ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ނުކުންނައިރު ގަލޮޅު ދަނޑުން ބަނގްލަދޭޝް ޓީމަށް ލިބޭ ތަރުހީބާމެދު އިންޑިޔާގެ ކޯޗު މަހޭޝް ގޯލީ ކަންބޮޑުވާ ކަމަށް ބުނެފި އެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ބުނީ ދެ ޓީމު ވެސް ވަރަށް ހަމަހަމަ ކަމަށާއި ރާއްޖޭގައި މަސައްކަތް ކުރާ ބަނގްލަދޭޝް ރައްޔިތުން ދަނޑަށް ވަދެ ދެމުން އަންނަ ތަރުހީބުގެ ސަބަބުން ވެސް މެޗު ފަސޭހަ ނުވާނެ ކަމަށެވެ.
"މިއީ ފަސޭހަ މެޗަކަށް ނުވާނެ. ބަނގްލަދޭޝް ކުޅެނީ ވަރަށް ވަރުގަދަ އަށް އަދި އެއީ ވަރަށް ހުނަރުވެރި ޓީމެއް. މިހެންވެ އަހަރުމެންނަށް އުނދަގޫވާނެ. މީގެ އިތުރުން އެ މީހުންނަށް ދަނޑުގައި ވަރަށް ބޮޑު ސަޕޯޓެއް ލިބޭ. އަހަރުމެންގެ ކުޅުންތެރިން މިކަން ދެނެގަންނާނެ. (މީގެ ސަބަބުން) އަހަރުމެން ކުރަން ޖެހޭނެ ކަމަކީ ދަނޑުމަތީގައި ރަނގަޅަށް ފާފޯމް ކުރުން. (އެސަޕޯޓަށް) އަޅާ ނުލައި އަހަރުމެން ފޯކަސް ކުރާނީ އަހަރުމެންގެ ގޯލާއި ޕާފޯމަންސަށް) ކޯޗު ބުންޏެވެ.
އޭނާ އަދި މިއީ ހުސްވި އަހަރު 19 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލުގައި އިންޑިޔާ އަތުން ބަނގަލްދޭޝް ބަލިވެފައިވާތީވެ އެ ކަމުގެ ބަދަލު ހިފަން ބަނގްލަދޭޝް ކުޅޭނެ ފައިނަލަކަށް ވެސް ވާނެ ކަމަށެވެ. މި ދެ ޓީމު ވަނީ ފުރަތަމަ ބުރުގައި ވާދަކޮށްފަ އެވެ. އެ މެޗު ނިމުނީ އެއްވަރުވ ވެގެންނެވެ. ކޯޗު ބުނީ އެ މެޗުގެ ފުރަތަމަ ހާފުގައި އެންމެ ރަނގަޅަށް ނުކުޅެވުނަސް ފަހު ހާފުގައި އިންޑިޔާ އިން ކުޅުން ރަނގަޅު ކުރި ކަމަށެވެ.
"އަހަރެން ހިތްހަމަޖެހޭ ކުޅުމާމެދު. އަދި ޓީމާމެދު އަހަރެން ފަހުރުވެރިވަން (ސެމީ ފައިނަލުގައި ބޫޓާން އަތުން 5-1އިން މޮޅުވި) މެޗާ މެދު. ހަމަމިއާއެކު އަހަރުމެން ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި. އަހަރުމެން މަސައްކަތް ކުރާނީ ޓީމެއްގެ ގޮތުގައި،" އިންޑިޔާގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ބުންޏެވެ.
އިންޑިޔާގެ ޓީމުގެ އެންމެ ނުރައްކާތެރި އެއް ކުޅުންތެރިއަކީ ފޯވަޑް އޮމަންގް ޑޯޑަމެވެ. ތިން ގޯލާއެކު މުބާރާތުގެ ރަންބޫޓަށް ވާދަކުރާ ކުޅުންތެރިޔާއަކީ ހާއްސަ ކުޅުންތެރިއެއް ނަމަވެސް ޓީމުގެ ހުރިހާ ކުޅުންތެރިންނަކީ ވެސް ކުރިއަރަމުން އަންނަ ކުޅުންތެރިންކަން ކޯޗު ފާހަގަ ކުރި އެވެ.
"އަހަރެން އުއްމީދު ކުރަނީ އޭނާގެ ކުޅުން އޭނާ ދަމަހައްޓާނެ ކަމަށް. އޭނާ އަކީ ހާއްސަ ކުޅުންތެރިއެއް. އޭނާ އަހަރުމެން އުފާ ކޮށްދޭނެ ކަމަށް އުއްމީދު ކުރަން،" ކޯޗު ބުންޏެވެ.
ގަލޮޅު ދަނޑުގައި އިންޑިޔާ އާއި ބަނގްލަދޭޝްގެ ފައިނަލް މެޗު ކުޅޭނީ މިރޭ 8:30 ގަ އެވެ.
ގަލޮޅު ދަނޑުގައި ބަނގްލަދޭޝްގެ ސަޕޯޓަރުން: އިންޑިޔާ ކޯޗު ކަންބޮޑުވާ ކަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ