އެހާ ހިސާބަށް ދިއުމުން އިތުރު ވަގުތުގެ 30 މިނިޓްގެ ކުޅުމަށް އިންތިޒާރުކުރެވޭނެ އެވެ. ސައުތު އެފްރިކާ އުއްމީދުކުރީ އެގޮތަށެވެ. ނަމަވެސް ކެނެޑާއިން އެ ފުރުސަތެއް ނުދިނެވެ. ކެޕްޓަން ސްޓެފަން ޔޫސްޓޭކިއޯގެ ހަމައެކަނި ލަނޑުން ރޭ ކެނެޑާ އެވަނީ ވޯލްޑް ކަޕްގެ ގަދަ 32 ފަހަނައަޅައި، ގަދަ 16އަށް ދަތުރުކޮށްފަ އެވެ.
ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗުގައި ޔޫސްޓޭކިއޯގެ މި ލަނޑު އައީ މެޗުގެ އިތުރު ވަގުތަށް ދެއްކި ފަސް މިނިޓްގެ ތެރެއިން ދެވަނަ މިނިޓް، ނުވަތަ 2+92 ގަ އެވެ.
މިއީ ދެ ގައުމުން ވެސް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއިން، އެމެރިކާގެ ލޮސް އެންޖަލިސް ސްޓޭޑިއަމަށް ވަދެ ތިބި ގާތްގަނޑަކަށް 70،000 މީހުންގެ ކުރިމަތީގައި އާ ތާރީހެއް ލިއެލީ ވޯލްޑް ކަޕްގެ ގަދަ 16އަށް ފުރަތަމަ ފަހަރަށް ގޮސްގެންނެވެ.
ވޯލްޑް ކަޕްގެ ޓީމުތަކުގެ އަދަދު 48އަށް ގިނަކޮށްގެން މި ފަހަރުގެ މުބާރާތް ބޭއްވުމުގެ ކުރިން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަކީ ގަދަ 16 އެވެ. އެކަމަކު އެހާ ގިނަ ޓީމުތައް ވާދަކުރާތީއާ އެކު ފީފާއިން ވަނީ ގަދަ 16ގެ ކުރިން 32 ޓީމުގެ ނޮކްއައުޓް އާ ބުރެއް ހިމަނައިފަ އެވެ.
ސައުތު އެފްރިކާ އާއި ކެނެޑާއަށް ގަދަ 32 އިން ފުރުސަތު ލިބުމަކީ ވެސް އާ ކަމެކެވެ. އެހެންވެ އެއިން ކޮންމެ ޓީމެއް މޮޅުވިޔަސް އެއީ ވޯލްޑް ކަޕްގައި ވެސް އާ ސަފުހާއެކެވެ. އެ ސަފުހާގައި ސައުތު އެފްރިކާގެ ނަން ލިއެލަން ވެސް، އެ ގައުމުގެ ކުޅުންތެރިން ތިބީ އުއްމީދުކޮށްގެންނެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސައުތު އެފްރިކާއިން ނަމަވެސް ބޮޑަށް ވިސްނުން ބެހެއްޓީ ދިފާއަށެވެ. ކެނެޑާއިން 12 ހަމަލާ އުފެއްދި އެވެ. އޭގެ ތެރެއިން ހަތް ހަމަލާ، ސައުތު އެފްރިކާގެ ގޯލަށް އަމާޒުވި އެވެ.
ސައުތު އެފްރިކާއަށް ކެނެޑާގެ ގޯލަށް އަމާޒުކުރެވުނީ އެންމެ ބޯޅައެކެވެ.
އެކަމަކު މެޗުގެ އެހާ ހިސާބުން ސައުތު އެފްރިކާގެ ކުޅުންތެރިން ހިތްވަރުކުރީ އިތުރު ވަގުތުގެ ދެ ހާފަށެވެ. އެ ދެ ހާފުގައި ލަނޑެއް ނުޖެހިއްޖެ ނަމަ ދާނީ ޕެނެލްޓީއަށެވެ.
ވޯލްޑް ކަޕަކީ ކުރިން ހީނުކުރާ ކަހަލަ އުފާވެރިކަން ވެސް ލިބޭ އަދި ކަރުނައިގެ ދުވަސްތައް ވެސް ހިމެނޭ ވާދަކުރުމެކެވެ. އެ ނަޒަރުން ބަލާ ނަމަ، ކެނެޑާއިން ލަނޑު ޖެހި ވަގުތުގެ ގޮތުން، ސައުތު އެފްރިކާއަށް މިއީ ކަރުނައިގެ ބައްޔެކެވެ.
ގަދަ 16ގައި ކެނެޑާ ނުކުންނަން ޖެހޭނީ ނެދަލެންޑްސް އާއި މޮރޮކޯގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ސައުތު އެފްރިކާއަށް ކަރުނަ، ކެނެޑާ ފަހު ވަގުތު ގަދަ 16އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ