ސަލާމަތީ ކަންކަމާހުރެ ކަމަށް ބުނެ ޕެރިހުގައި މުސްލިމުން އެއްވުން މަނާކޮށްފި

ކުރިއަށް އޮތް ދުވަސްތަކުގައި ފްރާންސްގެ ވެރިރަށް ޕެރިސް ސަރަހައްދަށް މުސްލިމުން އެއްވުން އެ ގައުމުން މަނާކޮށްފިއެވެ. އޮފިޝަލަކާ ހަވާލާދި ރޮއިޓާސްއިން ބުނީ އެއްވުންތައް މަނާކުރީ ސަލާމަތީ ކަންކަމާ ހުރެ ކަމަށެވެ. "އިންޓީރިއާ މިނިސްޓަރު ލޯރެންޓް ނޫނޭޒްގެ އެދުމުގެ މަތިން އަޅުގަނޑު ވަނީ ފްރާންސްގެ މުސްލިމުންގެ އަހަރީ ބައްދަލުވުމުގެ 40 ވަނަ އެޑިޝަން، އޭޕްރީލް ތިނަކުން އޭޕްރީލް ހަޔަކަށް ޕެރިސް-ލެ ބޯޖެޓް އެގްޒިބިޝަން ސެންޓަރުގައި ބޭއްވުން މަނާކޮށް އަމުރެއް ނެރެފައި،" ޕެރިހުގެ ފުލުހުންގެ ވެރިޔާ ޕެޓްރިސް ފޯރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވިއެވެ. "މި ނިންމުމަކީ ޓެރަރިސްޓް އެލާޓްގެ މިންވަރު އިތުރުވުުމުން ⁠އާންމުންނަށް ނުރައްކާ އޮތީމައި [ނިންމި ނިންމުމެއް]" އޭނާ ވިދާޅުވިއެވެ. މި ނިންމުން ނިންމާފައި ވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއިން މިދިޔަ ހަފުތާ ބަންދުގައި ބޭންކް އޮފް އެމެރިކާސް (ބީއޭސީއެން) އަށް ދޭން މަސައްކަތްކުރި ބޮމުގެ ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާއަށް ފަހު ޕެރިހުގެ މުހިންމު ސަރަަހައްދުތަކުގައި ވަނީ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ. އެ ހަމަލާ ދޭން އުޅުނީ އީރާނަށް ތާއީދުކުރާ ޖަމާއަތަކާ ގުޅިފައިވާ ބައެއް ކަމަށް ބެލެވޭ ކަމަށް ފްރާންސްގެ ޕީޖީން ބުނެއެވެ. ފްރާންސުން އަންނަނީ މުސްލިމް ޖަމާއަތްތަކަށް، ހަރުކަށި ގާނޫނެއް ފާސްކުރުމަށް މަސައްކަތްކުރަމުންނެވެ. ފްރާންސްގެ ގައުމީ މަޖިލީހުން ވަނީ މުސްލިމް ބްރަދަހުޑް ހަރަކާތް ޔޫރަޕްގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި ހިމެނުމަށް މި އަހަރު ކުރީކޮޅު ގަރާރު ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ