އުފަލުގައި އެ ކްލަބްގައި ހުންނާނެ ކަމަށް އަލްވަރޭޒް ވަނީ ބުނެފަ އެވެ.
"އެކަމަކު، އަހަރެންގެ އަމިއްލަ ނަފްސު އަހަރެން ގާތުގައި ބުނަމުންދިޔައީ އާ ޗެލެންޖެއް ނަގަން ޖެހޭ ވަގުތެކޭ. އެހެން އެ އިހުސާސްތައް ކުރެވެމުންދިޔައިރު، އަހަރެން ބޭނުންވީ ބޮޑެތި މެޗުތަކުގައި ކުޅެން، މި ބުނީ، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާއި ފައިނަލް ފަދަ މެޗުތަކުގައި، އެ ފުރުސަތު އިތުރަށް އޮތް ޗެލެންޖިން ޓީމަކަށް ދިއުމަށް އެތުލެޓިކޯއާ ގުޅުނީ،" އަލްވަރޭޒް ބުންޏެވެ.
އާޖެންޓީނާގެ ލެޖެންޑް، ޑިއޭގޯ ސިމިއޯނީގެ ކޯޗުކަމުގައި އެތުލެޓިކޯ އަށް ކުޅެން އެއްބަސްވުމުގެ ކުރިން، ވަރަށް ގިނަ ވާހަކަ ދެކެވުނު ކަމަށް އަލްވަރޭޒް ވަނީ ބުނެފަ އެވެ.
އަލްވަރޭޒް ވަނީ މި ސީޒަނުގައި މިހާތަނަށް 39 މެޗުން 20 ގޯލު ޖަހައި، ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ