މާލެއިން ބޭރުގައި އަޅާ ފުރަތަމަ ވަގުފު އިމާރާތް އައްޑޫގައި

30 މިލިއަން ރުފިޔާގެ އެ މަޝްރޫއަށް ފައިސާ ހޯދޭނެ ގޮތްތަކާމެދު މިހާރު އެ ކައުންސިލާ މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލެއިން ބޭރުގައި އަޅާ ފުރަތަމަ ވަގުފު އިމާރާތް އައްޑޫ ސިޓީގައި އަޅާން ނިންމާފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ. 
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ވަގުފު އިމާރާތެއް އައްޑޫގައި އަޅަން ނިންމީ އެކަމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި އައްޑޫ ސިޓީން ހުށަހެޅި ޕްރޮޕޯޒަލަކީ އެންމެ ރަނގަޅު ހުށަހެޅުމަށްވާތީ ކަމަށެވެ. 
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ފަދައިން އިސްލާމީ ފަންޑުތައް ކުރިއެރުވުމުގެ ގޮތުން މާލޭގައި ދާރުލްއަރުޤަމްގެ ނަމުގައި އަދި ހުޅުމާލޭގައި ދާރުއްސަލާމުގެ ނަމުގައި ވަގުފު އިމާރާތްތަކެއް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 
މި ދެ މަޝްރޫއަކީ 200 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށާއި، އެ މަޝްރޫއުތައް ނިމުމުން ވަގުފު ފަންޑަށް އަހަރަކު 30 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ޝަހީމު ވިދާޅުވި އެވެ. އަދި މާލޭގައި އަޅާ އިމާރާތުގެ މަސައްކަތް މި އަހަރު ފެށޭތޯ ބަލަމުންދާކަމަށާއި ހުޅުމާލޭގައި އަޅާ އިމާރާތުގެ މަސައްކަތް އަންނަ އަހަރު ކުރީ ކޮޅުގައި ފަށާނެ ކަމަށް އޭނާަ ވިދާޅުވި އެވެ. 
އަތޮޅުތަކުގައި ވަގުފު އިމާރާތް އެޅުމަށް ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވައިލުމުން ސިޓީ އަދި އަތޮޅު ކައުންސިލުތަކުން ދިހަ ހުށަހެޅުމެއް އަދި ރަށު ކައުންސިލުތަކުން 14 ހުށަހެޅުމެއް ހިމެނޭހެން ޖުމްލަ 24 ހުށަހެޅުން ލިބުނު ކަމުގައި ޝަހީމް ވިދާޅުވި އެވެ. 
ޝަހީމު ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވަނީ އައްޑޫ ސިޓީ ކައުންސިލުންނެވެ. 30 މިލިއަން ރުފިޔާގެ އެ މަޝްރޫއަށް ފައިސާ ހޯދޭނެ ގޮތްތަކާމެދު މިހާރު އެ ކައުންސިލާ މަޝްވަރާކުރަމުންދާކަމަށާއި، އެގޮތުން އިސްލާމިކް ފަންޑުން އިކުއިޓީ ދީގެއް ލޯނެއް ނަގައިގެން މަޝްރޫއު ހިންގުމަށް ނުވަތަ ބޭރުގެ އިސްލާމިކް ޑިވެލޮޕްމެންޓު ފަންޑަކުން ފައިސާ ހޯދައިގެން މަޝްރޫއު ހިންގުމާމެދު މަޝްވަރާކުރައްވަމުންދާ ކަމަށް ވިދާޅުވި އެވެ. 
"އައްޑޫ ސިޓީގެ މޭޔަރާއެކު އަޅުގަނޑުމެން މިހާރު ވާހަކަދައްކަމުން މިދަނީ، ޕްރޮޖެކްޓަށް ފައިނޭންސް ހަމަޖެއްސުމާ ގުޅޭގޮތުން. އެއްގޮތަކީ މިނިސްޓްރީގެ އިސްލާމިކް ފަންޑުން އިކުއިޓީދޭގޮތަށް ލޯނެއް ނެގުން. އަނެއް ގޮތަކީ ރާއްޖެއިން ބޭރުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ވާހަކަދައްކައިގެން ގެންދިއުން. އުއްމީދަކީ 2025 ވަނަ އަހަރު ކުރީކޮޅު މަޝްރޫޢު ފެށުން،" ޝަހީމު ވިދާޅުވި އެވެ.  
ޝަހީމު އިތުރަށް ވިދާޅުވީ އެ މަޝްރޫއު ނިމި ވަގުފު ފައިސާ ލިބެން ފެށުމުން ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެ އައްޑޫގައި ދީނީ ހިދުމަތްތައް ދެވޭނެ ކަމަށެވެ. މިސްކިތްތައް މަރާމާތުކުރުމާއި ދީނީ މުބާރާތްތަކާއި އެހެނިހެން އިސްލާމީ ހަރަކާތްތައް ބޭއްވުމަށް ސަރުކާރަށް ބަރޯސާވާންނުޖެހޭނެ ކަމުގައި އޭނާ ވިދާޅުވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ