ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިފަދައިން މިދިޔަ ހަފްތާގެ ހޯމަ ދުވަހުވެސް އެމަނިކުފާނު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާ ޤައުމުގެ ޙާލަތާއި ސަރުކާރުން ކުރިއަށް ގެންދަން ނިންމަވާފައިވާ ބައެއް ކަންކަމުގެ ތަފްޞީލް ހިއްސާކުރައްވާފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ބައެއް ކަންކަމުގައި ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު އެމަނިކުފާނު ވަނީ ހިއްސާ ކުރައްވާފައެވެ.
ޞިއްޙީ ދާއިރާ ކުރިއެރުވުމުގެ ތެރެއިން އިމަރޖެންސީ ހާލަތްތައް ނޫން ހާލަތްތަކުގައިވެސް އެމްބިއުލާންސްގެ ޚިދުމަތް އާސަންދައިގެ ދަށުން ލިބޭނެ ގޮތް ހަދައިދިނުމަކީ، ރައްޔިތުން އެދެމުން އައި މުހިންމު ކަމެކެވެ. ނަމަވެސް މިހާތަނަށް އެ ޚިދުމަތް ނުލިބި އޮތުމަށްފަހު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރައްޔިތުންނަށް އެ ޚިދުމަތް ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެމަނިކުފާނު ވިދާޅުވީ، އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ޚިދުމަތް ހޯދުމަށް އައު އުޞޫލެއް ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެކަމާއި ގުޅިގެން ކުރަން ޖެހޭނެ ޚަރަދުތަކާއި، ދިމާވާނެ ގޮންޖެހުންތައްވެސް ދިރާސާ ކޮށްފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިމަރޖެންސީ ނޫން ހާލަތްތަކުގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ޚިދުމަތް ލިބޭ ގޮތް ވަނީ ހަދައިފައެވެ.
"މިއީ ވަރަށް ގިނަ ދުވަހު އެކަމާއި ގުޅޭގޮތުން މަޝްވަރާކޮށް އެކަމާއި ބެހޭގޮތުން ޓެކްނިކަލް ލެވެލްގައި އަދި އޭގެ ހިސާބުތައް؛ ފައިނޭންޝަލީ ބަޖެޓަރީ އިމްޕްލިކޭޝަންސް އޮޕަރޭޝަނަލް އެންގަލުން ބަލަންޖެހޭ ކަންތައްތައްވެސް ބެލުމަށްފަހު އަޅުގަނޑުމެން ނިންމި ނިންމުމެއް. ވަރަށް ގިނައިން ރައްޔިތުންގެ ފަރާތުން އަންނަ ރިކުއެސްޓެއް މިއީ. ވަރަށް ގިނަ ދަތިތައް ކުރިމަތިވެ، އެކަމުގެ ސަބަބުން ލުއިތަކެއް ބޭނުންވެ ދުވަސްތަކެއް ވެފައި އޮތް ކަމެއް. އެކަމާއި އަޅުގަނޑުމެން މަޝްވަރާކޮށްފައި މި ބަދަލު މި ގެންނަނީ އަޅުގަނޑު ޔަޤީންކުރަނީ މިކަމުން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނާއި، އަދި އެހެނިހެން ސްކީމްތަކުން ގޯތި ލިބުނު މީހުންނަށް، އަދުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީވެސް ނިމުނު ހަފުތާގައި ނޫސްވެރިންނާ ބައްދަލުކުރައްވައެވެ. ރައީސް ވިދާޅުވީ ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅުންވެސް ބިން ލިބުނު މީހުންގެ ތެރޭގައި ނިކަމެތި އާއިލާތައް އެބަތިބި ކަމަށެވެ. އަދި ހިއްކައިގެން ތަރައްޤީ ކުރާ ތަންތަން ތަރައްޤީ ކުރުމަށްވެސް އަދި ވަގުތު ނަގާ ކަމަށެވެ.
އެހެންކަމުން، މާލެ ސަރަޙައްދުން ފްލެޓް ހޯދުމުގެ މި ފުރުޞަތަކީ، ގެ އެޅުމަށް މާލީ ތަނަވަސްކަން ނެތް މީހުންނަށްވެސް ލިބިގެންދާ ވަރަށް ބޮޑު ފުރުޞަތެއް ކަމަށެވެ. ރައީސް ވިދާޅުވީ މީގެ ކުރީގެ ކޮންމެ ސަރުކާރެއްގެ ކޮންމެ ސްކީމަކުން ގޯތި ލިބުނު މީހުންނަށްވެސް، އެ ގޯތި ދޫކޮށްލާ ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.
"އިމާރާތް ކުރުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާ، އަދި ގިނަ ދުވަސް ނަގާނެ. އެހެންވީމަ ރައްޔިތުން އެބަ އެދެމުންދޭ، އެތަންތަން ދޫކޮށްލާފައި ފްލެޓަށް ކުރިމަތިލެވިދާނެތޯ. އެހެންވީމަ އެ ފުރުޞަތު ދޭން ސަރުކާރުން މި އުޅެނީ. ޕޯޓަލްގެ ތެރެއަށް ސްކީމް އިތުރު ކުރުމުގެ މަސައްކަތްތައް އެދަނީ ކުރަމުން. 2-3 ހަފްތާ ތެރޭ ހުޅުވާލެވޭނެ" ރައީސް ވިދާޅުވިއެވެ.
ގދ. ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރަން ސަރުކާރުން ނިންމާފައިވާ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި މިއަހަރުގެ މެދުތެރޭގައި އެކަމުގެ ޢަމަލީ މަސައްކަތް ފެށޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާން ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތް ބޭނުންވި ސްޕީޑްގައި މިހާތަނަށް ގޮސްފައި ނުވަނީ ދަޢުލަތުގެ ސީދާ ބަޖެޓުން މަޝްރޫޢު ފެށުމަށް ޚަރަދު ކުރުމުގެ ބަދަލުގައި، އިންވެސްޓަރ ފައިނޭންސް މޮޑެލްއަށް އެ މަސައްކަތް ކުރިއަށް ގެންދިއުމަށް، އެންމެ ފީސިބަލް އަދި ރަނގަޅު މޮޑެލްއެއް ހޯދުމަށް ވަގުތު ހޭދަވުމުން ކަމަށެވެ. ނަމަވެސް އޭގެ މަސައްކަތްތައް ހުއްޓާ ނުލާ ކަމަށާއި، ޕްލޭނިންގެ މަސައްކަތްތައް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ ތިނަދުއާއި ހުވަދޫގެ ރައްޔިތުންނަށް އަޅުގަނޑުވީ ވަޢުދެއް. "ރިއަލިސްޓިކް" ޓަރގެޓްތަކެއް މިދަނީ ކަނޑައެޅެމުން. މިއަހަރުގެ މެދުތެރޭގައި ޢަމަލީ މަސައްކަތް ފެށޭނެ" ރައީސް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭ އިސްލާޙު މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި މިކަމުގެ ފަންނީ މަޝްވަރާތައް މިހާރު ކުރައްވަމުން ގެންދަވާ ކަމަށާއި، ދިމިޤްރާތީ ހަމަތަކަށް މަސައްކަތް ކުރާ ޤައުމުތަކުގައި އިންތިޚާބީ މަޤާމުތަކަށް ހޮވާ ފަރާތްތައް އެ މަޤާމުން ދުރުކުރުމުގެ ނިޒާމެއް އޮންނަ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މިސާލަކަށް ދާއިރާގެ ކިތައް އިންސައްތަ ސޮއި ލިބިގެންތޯ މައްސަލަ ހުށެހެޅޭނީ، އެ ހުށަހަޅާ ހިސާބުން ފެށިގެން މަޖިލީހުގެ ކިތައް އިންސައްތައަކުންތޯ އެ ފާސްކުރެވޭނީ. އެ މަޖިލީހުގައި ކިތައް މެންބަރުން ތިބެގެން ނެގޭނެ ވޯޓެއްތޯ، މުޅި މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަން ޖެހޭތޯ. މިއީ، މި ޑިސްކަޝަން ތެރޭ ދާންޖެހޭނެ ކަންކަން. އަދި ކޮންކަހަލަ ހާލަތްތަކުގައިތޯ އެކަން ކުރެވޭނެ. ޤާނޫނުގައި ހުރި ޒިންމާތަކުގެ ތެރެއިން ކަމެއް ނުކުރެވޭތަން. ދެން އެހެން ގޯސް ހަމަ ބެލޭނެ ކަންކަން ވަރަށް ސާފުކޮށް ޤާނޫނުގައި ބަޔާން ކުރެވެން ޖެހޭނެ، އެމީހަކު ވަކިކުރަން ރައްޔިތުންގެ ތެރެއިން އެ ރިކުއެސްޓް ކުރުން ނުވަތަ އަންނާނެ ގޮތެއްވެސް އޮންނަންޖެހޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ނިޒާމީ ގޮތެއްގައި ރިފޯމް އެޖެންޑާގެ ތެރެއިން އިތުރު އިސްލާޙުތަކެއް ގެނައުމަށްވެސް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުންގެ ނިސްބަތުން ވަކި އިންސައްތައެއް ޒުވާނުންނާއި، އަންހެނުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ކުރުމާއި، ރިޔާސީ އިންތިޚާބުގައި ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ދިއުން ހިމެނެއެވެ. މީގެ އިތުރުން މިނިވަން މުޢައްސަސާތަކުގެ މިނިވަންކަން ކަށަވަރު ކުރުމާއި، ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުމަކީވެސް ސަރުކާރުން ހުށަހަޅަން ނިންމާފައިވާ އިސްލާޙެކެވެ.
ރައީސް ހާމަކޮށްދެއްވީ ރައްޔިތުންގެ ކަންބޮޑުވުންތައް ޙައްލުކުރަން ގެންގުޅުއްވާ ސިޔާސަތު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ