ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޓީޑީގެ ކެންޑިޑޭޓެއް ނެރެން ނިންމައިފި

ރައްޔިތުން މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން ވެސް ކެންޑިޑޭޓަކު ނެރުމަށް ނިންމައިފި އެވެ.
އެ ޕާޓީއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ އެ ޕާޓީގެ މެންބަރުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަވީރު 5:00 އާ ހަމައަށް އޮންނާނެ ކަމަށެވެ.
އެމްޓީޑީއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ.
ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހިމް ރިޒާ, 55, މި މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ.
މި އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އިން ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ ހަމަޖައްސާފައިވާއިރު، ދެން ވާދަކުރާނެ ކަމަށް އިއުލާންކޮށްފައިވާ އެމްޑީޕީއިން ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ މާދަމާ ކުރިއަށްދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ