ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާގެ ޚިދުމަތަކީ ތަޖުރިބާ ދަތުރުތަކެއްކަމަށާއި، މި މުއްދަތުގައި އެއްވެސް އަގަކާ ނުލާ ޙިދުމަތް ލިބޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ. ޓެކްސީ ޚިދުމަތް ތަޢާރަފުކޮށްފައިވަނީ 150 ކާރާއެކުގައެވެ.
އެމްޓީސީސީން ވިދާޅުވީ އާރްޓީއެލް ފެރީގެ ޚިދުމަތްތައް ދޭ އުސޫލުން، ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާވެސް ބޭނުންކުރާނީ ޚިދުމަތް ތަޖުރިބާކުރުމަށްކަމަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ޚިޔާލު މި ޚިދުމަތަށް ހޯދުމާއި، ޓެކްސީ ލައިންގެ ޚިދުމަތުގައި ރަނގަޅުކުރަން ހުރި ކަންކަން ދެނެގަތުމެވެ.
އެމްޓީސީސީން ވިދާޅުވީ ތަޖުރިބާ ހަފުތާގައި ޓެކްސީ ނެގޭނީ ހޮޓްލައިން ނަންބަރު މެދުވެރިކޮށް އެކަނިކަމަށެވެ. މާލެ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަކީ 1655 އެވެ.
ވެބް އެޕްލިކޭޝަން "maletaxi.web.app" މެދުވެރިކޮށް ކާރު ނެގޭނީ، ތަޖުރިވާ ހަފުތާއަށް ފަހުގައި ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެމްޓީސީސީން ދަނީ މި ޚިދުމަތަށް ފޯން އެކްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންއެވެ. އެއާއެކު ޚިދުމަތަށް އިތުރު ލުއިފަސޭހަތަކެއް، ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެއެވެ.
މާލެ ޓެކްސީގެ ކާރުތަކުން، މަގުމަތިން އަތް ނަގައިގެން ދަތުރެއް ނުނަގާނެއެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، މި ޚިދުމަތަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު ޓްރެކްކޮށް، މޮނިޓަރކޮށް ވަރަށް ރޭވުންތެރިކަމާއެކު ދޭ ޚިދުމަތަކަށްވާތީއެވެ. މަގުމަތިން އަތް ނަގައިގެން ޓެކްސީތައް ނަގާ ބައެއް ހާލަތްތަކުގައި، ބައެއް ފަހަރު އަގުބޮޑު މުހިންމު ތަކެތި ކާރުގައި ބެހެއްޓި، އެ ތަކެކި ނުފެނި ބޮޑެތި ގެއްލުންތައްވެސް ޕެސެންޖަރުންނަށް ކުރިމަތިވެފައި އެބަހުއްޓެވެ. އަދި ހިތްހަމަ ޖެހޭ ތަޖުރިބާއެއް ނުކުރެވި ދާ ޙާލާތްތައްވެސް ދެއެވެ.
ޓެކްސީ ލައިންގެ ކާރުތަކުގައި މަސައްކަތްކުރާ ޑްރައިވަރުންނަކީ ވަޒީފާއެއްގެ ގޮތުގައި، އެކަމަށް ޚާއްސަ ތަމްރީންތައް ދީގެން ޚިދުމަތަށް ނެރެފައިވާ މުވައްޒަފުންނެވެ. 400އަށްވުރެ ގިނަ ޑްރައިވަރުން ޚިދުމަތުގައި ހަރަކާތްތެިވާނެއެވެ. މިއީ 24 ގަޑިއިރުގެ ޚިދުމަތެކެވެ.
މި ޚިދުމަތް މިވަގުތު ލިބޭނީ މާލެ، ހުޅުލެ އަދި ހުޅުމާލެއަށެވެ. އަދި ވަރަށް އަވަހަށް ވިލިމާލޭގައިވެސް 5 ކާރު ބޭނުންކޮށްގެން މާލެ ޓެކްސީގެ ޚިދުމަތް ފަށާނެއެވެ.
ތަޖުރިބާ ހަފުތާއަށް ފަހު، މާލެ ޓެކްސީ ލައިންއިން އަބަދުވެސް ދަތުރުކުރާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައި ހުންނަ އަގުތަކަށެވެ. ކަސްޓަމަރު ދަތުރު ބުކް ކުރުމާއެކު އެ ހިސާބަކާ އެންމެ ކައިރީގައި އޮތް މާލެ ޓެކްސީ ލައިންގެ ކާރެއް އެ ކަސްޓަމަރަކަށް ޚިދުމަތް ދިނުމަށް ކަނޑައެޅިގެން ދާނެއެވެ.
މާލެ ޓެކްސީ ލައިންއާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުން ނަމަ، ޓެކްސީ ލައިންގެ ހޮޓްލައިން 1655އަށް ގުޅައިގެން ހޯދޭނެއެވެ.
ޓެކްސީލައިންގެ ފުރަތަމަ ހަފުތާ ހިލޭ، ދަތުރު ނެގޭނީ 1655އަށް ގުޅައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ