ދާޢިމީ ޞުލްޙައެއް ލިބޭނެ ކަމަކަށް އީރާނުގެ ރައްޔިތުން ޤަބޫލެއް ނުކުރޭ

ޞަހްޔޫނީން ރުއްސުމަށް އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ތެހްރާނާއި ވޮޝިންގޓަނާ ދެމެދު އިބުތިދާއީ އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް، ދިގުލައިގެން ގޮސްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ނިކަމެތިވެފައިވާ އީރާނުގެ ޢާންމު ރައްޔިތުންނާއި ހަރުކަށި ފިކުރުގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ދާއިމީ ސުލްޙައެއް ޤާއިމުވެދާނެކަމާމެދު އަދިވެސް ބޮޑެތި ޝައްކުތަކާއި ނުތަނަވަސްކަމެއް އުފެދިފައިވާ ކަން ހާމަވެއްޖެއެވެ. ތެހްރާންގެ ގިނަ ޢާންމުން ޤަބޫލުކުރާ ގޮތުގައި، ނިއުކްލިޔަރ މަޝްރޫޢާއި ދަތިކުރުމުގެ ފިޔަވަޅުތައް ފަދަ ނާޒުކު މައްސަލަތައް ޙައްލުކުރުން ފަސްކޮށްފައި އޮތުމަކީ، ދެ ފަރާތުގެ އަމިއްލަ މަޞްލަޙަތަށް ޓަކައި އެއްބަސްވުން ބާޠިލުކުރުމުގެ ފުރުޞަތު ބޮޑު ސަބަބުތަކެއް ކަމުގައެވެ.
ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެކުލަވައިލި އިބުތިދާއީ އެއްބަސްވުމުގައި ޖޫން 19 ވާ ހުކުރު ދުވަހު ސްވިޓްޒަލެންޑްގެ ޖެނީވާގައި ރަސްމީކޮށް ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގެ ދަށުން، ފެބުރުވަރީ މަހުން ފެށިގެން އީރާނުން ބަންދުކޮށްފައި އޮތް، އަދި ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ޙިއްޞާކުރާ ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމާއެކު، އީރާނުގެ ދެކުނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައި އޮތް ކަނޑުގެ ޙިޞާރު ވަގުތުން އުވައިލެވޭނެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އިތުރު އައު ފިޔަވަޅެއް ނޭޅުމަށާއި، ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައިވާ އީރާންގެ 25 ބިލިޔަން އެމެރިކާ ޑޮލަރުގެ ފައިސާ ދޫކޮށްލުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމުގައި މަޞްދަރުތަކުން
ބުންޏެވެ. އަދި، އީރާން އަލުން އާރާސްތުކުރުމަށް 300 މިލިޔަން ޑޮލަރުގެ ފަންޑެއް އެކުލަވައިލުމާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެއެވެ. އެ ފަނޑަށް ޚަރަދުކުރާނީ ގަލްފުގެ ޤައުމުތަކުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ބައިވެރިން ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނަށް ސީދާ ނަގުދު ފައިސާ ދޫކުރުމަށް އެއްބަސްވެފައި ނުވާނެ ކަމަށާއި، އަދި ދާއިމީ އެއްބަސްވުމެއްގެ ދަށުން އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ހިންގާ މަޝްރޫޢު ހުއްޓައިލަން ޖެހޭނެ ކަމަށާއި، ލުބްނާނުގެ ޙިޒްބުالله ފަދަ ޖަމާޢަތްތަކަށް ވާގިވެރިވުން ނިމުމަކަށް ގެންނަން ޖެހޭނެ ކަމުގައެވެ. މި އެއްބަސްވުމުގެ ދަށުން ލުބްނާން ހިމެނޭ ގޮތުގައި ހުރިހާ ސަފެއްގައި އަސްކަރީ ޙަރަކާތްތައް ދާއިމީކޮށް ހުއްޓައިލުމަށް ކަނޑައަޅާފައި އޮތް ނަމަވެސް، ޔަހޫދީންގެ ހަރުދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއި ނިރުބަވެރި ދިފާޢީ ވަޒީރު އިޒްރައެލް ކަޓްޒް ވަނީ ލުބްނާނުގެ ދެކުނާއި، ސޫރިޔާ އަދި ފަލަސްޠީނުގެ ޣައްޒާގައި އަތްގަދަކޮށްފައިވާ ބިންތަކުން ޔަހޫދީ ސިފައިން ބޭލުމަށް އިންކާރު ކޮށްފައެވެ. ތެހްރާނާއި ވޮޝިންގޓަނާ ދެމެދު އެކުލަވައިލާފައިވާ އެއްބަސްވުމަކީ ޞަހްޔޫނީ ދައުލަތަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުގެ އިތުރުން، ޔަހޫދީ ނަތަންޔާހޫގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.
އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވީ، އިބުތިދާއީ އެއްބަސްވުމަކީ ހަނގުރާމަ ހުއްޓައިލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ނަމަވެސް، ދާއިމީ ސުލްޙައެއްގެ ސިފަ އަދި ސާފު ނުވާ ކަމުގައެވެ. ތެހްރާނާއި ވޮޝިންގޓަނުން އިބުތިދާއީ އެއްބަސްވުމެއް އިޢުލާނުކުރި ފަހުން ވެސް ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. އެ ފަދަ ޖަރީމާތައް ވަގުތުން ހުއްޓައިލުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ގޮވައިލައްވާފައިވާއިރު، އީރާންގެ ސަލާމަތީ މަޖިލީހުން ވަނީ، ޔަހޫދީންގެ ޙަމަލާތައް މެދުކަނޑައިލާފައި ނެތް ނަމަވެސް، ވޮޝިންގޓަނާއެކު ހަދާފައިވާ އެއްބަސްވުމަށް އިޙުތިރާމުކުރުމަށް ނިންމާފައެވެ. ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ފެށި ހަނގުރާމައިގައި އީރާނާއި ލުބްނާނުން 7,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ކުރިއަށް އޮތް 60 ދުވަހުގެ މަޝްވަރާތަކުގައި ޚިޔާލުތަފާތުވުންތަކަށް ޙައްލެއް ނުހޯދިއްޖެ ނަމަ، އަލުން ހަނގުރާމަ ފެށިގެން ދިޔުމުގެ ބިރު އޮތް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ