މިހާރު އެމެރިކާއިން ބުނަނީ، އީރާނާ ވާހަކަ ދައްކަމުން ދާކަމަށާއި އީރާނުން އެއްބަސް ނުވާކަމަށް!

އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދެމުން ގެންދާތާ 17 ދުވަސް ވެފައި ވަނިކޮށް، ވޮޝިންޓަނުން އީރާނާ ވާހަކަ ދައްކަމުން ދާކަމަށާއި ނަމަވެސް ހަނގުރާމަ ހުއްޓަން އީރާނުން އެއްްބަސް ނުވާ ކަމަށް ބުނެފިއެވެ.
އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައި ވަނީ، ހަނގުރާމަ ހުއްޓާލެވެނެ ޑީލަކަށް ދާން އީރާނުގެ އޮފިޝަލުން އެމެރިކާއާ ވާހަކަ ދައްކަމުން ގެންދާ ކަމަށާއި ނަމަވެސް އީރާނުގެ ހުށަހެޅުން އަދި ކަމުނުދާ ކަމަށެވެ. ޓްރަމްޕް އެވާހަކަތައް ދެއްކެވިތާ މާގިނައިރެއް ނުވެ އެއީ ދޮގެއް ކަމަށާއި އެމެރިކާއާ ވާހަކަ ދައްކަމުން ނުދާކަމަށް އީރާނުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
އީރާނު މައްސަލައިގައި އެމެރިކާއިން މީގެ ކުރިންވެސް އެތައް ދޮގުތަކެއް ހަދާފައި ވާއިރު މިފަހަރު ދެއްކި ވާހަކަވެސް ދިމާނުވުމުން މިހާރު ބުނަނީ ވޮޝިންޓަނުން އީރާނާ ވާހަކަ ދައްކަމުން ދާ ކަމަށެވެ.
އިޒްރޭލާއި އެމެރިކާ ބައިވެރިވެ އީރާނުގެ އެތައް ހާސް މަގާމަކަށް ވަރުގަދަ ހަމަލާތައް ދީ ބޮޑެތި ގެއްލުންތަކެއް ދީފައި ވާއިރު އީރާނުން ގެންދަނީ އެމީހުނަށް ހަމަލާ ދެވުނު ގޮތަށް އިޒްރޭލާއި އެމެރިކާގެ މަގާމުތަކަށް ހަމަލާދެމުންނެވެ. އެގޮތުން އީރާނުގެ ހަމަލާތައް އިޒްރޭލުގެ މެދުތެރެ، ތެލްއަވީވަށް ވެސް ފޯރަމުން ދާއިރު މިހާތަނަށް 14 މީހަކު މަރުވެ 2450 މީހަކު ޒަހަމްވެފައި ވާކަމަށް އިޒްރޭލުގެ މީޑިއާތަކުން ބުނެއެވެ.
އަދި ގަލްފުގެ އެކިއެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަގާމުތަކާއި އެމެރިކާގެ އޮފިޝަލުން ތިބޭ ތަންތަނުގެ ތެރެއިން ޖުމްލަ 27 ތަނަކަށް ހަމަލާދީ ގެއްލުންތައ ދީފައި ވާކަމަށް އީރާނުން ބުނެއެވެ. މީގެ އިތުރުން އެމެރިކާއާއި އިޒްރޭލުގެ ހަމަލާތަކުގައި އީރާނުން މަރުވި މީހުންގެ އަދަދު 1800 އަށް އަރާފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާ ދެމުން ގެންދާއިރު، އީރާނުން ގެންދަނީ އެމެރިކާ ފަހަތަށް ޖެއްސުމަށްޓަކައި އެތައް މަގަކުން ހަމަލާތައް އުފައްދަމުންނެވެ. އެގޮތުން މުޅި ދުނިޔޭގެ 80 ޕަސެންޓަށް ތެޔޮ ފޯރުކޮށްދޭ ހޮރުމޫޒު ކަނޑުއޮޅިން ހުރަސްކުރާ އެމެރިކާއާއި އެމީހުންގެ ބައިވެރިންގެ އުޅަނދުތަކަށް އީރާނުން ދަނީ ހުރަސް އަޅާ ހުއްޓުވަމުންނެވެ. އެ ކަނޑުއޮޅި އީރާނުން ބަންދު ކޮށްފި ކަމަށާއި ކަނޑުއޮޅި ހުޅުވައި ދިނުމުގައި އެހީތެރިވުމަށް ޓްރަމްޕް ވަނީ ނޭޓޯ އާއި ޗައިނާ އަދި ދުނިޔެއަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވަނީ ގުޅިފައިވާ ކަނޑުގެ ލަޝްކަރެއް އުފައްދައި ކަނޑުއޮޅި ބެލެހެއްޓުމަށް އެކިއެކި ގައުމުތަކުގެ މަނަވަރުތައް ފޮނުވުމަށެވެ. ނަމަވެސް މިކަމުގައި ޓްރަމްޕަށް ފާޅުގައި އެއްބާރުލުންދޭނެ ގައުމެއް އަދި ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ