ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ސުމޫދު ފްލޮޓީލާ ހަރަކާތަށް ޔަހޫދީ ދައުލަތުން ހުރަސް އެޅުމާ ގުޅިގެން ދިވެހިރާއްޖެ ހިމެނޭހެން 10 ޤައުމަކުން އެ އަމަލުތައް ކުށްވެރިކޮށްފިއެވެ.
ހައްދުފަހަނައެޅި ޔަހޫދީން ވަނީ، ސުމޫދު ފްލޮޓީލާގައި ހިމެނޭ ބައެއް އުޅަނދުތައް ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން ހުއްޓުވައި އެ އުޅަނދުތަކުގައި ތިބި ބައިވެރިން ވަގަށް ނަގާފައެވެ. މި އަމަލުތައް ދުނިޔޭގެ އެކި ޤައުމުތަކުން ދަނީ، ކުށްވެރި ކުރަމުންނެވެ.
ދިވެހިރާއްޖެއާއި، ބްރަޒިލްއާއި، އުރުދުންއާއި، ޕާކިސްތާނާއި، ސްޕެއިންއާއި، ބަންގްލަދޭޝާއި، ކޮލަމްބިއާއާއި، އިންޑޮނޭޝިއާއާއި، ތުރުކީވިލާތުގެ އިތުރުން ލީބިޔާގެ ޚާރިޖީ ވަޒީރުން ގުޅިގެން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޔަހޫދީ އިސްރާއީލުން ގްލޯބަލް ސުމޫދު ފްލޮޓީލާއަށް ހުރަސްއަޅައި ހިންގަމުންދާ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. މި ހަރަކާތަކީ، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ އިންސާނީ ކާރިސާއަށް ބައިނަލްއަޤުވާމީ ސަމާލުކަން ގެނައުމަށް ހިންގާ އަމާން ސުލްޙަވެރި ހަރަކާތެއްކަންވެސް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މި ބަޔާނުގައި ސަފީރުން ވަނީ، އިސްރާއީލުން މީގެ ކުރިން ފްލޮޓީލާ ހަރަކާތުގައި ދަތުރުކުރި އުޅަނދުތަކަށް އަރައި ހިންގި ޖަރީމާތައްވެސް ކުށްވެރިކުރައްވައި، އިންސާނީ ޙައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި، އާންމުންގެ އުޅަނދުތަކާމެދު އަމަލުކުރަމުންދާ ލާއިންސާނީ އަމަލުތަކާމެދު ކަންބޮޑުވާކަން ފާހަގަކުރައްވާފައެެވެ. އެގޮތުން ބައިވެރިން ހައްޔަރު ކުރުމާއި، އުޅަނދުތަކަށް ޙަމަލާ ދިނުމަކީ ކަނޑައެޅިގެން ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލުތައްކަން ވަޒީރުން ފާހަގަކުރެއްވިއެވެ.
ސުމޫދު ފްލޮޓީލާ ހަރަކާތުގައި ބައިވެރިވާ އާންމު ރައްޔިތުންގެ ރައްކާތެރިކަމާމެދު ކަންބޮޑުވާކަންވެސް ޤައުމުތަކުގެ ވަޒީރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާރު ހައްޔަރުކޮށްފައިވާ އެކްޓިވިސްޓުން ވަގުތުން ވަގުތަށް ދޫކޮށް، އެ ފަރާތްތަކުގެ ކަރާމަތާއި ޙައްޤުތައް ކަށަވަރު ކުރުމަށް ވަނީ ގޮވާލައްވާފައެވެ.
10 ޤައުމުގެ ވަޒީރުން ވަނީ، އިންސާނީ ޙައްޤުތައް ހިމާޔަތްކުރަން ހިންގާ ހަރަކާތްތައް ހުއްޓުވަން އިސްރާއީލުން ތަކުރާރުކޮށް ޙަމަލާ ދިނުމަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ކަނޑުދަތުރުފަތުރު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުންކަން ފާހަގަކުރައްވާފައެވެ. މިފަދަ ހަރަކާތްތަކުގައި ބައިވެރިވާ އާންމުންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ފިޔަވަޅުތައް އެޅުމަށްވެސް ވަޒީރުން ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން އިސްރާއީލުން ހިންގާ މިފަދަ ޖަރީމާތަކަށް އަދަބު ލިބޭނެ ގޮތް ހަދައި، އެ ކަންކަމުގައި ޖަވާބުދާރީ ކުރުވުމަށްވެސް ދިވެހިރާއްޖެ ހިމެނޭހެން 10 ޤައުމެއްގެ ޚާރިޖީ ވަޒީރުން ގުޅިގެން ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ސުމޫދު ފްލޮޓިއްލާއަށް ހުރަސް އެޅުން ރާއްޖެއިން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ