ގާޒާގެ އާޓިސްޓެއްގެ ޓެންޓް އޭނާގެ ކުރެހުންތަކުގެ މައުރަޒަކަށް

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އާއިލާއެއްގެ ވަގުތީ ހިޔާވަހިކަމުގެ ގޮތުގައި ޖަހާފައިވާ ޓެންޓެއްގެ ތެރެއިން މުޅިން ތަފާތު މަންޒަރެއް ފެންނަން ފަށައިފި އެވެ. އެ ޓެންޓުގެ ފާރުތަކުގައި ވަނީ ދެއްޔާއި އުކާލާފައިވާ ބޯލްޕޮއިންޓް ގަލަން ބޭނުންކޮށްގެން ކުރަހާފައިވާ ކުރެހުންތަކެކެވެ. 
މިއީ އާއްމު މައުރަޒުތަކާ މުޅިން ތަފާތުކޮށް ދައްކާލާ އުފެއްދުންތަކެކެވެ. މި މައުރަޒު ވެގެން ގޮސްފައި ވަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަނިޔާވެރިކަމުގެ އެންމެ ފަހުގެ ބާބުގެ ހާދިސާތަކާއި އިހުސާސްތައް އެއްވެސް ހުރަހަކާ ނުލައި ދައްކައިދޭ ކަމަކަށެވެ.
މި ކުރެހުންތަކުގެ ފަހަތުގައި ވަނީ ގާޒާގެ އުތުރުގައި އޮންނަ ގާޒާ ސިޓީގައި ދިރިއުޅޭ 18 އަހަރުގެ ޒުވާނެއް ކަމަށްވާ މާރާ އަލް ޒާނިން އެވެ.
"ހަނގުރާމައިގެ ކުރިން ސީރިއަސްކޮށް ކުރަހާކަށް ނޭނގޭ،" އޭނާ ބުންޏެވެ. "އެކަމަކު ކުރެހުމަކީ މިހާރު އަހަރެންގެ އަމިއްލަ ދުނިޔެއަކަށް ވެއްޖެ، ބިރުވެރިކަމާއި މަރުގެ މަންޒަރުތަކުން ސަލާމަތް ވެވޭނެ ތަނަކަށް ވެއްޖެ،" އަލް ޒާނިން ކިޔައިދިނެވެ. 
ހަނގުރާމައިގެ ސަބަބުން، ގާޒާގެ އުތުރުގައި އޮންނަ ބެއިތު ހަނޫންއަށް އުފަން އަލް ޒާނިން އާއި އޭނާގެ އާއިލާއަށް މިދިޔަ އަހަރު އެހެން ސަރަހައްދަކަށް ހިޖުރަކުރަން މަޖުބޫރުވި އެވެ. އަދި އަމިއްލަ ގެދޮރު ގެއްލި، ދާނެ ދިމާއެއް ނޭނގި އުޅެންޖެހުމުގެ ތަޖުރިބާ އޭނާ ކިޔައިދެނީ އޭނޭގެ ކުރެހުންތަކުންނެވެ. މިހާރު އެ އާއިލާ ދިރިއުޅެމުން އަންނަނީ ފަލަސްތީނުގެ ރެފިއުޖީންނަށް ހިދުމަތް ދޭ އދ.ގެ ޖަމިއްޔާ އަންރުވާ އިން އުތުރު ގާޒާގެ އަލް ރިމާލް ސްކޫލުގައި ހަދާފައިވާ ހިޔަލެއްގަ އެވެ.
އަލް ޒާނިން ކުރެހުމުގެ މަސައްކަތް ފެށީ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގަ އެވެ.
"ބޮން ގޮއްވާލި ކޮންމެ ފަހަރަކު ނުވަތަ ބިރުވެރިކަން އިހްސާސް ކުރެވޭ ކޮންމެ ފަހަރަކު އަހަރެން ކުރަހަނީ،" އޭނާ ކިޔައިދިނެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ދުވަސްތައް ފާއިތުވި ވަރަކަށް އަލް ޒާނިންގެ ކުރެހުންތައް ވެސް އިތުރުވާން ފެށި އެވެ.
އޭނާގެ ކުރެހުންތަކުގެ ތެރެއިން އެއް ކުރެހުމުގެ ނަމަކީ 'ދަ ކްރައި އޮފް ސޯލްސް' އެވެ. އެ ކުރެހުމުގެ މެދުގައި އިންސާނުންގެ މޫނުތަކެއް އެއްވެފައި ހުންނައިރު، އެ މޫނުތަކުގެ ސިފަތައް ވަނީ ވަރަށް ބޮޑަށް ފަނޑުވެފަ އެވެ. އަދި އެ ކުރެހުމުގެ ކަނެއްގައި ފިރިހެނަކު ކޮނޑުގައި ކުޑަ ކޮތަޅެއް އަޅުވައިގެން ހުރިތަން ފެނެ އެވެ. އަލް ޒާނިން ބުނި ގޮތުގައި އޭނާ އެ މަންޒަރު ކުރެހީ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވި ދުވަސްވަރު އޭނާގެ ބައްޕަ ކާއެއްޗެއް ހޯދަން ނުކުމެ އުޅުނު އިރު އެވެ.
"ރޭގަނޑުގެ ވަގުތުތަކުގައި އަހަރެން އޭރު ކުރަހަން އިންނަން،" އޭނާ ކިޔައިދިނެވެ. "ކޮންމެ ފަހަރަކު، ބައްޕަ އެނބުރި ނައިސްދާނެތީ ނުވަތަ ކާއެއްޗެހި ހޯދަން އުޅެނިކޮށް މަރުވެދާނެތީ އަހަރެން ހުންނަނީ ބިރުން."
ގާޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި 21 ފެބްރުއަރީ 2026ގެ ނިޔަލަށް ގާޒާގައި 73،188އަށް ވުރެ ގިނަ ފަލަސްތީނު މީހުން މަރުވެ، 171،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
އަލް ޒާނިންގެ ގިނަ ކުރެހުންތައް ކުރަހައިފައި ވަނީ ކަޅާއި ހުދު ކުލައިންނެވެ. އެއިން ރަމްޒުކޮށްދެނީ ހަނގުރާމައިގެ ސަބަބުން އެ މީހުން ތަހައްމަލު ކުރަންޖެހޭ ހިތްދަތިކަމާއި ބިރުވެތިކަމުގެ އިހުސާސުތަކެވެ. 
ކުރަހަން ބޭނުންވާ ސާމާނު ނުލިބުމުގެ ދަތިކަމުން އަރައިގަނެ، އުކާލާފައިވާ ބޯލް ޕޮއިންޓް ގަލަން ފަދަ ތަކެތި ހޮވައިގެން، ލިބުނު އެއްޗެއް ބޭނުން ކޮށްގެން އޭނާ ކުރަހަ އެވެ. އޭނާގެ ޓެންޓުގައި ބައިތަކަކަށް ބަހާލާފައިވާ މި މައުރަޒުގެ ކޮންމެ ބައެއް ވެސް ހަނގުރާމައިގެ ތަފާތު ކަންކަން ދައްކުވައިދެ އެވެ. ބަނޑުހައިހޫނުކަމާއި މައިން އެ މީހުންގެ ދަރިންނާ މެދު ހިތާމަކުރުން ފަދަ އަސަރުގަދަ އަދި ހިތްދަތި ކަންތައްތަކެވެ.
އަލް ޒާނިންގެ މި ކުރެހުންތައް ބަލަން ގިނަ ބަޔަކު ޒިޔާރަތް ކުރެ އެވެ. 
އަލް ޒާނިން އަބަދުވެސް އަމިއްލަ މައުރަޒެއް ބާއްވަން ބޭނުންވި އެވެ. އޭނާގެ ކުރެހުންތައް ފުރަތަމަ ފަހަރަށް ދައްކާލަން ޖެހުނީ ރެފިއުޖީ ޓެންޓެއްގައި ކަމުގައިވިއަސް މި ފުރުސަތުގެ ބޭނުންކޮށްގެން އޭނާގެ އެންމެ ފުން އިހުސާސުތަކާއި ހަގީގީ ތަޖުރިބާތައް ކިޔައިދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ