ޔަހޫދީންގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 6،000ން މައްޗަށް

ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު، އެއްވެސް މަޤުބޫލު ސަބަބެއް ނެތި ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާ ދީ ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އީރާނާއި ޔަހޫދީ ދައުލަތުގެ އިތުރުން މެދުއިރުމަތީގެ އެކި ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދުވެފައިވެއެވެ. އަދި އެ ތައް ހާސް ބަޔަކަށް އެކި ވަރުގެ ޒަޚަމްތައް ވެސް ވެފައިވެއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިމިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް މެދުއިރުމަތީގެ މި ހަނގުރާމަ މިހާރު މި ވަނީ 35 ދުވަހަށް ދެމިގެން ގޮސްފައެވެ.
ޔަހޫދީ ދައުލަތަށް އީރާނުން އަމާޒުކުރަމުންދާ ރައްދު ޙަމަލާތަކުގައި މިހާތަނަށް 24 މީހުން މަރުވެ 6،239 މީހުންނަށް ޒަޚަމްވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. ޔަހޫދީންނަށް ސިހުން ގެނުވައިލި އީރާނުގެ ވަރުގަދަ ޙަމަލާތަކުން ރައްކާތެރިވުމަށް ޔަހޫދީ ދައުލަތުގައި ދިރިއުޅޭ މީހުން ރައްކާތެރި ބިންގަރާސްތަކަށް ދިޔުމަށް ސަރުކާރުން ދަނީ އަންގަމުންނެވެ. އޭގެ އިތުރުން މެދުއިރުމަތީގެ އެކި ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތަކުގައި އެމެރިކާގެ 13 ސިފައިން ވެސް މިހާތަނަށް މަރުވެ، 200އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ.
މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ބަޙްރައިންއަށް އަމާޒުވި ޙަމަލާތަކުގައި މިހާތަނަށް 3 މީހުން މަރުވެ އެތައް ބަޔަކަށް ޒަޚަމްވެފައިވެއެވެ. ޢިރާޤުގައި މިހާތަނަށް 108 މީހުން މަރުވެފައިވާއިރު އެތައް ބަޔަކަށް ޒަޚަމްވެފައިވެއެވެ. ޢުރުދުންގައި ވެސް 29 މީހަކަށް ޒަޚަމްވެފައިވެއެވެ. ކުވައިތުގައި ވެސް ހަތް މީހުން މަރުވެފައިވާއިރު ގިނަ ބަޔަކަށް ޒަޚަމްވެފައިވެއެވެ. ޢުމާނުގައި ވެސް ތިން މީހުން މަރުވެ 15 މީހުންނަށް ޒަޚަމްވެފައިވެއެވެ. އަދި ޤަޠަރުގައި ވެސް 16 މީހުންނަށް ޒަޚަމްވެފައިވެއެވެ. އޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާގައި ދެ މީހުން މަރުވެ 20 މީހުންނަށް ޒަޚަމްވެފައިވެއެވެ. އަދި އެކުވެރި ޢަރަބި އިމާރާތުގައި ވެސް 12 މީހުން މަރުވެ 190 މީހުންނަށް ޒަޚަމްވެފައިވެއެވެ.
އީރާނުގެ ދިފާޢުގައި ލުބުނާނުން ހަނގުރާމައިގެ ތެރެއަށް ވަދެ، ޔަހޫދީންނަށް ޙަމަލާ ދެމުންދާއިރު، ޔަހޫދީން ދަނީ ލުބުނާނަށް ވެސް ވަރުގަދަ ޙަމަލާތައް ދެމުންނެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ލުބުނާނުގައި މިހާތަނަށް 1،318 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި މައުސޫމް ކުޑަކުދިން ވެސް ހިމެނެއެވެ. އަދި ޙަމަލާތަކުގައި 3،935 މީހުންނަށް ޒަޚަމްވެފައިވެއެވެ. ހަނގުރާމަ ފެށުނު ފަހުން ލުބުނާނުގެ މިލިޔަނަކަށްވުރެ ގިނަ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައެވެ.
ޔަހޫދީންނާއި އެމެރިކާއިން އީރާނަށް އަމާޒުކުރަމުންދާ ޙަމަލާތަކުގައި ވެސް އެ ޤައުމުގެ 1،937 މީހުން ޝަހީދުވެ 24،800އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ. ޔަހޫދީންނާއި އެމެރިކާގެ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ތެރޭގައި ކުށެއް ނެތް ތުއްތުކުދިންނާއި މުސްކުޅިން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ