'ވެގެންވާ ނަމަ އެންމެ އިންތިހާބެއް ވެސް ނުބާއްވާނެ."
ރަހުމަތްތެރިޔަކު އެހެން ބުނީ ކޮންމެހެން މި ސަރުކާރަށް ނިސްބަތްކޮށްފައެއް ނޫނެވެ. އެކަމަކު މި ދުވަސްކޮޅު އެކަން ގުޅެނީ މި ސަރުކާރާ އެވެ. ސަބަބަކީ ސަރުކާރުން ބޭނުންވެގެން މާދަމާ ރައްޔިތުންނާ ވަރަށް މުހިންމު، ބޮޑު ސުވާލެއް ކުރާނެތީ އެވެ. އެއީ:
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ 'ގާނޫނުއަސާސީއަށް 8 ވަނަ އިިސްލާހު ގެނައުމުގެ ބިލު' ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"
މި ސުވާލު ރައްޔިތުންގެ ބޯމަތީގައި އޮތް އިރު، އަދިވެސް ގިނަ މީހުންނަށް އެކަމާ ބެހޭ އެންމެ ފުރިހަމަ މައުލޫމާތު ލިބިފައެއް ނުވެ އެވެ. އޭގެ މަގްސަދާއި ފެންނަކަމަށް ބުނެ، މަޖިލީހުން އެ ބިލު ފާސްކޮށްފި ނަމަ ނުކުމެދާނެ ނަތީޖާ ސާފެއް ނޫނެވެ.
އަނެއްކޮޅުން ރާއްޖޭގެ ތައުލީމީ، ގާބިލު ސިކުނޑިތަކުން ތަކުރާރުކޮށް ބުނަމުން އެ ދަނީ އެ ސުވާލުގެ ޖަވާބުގައި ނޫނެކޭ ބުނުމަށެވެ. ސޯޝަލް މީޑިއާ އާއި އެކި ފޯރަމްތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެ ދަނީ ހިޔާލުފާޅުކުރަމުންނެވެ.
ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ވިސްނުން ވެސް ހުރީ އެހެންނެވެ. ކުރު މުއްދަތަކަށް ރައީސްކަން ކުރެއްވި މުހައްމަދު ވަހީދު ހަސަން މަނިކުގެ ވިސްނުންފުޅު ހުރި ގޮތެއް ނޭނގެ އެވެ. އެޕްސްޓީން ފައިލްސްގެ ތެރެއިން އެމަނިކުފާނުގެ ނަން ފާޅުވި ފަހުން 'ގެއްލުނީ' އެވެ.
ކަން މިހެން އޮތްއިރު، ސަރުކާރުން މިހާ އަވަސްއަރުވާލައިގެން މިކަން ކުރުމުގެ ފަހަތުގައި އޮތީ ކޮން މަގްސަދުތަކެއް ހެއްޔެވެ؟ މި ސުވާލާ ކުރިމަތިލުމުގެ އެއް ދުވަސް ކުރިން މަސައްކަތް ކުރާނީ އެކިއެކި ތަޖުރިބާކާރުންގެ ވާހަކައިން އެކަން ސާފުކޮށްދެވޭތޯ އެވެ.
ނަގަން މިއުޅޭ ނިޒާމީ ވޯޓާ މެދު އާންމުން ހޭލުންތެރިކުރަން އޭޕްރީލް 29 ވަނަ ދުވަހު "1 + 1 ކީއްކުރަން"ގެ ނަމުގައި ބޭއްވި ފޯރަމްގައި ދެ އިންތިހާބު އެއްކޮށްލުމުން ނުކުމެދާނެ ނަތީޖާތަކަށް، ތަޖުރިބާކާރުންގެ ޕެނަލަކުން ވަނީ އަލިއަޅުވާލާފަ އެވެ. ސަރުކާރުން މާ ވަރަކުން، އަވަސްއަރުވާލައިގެން މިކަން ކުރަން ދައްކާ ވާހަކަތަކުގެ އަނެއް ފުށް ވެސް ވަނީ ކިޔައިދީފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކުރެއްވި އަލީ ހުސައިން ވިދާޅުވީ ވަކިވަކިން އިންތިހާބުތަކެއް ބާއްވަން ގާނޫނުއަސާސީގައި ލިޔުނީ ވަރަށް މުހިންމު ސަބަބުތަކެއް ހުރެގެން ކަމަށެވެ.
"ފުރަތަމަ ކަމަކަށް، ކޮންމެ އިންތިހާބަކީ މަޝްވަރާއެއް. އެހެންވީމަ ތިން ދިމާލަކަށް، ތިން ބަޔަކު އިންތިހާބުކުރާ އިރުގައި ވަކިން މަޝްވަރާކުރަން ބޭނުންވާތީ ތިން އިންތިހާބު ވަކިކުރީ،" އޭނާ ވިދާޅުވި އެވެ.
"ހުރިހާ މަޝްވަރާއެއް އެއް ތަނެއްގައި ކުރީމަ އެ މަޝްވަރާއަށް ދޭން ޖެހޭ އަހަމިއްޔަތުކަން ނުދެވި، ކަންކަމާ މެދު ފުންކޮށް ވިސްނާލުމުގެ ފުރުސަތު ނުލިބޭ."
ވަރަށް ތިލަކޮށް މިސާލެއް ދައްކާ ނަމަ، ސްކޫލް ފަށާ ގޮތަށް، ނުކިޔަވައި، އިމްތިހާނެއް ވެސް ނުހަދައި ރިޕޯޓު ފޯމު ދިނުމަކީ ދެކޮޅުޖެހޭ ކަމެއް ހެއްޔެވެ؟ ނުކުރެވިގެން މިއުޅެނީ އެކަހަލަ ކަމެކެވެ. ގެއްލުވައިލަން އެ އުޅެނީ އެ އިރެއްގައި އޮންނަ ސަރުކާރު ޒިންމާދާރުކުރުމަށާއި ސަރުކާރަށް ބަސްނުނަން ލިބިފައި އޮތް ފުރުސަތެކެވެ.
ރިޔާސީ އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ދައްކާ އެއް ސަބަބަކީ މަޖިލިސް އެކުލެވިގެންވާ ގޮތް ބެލެންސް ވާނެ ކަމަށް ބުނާ ބުނުމެވެ. ޒުވާނުންނާ އެކު 28 މާޗުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. އެ ދެ އިންތިހާބު އެއްކޮށްލުމުން ވަކި ޕާޓީއަކަށް ސުޕަމެޖޯރިޓީ ލިބުމުގެ ފުރުސަތު ކުޑަވާނެ އެވެ. ސަބަބަކީ ރައީސަށް ހޮވޭނެ ބޭފުޅަކާއި މެމްބަރުންނަށް ހޮވޭނީ ކޮން ބައެއްކަން އެނގޭނީ އެކުއެކީގައި ކަމަށް ވުމުންނެވެ.
ސުވާލަކީ ކަން ވާނީ ރައީސް އެ ވިދާޅުވާހާ ފަސޭހައިން ހަމަ އެގޮތަށް ހެއްޔެވެ؟ 29 މާޗުގެ ފޯރަމްގައި އައިމަން ރަޝީދު ވިދާޅުވީ އެއްގޮތަކަށް ވެސް އެހެން ނުވާނެ ކަމަށެވެ. އެއާ ދިމާ އިދިކޮޅަށް، އެއް ޕާޓީއަކަށް %100 ގޮނޑި ވެސް ލިބިދާނެ ނޫން ހެއްޔެވެ؟ ފުރަތަމަ ކަމަކަށް ސަރުކާރުތަކުން ސުޕަމެޖޯރިޓީ މާނަކުރާ ގޮތް ވެސް ގޯހެވެ.
"ސަރުކާރުތަކަށް ހީވާ ކަހަލަ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބެނީ ރައްޔިތުންގެ ސުޕަމެޖޯރިޓީ ވޯޓު ލިބިގެންނޭ. މިއީ ވަރަށް ބޮޑު ކުށް ހީއެއް،" އެކަން ތަފްސީލުކޮށްދެއްވަމުން އައިމަން ވިދާޅުވި އެވެ.
"2019ގައި އެމްޑީޕީއަށް ޕާލިމެންޓުން ސުޕަމެޖޯރިޓީ ލިބުނީ %46.83 ވޯޓުން. 2024 ވަނަ އަހަރު ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބުނީ %47.5 ވޯޓުން. އެހެންވީމަ ވަރަށް ބޮޑު ކުށްހީއެއް ރައްޔިތުންގެ މާ ބޮޑު ތާއީދަކާ އެއްކޮށޭ ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ ސުޕަމެޖޯރިޓީ މި ލިބުނީ."
ދެން އޮތީ ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ވޯޓުލުމުގެ ނިޒާމެވެ. އައިމަން ވިދާޅުވި ގޮތުގައި ރާއްޖޭގައި 'ފަސްޓް ޕާސްޓް ދަ ޕޯސްޓް ވޯޓިން' ނިޒާމު އޮތްހާ ދުވަހަކު %10، %25 ނުވަތަ %30 ވޯޓާ އެކު ވެސް އެއް ޕާޓީއަކަށް މަޖިލީހުގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
މިސާލަކަށް ތިން ކެންޑިޑޭޓުން ވާދަކުރާ ދާއިރާއަކުން %34 ވޯޓު ލިބޭ ކެންޑިޑޭޓެއް މޮޅުވާނެ އެވެ. އަދި 10 ކެންޑިޑޭޓުން ވާދަކުރާ ދާއިރާއަކުން %11 ވޯޓު ލިބޭ ކެންޑިޑޭޓަކަށް ވެސް މޮޅުވުމުގެ ފުރުސަތު އޮވެ އެވެ.
"ރާއްޖޭގެ މި އިންތިހާބީ ނިޒާމު މިހެން އޮތްހާ ދުވަހަކު ރައްޔިތުން ލާ ވޯޓާއި މަޖިލިސް އުފެދޭ ގޮތާ ދިމާނުވުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތް. ރައީސަށް ހީވާ ކަހަލަ އަދި މީހުންނަށް މެސެޖު ވެސް ދޭ ކަހަލަ، މިވަރަށް ތާއީދު އެބައޮތޭ. އަސްލު ނެތް،" އައިމަން ވިދާޅުވި އެވެ.
"މިއީ ހައްލުކުރަން ޖެހޭ ކަމެއް. އެކަމަށް އެބަހުރި ދުނިޔޭގެ އެހެން ތަންތަނުގައި، މިސާލަކަށް 'މިކްސްޑް މެމްބާ ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން'، 'ޕާޓީ ލިސްޓް'، މިކަހަލަ އެކި ކަހަލަ ނިޒާމުތައް އެބަހުރި. އެ ބަދަލު ގެނެވިއްޖެއްޔާ މާ ރަނގަޅު ބަދަލެއް އަންނާނެ ބެލެންސްޑް މަޖިލީހެއް ގެންނަން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ އެއްކޮށް ބޭއްވުމަށްވުރެ."
ކުއްލި ނިޒާމީ ވޯޓަށް އެހުމުގައި ސަރުކާރުން އަމަލުކުރި ގޮތާ މެދު ފޯރަމްގައި ޕެނަލިސްޓަކަށް އިންނެވި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އުފެއްދެވީ ވަރަށް މުހިންމު ސުވާލެކެވެ.
މި 8 ވަނަ އިސްލާހު ގެންނަން، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ހިތަށް އެރީ ކާކު ހެއްޔެވެ؟ ރައްޔިތުންގެ ތެރެއިން އުފެދިގެން އައި ޝުއޫރެއް ހެއްޔެވެ؟ ރައްޔިތުން ބޭނުންވެގެން ގެންނަ އެއްޗެއް ހެއްޔެވެ؟
އެ ސުވުާލަށް ޖަވާބު ދެއްވަމުން ސުއޫދު އިޝާރާތްކުރެއްވީ ޑިމޮކްރެޓިކް ނިޒާމުގެ މުހިންމު އަސާސަކަށެވެ. އެއީ ވެރިކަމުގެ ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނޭ ބުނާ ބުނުމަށެވެ. އެހެން ކަމަށްވާ ނަމަ މި އިސްލާހު ނުވަތަ ގާނޫނުއަސާސީއަށް އިސްލާހެއް އަންނަން ވާނީ ވެސް ރައްޔިތުންގެ ތެރެއިން، ތިރިން މައްޗަށް ނޫން ހެއްޔެވެ؟
ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ކައުންސިލްތަކުގެ އިންތިހާބު ވަކިން ބާއްވާތީ ކަންބޮޑުވެގެން މީގެ ކުރިން ރައްޔިތުން އުޅުނު ހެއްޔެވެ؟
"[ގާނޫނުއަސާސީއަށް އިސްލާހެއް އަންނަން ވާނީ] ރައްޔިތުންގެ ޝުއޫރުތަކުން އުފެދިގެން، ބަދަލެއް ބޭނުންވާކަމުގެ އިހުސާސް ކުރެވިގެން، އެ ޝުއޫރުތައް ތިރިން މައްޗަށް އައިސްގެން،" ސުއޫދު ވިދާޅުވި އެވެ.
"ރައްޔިތުން ބޭނުންވެގެން ނޫން ގޮތަކަށް ގެންނަ އިސްލާހަކީ ގިނަ ދުވަހަށް ދެމިއޮންނާނެ އެއްޗެއް ނޫން."
އިންތިހާބެއް ބޯމަތިވަމުން އަންނައިރު ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ބުނާ ބަހާ އެއްގޮތަކަށް ވެސް ދިމައެއް ނުވެ އެވެ. އިސްރާފު އެހާ ގިނައިރު، ތެޅިފޮޅިގެން ނިޒާމީ ވޯޓަކަށް އެހުމުގެ ބަދަލުގައި ހަރަދު ކުޑަކުރަން ކުރެވިދާނެ ބައިވަރު ކަންކަން އެބަހުއްޓެވެ.
އިންތިހާބު ކައިރިވާ ވަރަކަށް ވަޒީފާ އޮއްސަނީ އެވެ. ސަރުކާރު ކުންފުނިތަކުން ބަރި ބަރިއަށެވެ. ދުވަހަކު ނުގުޅާ މީސްމީހުން ކަންކަން ކޮށްދޭން ވެސް ގުޅަނީ އެވެ. ނަންބަރު ހޯދަނީ ކިހިނެއް، ކާކުގެ އަތުން ކަމެއް ވެސް ނޭނގޭނެ އެވެ. ދުނިޔޭގައި ތިބިކަން ކުރިން ނުވެސް އެނގޭ ގާތްތިމާގެ މީހުން ފާޅުވަނީ އެވެ. ދައްކަނީ އެއް ވާހަކައެކެވެ. މިވެނި މީހަކަށް ވޯޓު ދިނުމުން އެވެނި ކަމެއް ކޮށްދޭނަމޭ އެވެ. ނޫނީ އެވެނި ތަނަކުން ވަޒީފާ ނުވަތަ ވަޒީފާގެ ކުރިއެރުން ލިބޭނެ އެވެ.
ރާއްޖޭގައި ކަން ހިނގާ ގޮތަށް ބަލާއިރު މިކަހަލަ ކަންކަން ކުރެވޭނެ މާލީ ބާރު އޮންނަނީ ވެސް އެއިރެއްގައި އޮންނަ ސަރުކާރަކަށެވެ. އެކަމަކު އެއީ ރިޝްވަތެވެ. ނުވަތަ ތަންކޮޅެއް އޮފުކޮށްލާފައި ބުނާ ނަމަ އިންތިހާބެއް ކާމިޔާބު ކުރެވޭނެ ކަމަށް އެ އިރެއްގައި އޮންނަ ސަރުކާރަކަށް ހީވެފައި އޮންނަ %100 ފޯމިއުލާ އެވެ.
އާ ސަރުކާރަކަށް ސުޕަމެޖޯރިޓީ ލިބޭ ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ ވެސް އެއީ އެވެ. ފުރަތަމަ ކަމަކީ ރިޔާސީ ދައުރެއް ނިމި، ރިޔާސީ އިންތިހާބަކާ ކުރިމަތިލާއިރު އެ އިރެއްގައި އޮންނަ ސަރުކާރެއްގެ މަގުބޫލުކަން އާންމުންގެ މެދުގައި ކުޑަވުމެވެ. ގާނޫނާހިލާފު އެތައް ކަމެއް ކޮށްގެންނާއި ވައްކަމާއި ކޮރަޕްޝަންގެ ސަބަބުންނެވެ. ރައްޔިތުން ރުޅިއަރުވާތީ އެވެ. އަދި ދެ ވަނަ ކަމަކީ ކުރިން މި ބުނިހެން، ކެމްޕޭން ފައިނޭންސް ކުރާ ގޮތެވެ.
"ކެމްޕޭން ފައިނޭންސް މި ކުރަނީ ކޮރަޕްޝަނުން. ވެރިކަމުގައި އޮންނަ ޕާޓީ ރިޔާސީ އިންތިހާބަށް އަތްމަތި އެއްކޮށް ހުސްކޮށްލަނީ. ދެން އަންނަނީ އާ ސަރުކާރެއް. އާ ސަރުކާރެއް އައިސް އެ އޮންނަ 4-5 މަސް ތެރޭގައި ވަޒީފާ ބެހުމާއި ދައުލަތުގެ މުދާ އެގޮތް މިގޮތަށް ބޭނުންކުރުމާއި އެސްއޯއީތައް ބޭނުން ގޮތަކަށް ބޭނުންކުރުމާ މި ހުރިހާ ކަޑަތަކެއް ޖަހައިގެން މި އަގުލަބިއްޔަތު މި ހޯދަނީ،" ސުއޫދު ވިދާޅުވި އެވެ.
ބަދަލުކުރަން ޖެހޭ ކަމަކީ އިންތިހާބުކުރާ ގޮތް، ކެމްޕޭން ފައިނޭންސް އަދި ކޮރަޕްޝަނާއި ވައްކަމާއި ގާނޫނާހިލާފު ކަންކަން ކުރުން ހުއްޓާލުމެވެ.
"މި ހުރިހާ ކަމަކާ ހުރެ ސަރުކާރުތައް މި އޮންނަނީ ދައުރު ނިމޭއިރު ވަރަށް ބޮޑަށް އަންޕޮޕިއުލާ ވެފައި. ޕޮޕިއުލާރިޓީ ހަމަ ސުމަކަށް ގޮސްފައި. އެހެންވީމަ ދެން އަންނަ ބަޔަކަށް ރައްޔިތުންނަށް ކިރިޔާ ވެސް އުންމީދެއް އޮތީ،" ސުއޫދު ވިދާޅުވި އެވެ.
"މި ތިން ކަންތައް އިސްލާހުކޮށްގެން ނޫން ގޮތަކަށް މި ސުޕަމެޖޯރިޓީ ކަންތައްގަނޑު ނުނިމޭނެ."
އޭގެ އިތުރަށް ނަމުން މިނިވަން އެކަމަކު ނުކުޅެދޭ ހާލުގައި އޮންނަ މުއައްސަސާތައް ވެސް އިސްލާހުވާން ޖެހެ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން، އިލެކްޝަންސް ކޮމިޝަން އަދި ކޯޓުތައް ރަނގަޅަށް ހިނގަން ޖެހެ އެވެ.
"މި ހުރިހާ މުއައްސަސާތައް ފަންކްޝަން ކޮށްފައި، އެސްއޯއީތައް ބޭނުންކޮށްގެން ކެމްޕޭން ކުރާ ކުރުން ހުއްޓުވަން އެބަޖެހޭ،" ސުއޫދު ގަބޫލުކުރައްވާ ގޮތުގައި އިންތިހާބަށް ނުފޫޒު ފޯރުވުން ހުއްޓުވަން އޮތް އެއް ހައްލަކީ އެއީ އެވެ.
އިންތިހާބުތައް ވަކިވަކިން ބޭއްވިޔަސް، އެއްކޮށްލިޔަސް، ސުއޫދު އެ ފާހަގަކުރެއްވި، ކެމްޕޭންތަކަށް ފައިނޭންސްކުރާ ގޮތަށް ބަދަލެއް އަތުވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ދެ ފަހަރެއްގެ މަތިން ބަހާ ފައިސާ އާއި ވަޒީފާތައް، އެއް ފަހަރަށް ބަދަލުވެދާނެ އެވެ. އެހެންކަމުން ހަރަދު ކުޑަވަނީއެއް ނޫނެވެ. އެކަމަކު ކެމްޕޭނަށް ހަރަދުކުރާ މީހުންގެ ޖީބަށް 'ކަހާލާ' ބައި ފަހަރުގައި ބޮޑުވެދާނެ އެވެ. އަނެއްކާ ވެސް މަދު މި ވަނީ ރައްޔިތުންނަށެވެ.
އިންތިހާބަށް ވަގުތީ ވަޒީފާތައް ބަހަމުން، ކުރިން ޖަހާފައިހުރި ކަޑަތަކުގެ މަތިން ކަޑަޖަހަމުން ސަރުކާރުން އެ ބުނަނީ ދެ އިންތިހާބު އެއްކޮށްލައިގެން ހަރަދު ކުޑަވާނެ ކަމަށެވެ. އެކަމަކު އެހެން ދިމަދިމާލުން ސަރުކާރުގެ ކަންކަން މި ފެންނަނީ އޭގެ އިދިކޮޅަށް، އިސްރާފު ބޮޑުކޮށެވެ.
ކޮންމެއަކަސް މާދަމާ އެ ސުވާލަށް ރައްޔިތުން ޖަވާބުދޭން ޖެހޭނެ އެވެ. އެކަމަކު ޖަވާބު ދެވޭ ގޮތަކުން ދެން މާދަމާ ބުނެފާނެ އެވެ. ކޮންމެ ފަސް އަހަރަކުން އިންތިހާބެއް ބޭއްވުމަކީ ވެސް ބޮޑު ހަރަދެކެވެ. އެހެންވީމާ އިންތިހާބު އެއްގޮތަކަށް ވެސް ނުބާއްވާ ކަހަލަ ގޮތެއް ރާވަން ވީ އެވެ.
އެކެއް އެއްކުރަން އެކެއް، ދޭކެވެ. އެއީ ހިސާބުގެ އެންމެ ބޭސިކް އެކައްޗެވެ. އެކަމަކު ދެ އިންތިހާބު އެއްކޮށްލުމުގެ ބަހުސްގައި އެކަކާއި އެކެއް އެއްކޮށްގެން އަންނަނީ އެކެކެވެ. އެއީ ދެ ފުރުސަތުގެ ބަދަލުގައި އެއް ފުރުސަތެވެ.
ކަރުދާސްކޮޅުގައި ނެތް، އެހެން ނަމަވެސް އަސްލު އަހަން އެ އުޅޭ ސުވާލަކީ ވެރިކަމުގައި ތިބި މީހުންނަށް ދޭން ބޭނުންވަނީ ކިހާ ބާރެއްތޯ އެވެ. މިހާރު އެއީ ޕީއެންސީ އެވެ. ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، ވެރިކަން ދަމަހައްޓަން ނުކުންނަން އޮތީ ޕީއެންސީ އެވެ.
މި ވެރިކަމަށް މިވީ ދެ އަހަރާއި ހަތަރު ވަރަކަށް މަސްދުވަހުގެ ތެރޭގައި ބާރުތައް ހަނިކުރަން އެކި ކަންކަން ކޮށްފި އެވެ. މިއީ ވެސް އެ ސިލްސިލާއަށް އިތުރުވާނެ ބޮޅެކެވެ. ވެގެންވާ ނަމަ އެންމެ އިންތިހާބެއް ބާއްވާކަށް ވެސް ބާރުގައި ތިބޭ ސިޔާސީ ވެރިން ބޭނުމެއް ނުވާނެ އެވެ. އެ ފުރުސަތު ނުދޭށެވެ. ވޯޓު ކަރުދާސްކޮޅުގެ 'ނޫނެކޭ'އާ ޖެހިގެން އޮންނަ ގޮޅީގައި ހެޔޮ ފާހަގައެއް ޖަހާލައި، ސަރުކާރަށް ބަސް އިއްވާށެވެ. ހައްލު އޮތީ އެގޮތުގަ އެވެ.
ނޫނެކޭ ބުނޭ؛ ހަރު މީހުން ބުނަނީ އޮތް ގޮތަކީ އެއީ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ