ގެ ހަދަން ކުޑަ އިންޓްރެސްޓުގައި ދޭ ލޯނު ޖުލައިގައި ދޫކުރަން ފަށަނީ

ގެދޮރު އިމާރާތް ކުރަން ކުޑަ އިންޓްރެސްޓުގައި ދޫކުރާ ލޯނު އަންނަ ޖުލައި މަހުން ފެށިގެން ދޫކުރަން ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރަައީސް ވިދާޅުވީ ލޯނު ދޫކުރުމަށް މި އަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.
އެނގުން މުހިއްމު - މިއީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ދޫކުރާ ލޯނެކެވެ.
ތަފްސީލް - ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އަމިއްލަ ގޯތީގައި އިމާރާތްކުރުމަށް %5
އިންޓަރެސްޓުގައި ދޫކުރާ މި ލޯނު ޖުލައި މަހު ދޫކުރަން ފެށުމުން، ދިރިއުޅުން ބިނާކުރުމަށްޓަކާ އާންމު ރައްޔިތުންނަށް 1 ބިލިއަން ރުފިޔާގެ ލޯނު ދޫކުރާނެ ކަމަށެވެ.
"މި
ލޯނު ސްކީމްގެ ދަށުން މާލޭގައި ނަމަ 6 މިލިއަން ރުފިޔާއާ ހަމައަށް އަދި
ބެހެނިވެރިން އެކުވެގެން ނަމަ 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ،" ރައީސް ވިދާޅުވި އެވެ.
"މީގެ
އިތުރުން، ދެމެހެއްޓިނިވި އާބާދީ އާއި ތަރައްގީގެ ވިސްނުމުގެ ދަށުން ކަނޑައެޅިފައިވާ
ރަށްރަށުގައި 3 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ. އަދި އެހެނިހެން
ރަށްރަށުގައި 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ."
މި ލޯނުގެ ބޭނުންކޮށްގެން މުޅިން އަލަށް ގެއެއް
އިމާރާތްކުރުމާއި ހަދަންފަށާ ނުނިމިހުރި ގެއެއް ނަމަ ނިންމުމާއި ހަދާފައި ހުރި ގެއެއް ނަމަ މަރާމާތު ކުރެވޭނެ އެވެ.
މިއީ މުޅި
ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެރައްޔިތެއްގެ ފުރަތަމަ ގެއަށް ހަރަދުކުރުމަށް ހުޅުވާލެވޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ގުޅުން ހުރި - 'ހިޔާވެހި' ލޯނު ސްކީމުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ނޮވެމްބަރު މަހު އެވެ.
ލޯނު ދޭނީ ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހިނުކުރުމަށް ފަހު
އިންޓްރެސްޓް ރޭޓު - %5
ލޯނު އަނބުރާ ދައްކަން - ގިނަވެގެން 25 އަހަރު (މުއްދަތު ކަނޑައަޅާނީ ލޯނަށް އެދޭ ފަރާތުގެ އުމުރަށް ބެލުމަށް ފަހު ލޯނު ދޫކުރާ ބޭންކުން)
ގްރޭސް ޕީރިއަޑު - ގިނަވެގެން 18 މަސް
އަލަށް ގެ އަޅަން އަދި އިމާރާތް ކުރަން ފަށާފައި ހުންނަ ގެދޮރު ނިންމުމަށް ވެސް ލޯނު ދޭނެ
އެޑުވާންސްގެ ގޮތުގައި ގިނަވެގެން ދޫކުރާނީ %15؛ އިތުރަށް ފައިސާ ލިބޭނީ މަސައްކަތް ކުރިއަށްދާ މިންވަރަށް ބެލުމަށް ފަހު
ލޯނުތައް ދޫކުރާ ފަރާތްތައް ކަނޑައަޅާނީ ލޯނަށް އެދޭ މީހުންގެ 'ފައިނޭންޝަލް ސްކްރީނިން'އަކަށް ފަހު ލޯނު އަނބުރާ ދެއްކޭ މީހެއްތޯ ބަލައި ކަށަވަރު ކުރުމަށް ފަހު އެވެ.
ލޯނު ދޫކުރާ ތިން ކެޓަގަރީ:
ހިޔާވެހި ފައިނޭންސިން - ރަށްވެހި: އަތޮޅުތަކުގައި ގެދޮރު އަޅަން 1 މިލިއަން ރުފިޔާއާ ހަމައަށް (އިކުއިޓީ ބަހައްޓާކަށް ނުޖެހޭނެ)
ހިޔާވެހި ފައިނޭންސިން - ސަހަރު: އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 3 މިލިއަން ރުފިޔާއާ ހަމައަށް (%5 އާއި %10 ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)
ހިޔާވެހި ފައިނޭންސިން - ފަހިމާލެ - މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް (%5 އާއި %10 ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ