ބ. ދަރަވަންދޫ އެއާޕޯޓަކީ، 2012 ވަނަ އަހަރުން ފެށިގެން ޚިދުމަތް ދެމުން އަންނަ އެއާޕޯޓެކެވެ. ބ. އަތޮޅަކީ ގިނަ އަދަދެއްގެ ރިސޯޓުތަކާއި، ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ އަދި ފަތުރުވެރިކަމުގެ އެނދު އެންމެ ގިނަ އެއް އަތޮޅަށް ވުމާއެކު، އެއާޕޯޓު ބޭނުން ކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެންކަމުން މި އެއާޕޯޓު ތަރައްޤީ ކުރުމަކީ، ވަރަށް މުހިންމު ކަމެކެވެ.
"މި ރަށުގެ އެއާޕޯޓް ތަރައްޤީކުރަން އަޅުގަނޑު ވާނީ ނިންމާފައި. އެހެންވީމާ، ސަރުކާރުން މިތަނަށް އިންވެސްޓް ކޮށްފައިވާ ފަރާތް، މިތަން ޑިވެލޮޕް ކޮށްފައިވާ ފަރާތާ އެކީގައި، މަޝްވަރާތައް ކުރިއަށް ގެންދާނަން. ގެންގޮސް އެ ފަރާތާއެކީގައި، ދެފަރާތަށް އެއްބަސްވެވޭ ފަދަ އެއްބަސްވުމަކަށް އައިސް، އެ އެއާޕޯޓް އެ ފަރާތުން ނަގައި، އައިލެންޑް އޭވިއޭޝަނާ ޙަވާލުކޮށް، ސަރުކާރުން ބޭނުންވާ ފެންވަރަށް، އައިލެންޑް އޭވިއޭޝަނުން އެތަން ރައްޔިތުން ބޭނުންވާ ފެންވަރަށް ތަރައްޤީކޮށް، އޮޕަރޭޓް ކުރުމަށް ޙަވާލުކުރަން، ސަރުކާރުން ނިންމާފައިވާ ވާހަކަ އަޅުގަނޑު އިޢުލާނު ކުރަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅު ދަރަވަންދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅެކެވެ. އަދި މިހާރު މިވަނީ، މުޅި ބ. އަތޮޅުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދެމުން ދިޔަ މި މަޝްރޫޢުގައިވެސް އަމަލީ ސިފައެއް ގެނެސްދީފައެވެ. އެގޮތުން، ބ. އަތޮޅުގެ ދަތުރުފަތުރުގެ މައި ނާރެސް ކަމުގައިވާ ދަރަވަންދޫ އެއާޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށް، ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްޤީ ކުރުމުގެ މަސައްކަތް މިމަހުގެ 1ވަނަ ދުވަހު މިވަނީ ފަށާފައެވެ.
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް، އައިއޭއެސްއެލްއާ ދަރަވަންދޫ އެއާޕޯޓު ރަސްމީކޮށް ޙަވާލުކޮށް، މި އެއާޕޯޓުގެ އައު ޓާމިނަލް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަކީ، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ހަަމަމިއާއެކު، ޔުނެސްކޯ ބަޔޯސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ.އަތޮޅަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ވަރުގަދަ އެއް މަންޒިލު ކަމަށްވާއިރު، މި މަސައްކަތާއެކު ދަރަވަންދޫ އެއާޕޯޓު ވެގެންދާނީ، އަތޮޅުގެ ރިސޯޓުތަކަށާއި، ލޯކަލް ޓޫރިޒަމަށް އަދި އަތޮޅުގެ ރައްޔިތުންނަށް އޮތް އެންމެ މުހިންމު ދޮރާއްޓަށެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ހުރި 959 އަކަމީޓަރުގެ ޓާމިނަލް، 1,874 އަކަމީޓަރަށް ބޮޑު ކުރެވޭނެއެވެ. މިއީ، ގާތްގަނޑަކަށް ދެގުނަ ބޮޑުވުމެކެވެ. އައު ޓާމިނަލް ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ކަނޑުގެ ދިރުންތަކުން މިސާލު ނަގައިގެން، ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ. މީގެ ތެރޭގައި ސެލްފް ޗެކް-އިން ކިއޮސްކްތަކާއެކު ޗެކް-އިންގެ މަސައްކަތް އަވަސްވެ، އެރައިވަލް ހޯލުގައި ބެގޭޖް ކޮންވެޔަރ ބެލްޓެއް ހަރުކުރެވޭނެއެވެ.
މީގެ އިތުރުން، މިހާރު 80 މީހުންގެ ޖާގައިގެ ޑިޕާޗަރ ހޯލް، 175 މީހުންގެ ޖާގައަށް ބޮޑުކޮށް ތިން ބޯޑިންގ ގޭޓް ޤާއިމުކުރެވޭނެއެވެ. އަދި ކުޑަކުދިން ގޮވައިގެން ދަތުރު ކުރާ އާއިލާތަކަށް ޚާއްސަ 'ބޭބީ-ކެއަރ' ފެސިލިޓީތަކާއި، ހާމަފެންޑާގެ ގޮތުގައި ފަރުމާކޮށްފައިވާ ހިތްގައިމު އައުޓްޑޯ ސަރަހައްދުތައް ހިމެނެއެވެ. މި ތަރައްޤީގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ، އަލަށް ޤާއިމުކުރާ 'އެގްޒެކެޓިވް ލައުންޖް' އެވެ. 75 އަށްވުރެ ގިނަ ގޮނޑީގެ ޖާގަ ހިމެނޭ މި ލައުންޖަކީ، ބ.އަތޮޅަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށާއި ދިވެހި ފަސިންޖަރުންނަށް، މަތީ ފަންތީގެ ކާބޯތަކެއްޗާއި އަރާމު މާޙައުލެއް ފޯރުކޮށްދޭނެ ތަނެކެވެ.
މިހާރުވެސް ދުވާލަކު 8 އަށްވުރެ ގިނަ ފްލައިޓު އޮޕަރޭޓް ކުރާ ދަރަވަންދޫ އެއާޕޯޓުގެ އައު ޓާމިނަލާއެކު މުޅި ބ.އަތޮޅުގެ އިޤްތިޞާދަށާއި އިޖުތިމާޢީ ފޭރާމަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ. އެންމެ ފުރަތަމަ ކަމަކަށް، އެއާލައިން އޮޕަރޭޓަރެއްގެ ގޮތުގައި އައިލެންޑް އޭވިއޭޝަނުން މި އެއާޕޯޓު ހިންގަން ފެށުމުން، ފްލައިޓް ޝެޑިއުލްތަކާއި އެއާޕޯޓުގެ ޚިދުމަތްތައް އެއް މިސްރާބަކަށް އަމާޒުވެ، ދަތުރުވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިންތިހާއަށް މަތިވެގެންދާނެއެވެ. މިއީ، ބ.އަތޮޅުގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމާއި ރިސޯޓުތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
"ދަރަވަންދޫ އެއާޕޯޓަކީ، މިހާރުވެސް ދުވާލަކު އެވްރެޖްކޮށް 8 ފްލައިޓް އޮޕަރޭޓް ކުރާ ބާރު ބޮޑު އެއާޕޯޓެއް. މިހާތަނަށް 42,000 އަށްވުރެ ގިނަ ފްލައިޓް މި އެއާޕޯޓަށް ޖައްސާފައިވާއިރު، 1.8 މިލިއަން ފަސިންޖަރުން މި އެއާޕޯޓުގެ ޚިދުމަތް ދީފައިވޭ. އަދި މިވަގުތު 99 މުވައްޒަފުން މަސައްކަތް ކުރާ މި އެއާޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމަކީ، 10,000 އަށްވުރެ ބޮޑު އާބާދީއެއް އޮތް ބ. އަތޮޅަށް ނުހަނު ބޭނުންތެރި ކަމެއް. މީގެ ސަބަބުން މި އަތޮޅުގެ ފަތުރުވެރި ކަމަށް އިތުރު އާރޯކަމެއް ލިބިގެންދާނެ." އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވިއެވެ.
ޓާމިނަލްގެ ޖާގަ ބޮޑުވެ، ޚިދުމަތްތައް ޒަމާނީވުމަކީ އޭގެ ސަބަބުން، ފަތުރުވެރިން މި އަތޮޅަށް ވަދެގެން އަންނައިރު ލިބޭ ފުރަތަމަ ތަޖުރިބާ ރަނގަޅުވެ، ބ.އަތޮޅަކީ ފެންވަރުމަތީ މަންޒިލެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ދުނިޔޭގައި ބަލައިގަންނާނެ ކަމެކެވެ. މީގެ އިތުރުން، އެއާޕޯޓު ބޮޑުވުމާއެކު އުފެދޭ ވަޒީފާގެ އައު ފުރުސަތުތަކަކީ އަތޮޅުގެ ޒުވާނުންނަށް ލިބޭނެ ރަނގަޅު ފުރުސަތުތަކެކެވެ. ހަމައެހެންމެ، ދަރަވަންދޫގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ޚާއްސަކޮށް ކެފޭ، ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް، އެއާޕޯޓަށް ޒިޔާރަތް ކުރާ މީހުން އިތުރުވުމުގެ ސަބަބުން މާލީ ބޮޑު މަންފާއެއް ކުރާނެއެވެ.
"އަސްލު މިކަމަކީ ދަރަވަންދޫ ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދެމުން ދިޔަ ކަމެއް. މީގެން އަސްލު ވަރަށް ބޮޑު އިޤްތިޞާދީ ފައިދާ ދަރަވަންދޫއަށް ލިބެނީ. އެއީ މިހާރުވެސް ހަމަ ދަރަވަންދޫ 99% ވޯކް މިކުރަނީ އެއާޕޯޓުގައި. އައު ޓާމިނަލާއެކު ވަރަށް ބޮޑަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ. އަދި މި އެއާޕޯޓު ވަށައިގެން މިއޮތީ، ހުސްވެސް ލަގްޒަރީ ރިސޯޓުތައް. މިކަމުން ފަތުރުވެރިކަމަށްވެސް އަސްލު ވަރަށް ބޮޑު ފައިދާއެއް އެ އަންނަނީ." އެރަށުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.
ދަރަވަންދޫ އެއާޕޯޓުގެ މި އައު ބާބަކީ، ހަމައެކަނި އިމާރާތެއްގެ ތަރައްޤީއެއް ނޫނެވެ. އެއީ، މުޅި ބ.އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީ، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އިޤްތިޞާދީ ގޮތުން އަތޮޅު ބާރުވެރި ކުރުވުމަށް އެޅޭ ވަރުގަދަ ބިންގަލެކެވެ. މި މަޝްރޫޢު ނިމުމުން، ދަރަވަންދޫ އެއާޕޯޓު ވެގެންދާނީ، ދިވެހިވަންތަ މެހެމާންދާރީއާއި ޒަމާނީ ފެންވަރުގެ ޚިދުމަތް ރަމްޒުކޮށްދޭ، ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ސަރަޙައްދީ އެއާޕޯޓަށެވެ. މީގެ ސަބަބުން ބ.އަތޮޅުގެ ކުރިމަގު އިތުރަށް އުޖާލާވެ، ދަރަވަންދޫއަކީ އަތޮޅުގެ އެންމެ މުހިންމު އިޤްތިޞާދީ ހަބަށް ވެގެންދާނެއެވެ.
ދަރަވަންދޫ އެއާޕޯޓުގެ އައު ޓާމިނަލާއެކު ބ.އަތޮޅަށް ދިރުމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ