ފަޒީސް ހިޖާމާ ބަންދުކޮށްދޭން އެދި ފުލުހަށް

މިނިސްޓްރީގެ ހުއްދަ ނުހޯދާ ޚިދުމަތް ދޭތީ، 'ފަޒީސް ހިޖާމާ ތެރަޕީ' ބަންދުކޮށްދިނުމަށް ހެލްތު މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފިއެވެ.ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހުއްދަ ނުހޯދުމުގެ އިތުރަށް ރަޖިސްޓްރީނުކޮށް ހިޖާމާ ޖެހުމުގެ ހިދުމަތް ދޭތީ "ފަޒީސް ހިޖާމާ ތެރަޕީ" ސެންޓަރު ބަންދުކޮށްދޭން މިދިޔަ ހަފުތާގައި ޕޮލިހަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ޕޮލިހަށް ހުށަހެޅީ ހެލްތު މިނިސްޓްރީގެ އެންގުމަށް ހިޖާމާ ކްލިނިކް ބަންދު ނުކުރުމުންނެވެ.ފުލުހުން ބުނީ ހެލްތް މިނިސްޓްރީގެ ހުއްދައާ ނުލައި ހުޅުމާލޭގައި ހިޖާމާ ކްލިނިކް ހިންގަމުންދާތީ އެ މައްސަލަ ބަލައިދިނުމަށް އެ މިނިސްޓްރީން އެދިފައިވާ ކަމަށެވެ.ފަޒީލާގެ ކްލިނިކް ބަންދުކުރުމަށް ހެލްތް މިނިސްޓްރީން މީގެ ކުރިންވެސް އެންގި އެވެ. ނަމަވެސް ކްލިނިކުން ހުއްޓުމެއްނެތި ހިދުމަތް ދެމުން ދިޔަ އެވެ.މިނިސްޓްރީން މި މަހުގެ 12 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ވަނީ ކްލިނިކް ރަޖިސްޓްރީކުރުމަށް އަންގާ، ލައިސަންސް ލިބުމުގެ ކުރިން މަސައްކަތް ނުކުރުމަށް ފަޒީލާއަށް އަންގާފަ އެވެ. އަދި މަސައްކަތް ކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައިވެ އެެވެ.މިނިސްޓްރީން ވަނީ ފަޒީލާގެ ކްލިނިކް އެޑްވަޓައިޒް ކުރުމަށް ސޯޝަލް މީޑިއާގައި ހުރި ޕޯސްޓުތަކާއި ބަލި މީހުންގެ ސިއްހީ ރިޕޯޓުތައްވެސް ނެގުމަށް އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ