ހުޅުމާލެ ޗެނަލް ޕާކަށް ވައްދާލީ ކޯމަސް އައިނެއް؛ އެންމެން އާޝޯހުކޮށްލައިފި

ހުޅުމާލެ ދެ ފިޔަވަހީގެ މެދުން އޮންނަ ޗެނަލް ޕާކު ތެރެއަށް ކޯމަސް އައިނެއް ވަދެ، އެ ސޮރުމެންގެ ހަރަކާތްތައް ދައްކާލައިފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލެގެ އިރުމަތީ ފަރާތުން ޗެނަލް ޕާކަށް ކޯމަސް އައިނެއް ވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. އޭގެ ދޮޅި ގަޑިއަށްވުރެ ގިނައިރު ވަންދެން ވެސް އެ ކޯމަސް އައިން އެ ތަނުގައި އުޅުނެވެ.
ތަފްސީލު - ކޯމަސް އައިން ވަން ހަބަރު ސޯޝަލް މީޑިއާގައި ފެތުރުމާ އެކު ގިނަ އަދަދެއްގެ މީހުން ވަނީ އެ މަންޒަރު ބަލަން ޗެނަލް ޕާކު ކައިރިއަށް ޖަމާވެފަ އެވެ.
އެއީ ހުޅުމާލެއާ އެހާ ކައިރިން އާންމުކޮށް ފެންނަ މަންޒަރަކަށް ނުވުމާ އެކު އެ ގަޑީގައި ތުނިކޮށް ވާރޭ ވެހުނު ނަމަވެސް ގިނަ އަދަދެއްގެ މީހުން ކޯމަސްތަކުގެ ހަރަކާތްތައް ބަލަން މަޑުކޮށްގެން ތިއްބެވެ.
ތޮށިގަނޑު ކައިރީގައި ކުދި ބޮޑު މީހުން ކޯމަސްތަކުގެ ފޮޓޯ އާއި ވީޑިއޯ ނަގަން ތިބިއިރު، ކޯމަސްތަކާ އެންމެ ކައިރި ވެވުނީ އެ ވަގުތު މޫދަށް އެރި އުޅުނު މީހުންނަށެވެ.
ކޯމަސް މަޝްހޫރު ވެފައިވަނީ ކަނޑުގެ ދިރުންތަކުގެ ތެރެއިން އިންސާނުންނާ އެކުވެރި އަދި ބުއްދިވެރި އެއްޗެއްގެ ގޮތުގަ އެވެ. މިއަދު ޗެނަލް ޕާކަށް އައި ކޯމަސްތައް ވެސް އުޅުނީ ފެނުން މައްޗަށް ފުންމައި، މޫދަށް އެރި އުޅުނު މީހުންނާ ވަރަށް ކައިރިވެފަ އެވެ.
ދިވެހިންގެ އިތުރުން ކޮންމެވެސް ވަރަކަށް ފަތުރުވެރިންނާއި ބިދޭސީން ވެސް ކޯމަސް ބަލަން ގޮސް ތިއްބެވެ.
ޑޮލްފިން ޓުއާއަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ވިއްކާ ޓުއާ ޕެކޭޖުތަކުގައި ވެސް އަގު ކަނޑައަޅައިގެން ވިއްކާ ހަރަކާތެކެވެ. އެހެންކަމުން މިއަދު މިކަހަލަ ގޮތަކަށް ކޯމަސް ފެނުނު ފަތުރުވެރިންނަށް ވެސް މިއީ ލިބުނު ރަނުގެ ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ