މި ރަމަޟާން މަހު ވެސް ފެނާއި ކަރަންޓު ބިލުން ރައްޔިތުންނަށް ޑިސްކައުންޓު ލިބޭނެ: ރައީސް

މި ރަމަޟާން މަހު ވެސް ދިވެހި ރައްޔިތުންނަށް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ ސަރުކާރުގެ ބައެއް މަސައްކަތްތަކާއި ގުޅުވައި ކިޔާ ފާޑުކިއުންތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ރަމަޟާން މަހަށް ސަރުކާރުން ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރާ މަސްދަޅު ކޭހާއި ގުޅުވައި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްދަޅު ކޭސް ބެހުމުގައި ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަމަށް ދެއްކުމަށް ބައެއް މީހުން އޭގެއިން ވަކި އަދަދެއްގެ ގްރާމްއެއް އުނިކޮށްފައިވާކަމަށް ވާހަކަ ފެތުރިކަމަށެވެ. އޭގެ ފަހުން މަސްދަޅުގެ ކަނޑަން އުނދަގޫ ކުރުމަށް ކެޕް ނުލައި ބާޒާރަށް ނެރެފައިވާކަމަށް ބުނެ ވެސް ވާހަކަތައް ދެކެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކުރާ ކޮންމެ މަސައްކަތެއްގެ އަގު އެހެން ގޮތަކުން ނަގާކަމަށް ބުނެ ކަރަންޓު ބިލާއި މިހާރު ގުޅުވަމުންދާކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ކުރިން އިއުލާނު ކުރައްވާފައިވާ ގޮތަށް މި އަހަރުގެ ރަމަޟާން މަހު ވެސް ކަރަންޓާއި ފެނުން ޑިސްކައުންޓު ލިބިގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރަށް ފާޑުކިއުން އަމާޒު ކުރުމުގެ ބޭނުމުގައި ފަސާދަ އުފެދޭ ގޮތަށް އެކިއެކި ވާހަކަތައް ފެތުރެމުން ދާތީ ރައީސް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ދެކެވޭ ކޮންމެ ވާހަކައެއްގައި ހަގީގަތެއް ނޯންނާނެކަމަށާއި، އޭގައި ތެދެއް އެކުލެވޭތޯ އެ އަޑުއިވޭ މީހާ ދެނެގަންނަން ޖެހޭކަމަށެވެ. ރައީސް ވިދާޅުވީ މުޖްތަމައު ވާން ޖެހޭނީ، އެމީހެއްގެ ކުރިމަތީ ދެކެވޭ ކޮންމެ ވާހަކައެއް ކަނުލާ އަޑުއަހައި އެއީ ކޮން ނިޔަތެއްގައި ކޮން ގޮތަކުން ދައްކާ ވާހަކައެއްތޯ ދެނެގަންނަ ބަޔަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ