އަށް ވަނަ ބުރުގައި ބޭއްވި ވޯޓުން މަހިބަދޫ ކައުންސިލްގެ ނައިބަކަށް ޒައީމާ

އދ. މަހިބަދޫ ކައުންސިލްގެ ނައިބު ރައިސަކު ހޮވަން އާ ކައުންސިލަރުންގެ މެމްބަރުންގެ މެދުގައި އަށް ވަނަ ފަހަރަށް ބޭއްވި ވޯޓުގައި އެ ރަށު ކައުންސިލުގެ ނައިބަކަށް އެމްޑީޕީގެ މެމްބަރު ޒައީމާ މުހައްމަދު ރޭ ހޮވިއްޖެ އެވެ. 
އާ ދައުރަކަށް މަހިބަދޫ ކައުންސިލަށް ހޮވުނު ފަސް ބޭފުޅުން ވެސް ވަނީ މިދިޔަ އާދިއްތަ ދުވަހު މަގާމުގެ ހުވާކުރައްވައިފަ އެވެ. އެކަމަކު ގާނޫނު އޮންނަ ގޮތަށް، މެމްބަރުން އިންތިހާބުވުމަށް ފަހު، ބާއްވާ ފުރަތަމަ ޖަލްސާގައި ކައުންސިލަށް ނައިބަކު ހޮވަން ޖެހުނަސް ވޯޓުގެ ނަތީޖާ އެއްވަރުވުމުން، ކައުންސިލްގެ މަސައްކަތްތައް އޮތީ ނުފެށިފަ އެވެ. 
މަހިބަދޫ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް ތިން ބޭފުޅަކު ވާދަކުރެއްވި އެވެ. އެއީ އެމްޑީޕީގެ މެމްބަރު ޒައީމާގެ އިތުރުން ޕީއެންސީގެ މެމްބަރު މުހައްމަދު މައުމޫނާއި އަމިއްލަ މެމްބަރު ބުންޔާމީން ހަސަނެވެ. 
އެންމެ ފުރަތަމަ ބުރުގެ ވޯޓުގައި ޒައީމާ އާއި މައުމޫނަށް ވެސް ލިބުނީ ދެ ވޯޓެވެ. ބުންޔާމީނަށް ލިބުނީ އެއް ވޯޓެވެ. އެކަމަކު އޭގެ ފަހުން ނެގި ކޮންމެ ވޯޓެއްގައި ވެސް ޒައީމާ އާއި މައުމޫންގެ ވޯޓު އެއްވަރުވެ، ބާތިލު އެއް ވޯޓު ހިމެނުނެވެ. 
މަހިބަދޫގެ އާ ކައުންސިލަރުން މަގާމުގެ ހުވާކުރެއްވުމަށް ފަހު، ފުރަތަމަ ދުވަހުގައި އެކަނި ވެސް ހަ ފަހަރަށް ޖަލްސާ ބާއްވައިގެން ނައިބު ރައީސަކު ހޮވަން މަސައްކަތްކުރި އެވެ. އިއްޔެ މެންދުރު ވެސް ޖަލްސާއެއް ބޭއްވި އެވެ. 
އެންމެ ފަހުން އެ ރަށު ކައުންސިލަށް ނައިބަކު ނެގީ ރޭ 9:00 ގައި ބޭއްވި ޖަލްސާގަ އެވެ. 
The most trusted news source in the Maldives
އެނގިފައިވާ ގޮތުގައި އެ ޖަލްސާގައި ޒައީމާ އަށް ލިބުނީ ތިން ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރި މައުމޫނަށް ދެ ވޯޓު ލިބުނެވެ. 
ޒައީމާއަކީ މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މަހިބަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވި ބޭފުޅެކެވެ. އެކަމަކު އެ ބުރުގައި އޭނާ ނުހޮވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ