ގައުމީ ފިކުރުގެ ކެންޑިޑޭޓުން ހޮވައިގެން ނޫނީ، ރައީސްގެ ފިކުރު ތަންފީޒެއް ނުކުރެވޭނެ

މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ގައުމީ ފިކުރުގެ ކެންޑިޑޭޓުން ހޮވަން ޖެހޭ ސަބަބު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެދެއްވައިފިއެވެ.
ކޮންގްރެސް ޕާޓީން، އެ ޕާޓީގެ ލީޑަރު، ރައީސް ޑރ.މުހައްމަދު މުއިއްޒުއާއެކު މިއަދު ވެރިރަށް މާލޭގެ މެދުހެންވޭރުގައި ބޭއްވި ”ދޮރުން ދޮރަށް“ ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
ޕީއެންސީން ކުރާ މަސައްކަތަކީ ކައުންސިލްތަކަށް ގައުމީ ފެންވަރުގެ ކެންޑިޑޭޓުން ހޮވުން ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ގައުމާމެދު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި، އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
”އަޅުގަނޑުމެން މަސައްކަތް ކުރަނީ، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައިގެން، ރައްޔިތުން ބޭނުންވާ ކައުންސިލެއް އެކުލަވާލުމުގެ މަސައްކަތް.“ ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަވާ މޫސާ އަލީ ޖަލީލަކީ ގައުމަށް ހިދުމަތް ކުރެއްވުމުގެ ވަރަށް ސާފު ޓްރެކް ރިކޯޑެއް އޮތް ބޭފުޅެއް ކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރައްވާނީ، ރައީސް މުއިއްޒުގެ ސިޔާސަތު ތަންފީޒު ކުރެެއްވުމަށް ކަމަށެވެ.
މޫސާ އަލީ ޖަލީލަކީ ބަތަލެއް ކަމަށާއި، އެމަނިކުފާނާ ހަވާލު ކުރެވުނު ކޮންމެ ކަމެއް ވަރަށް އިހްލާސްތެރިކަމާއި ތެދުވެރިކަމާއި، ވަފާތެރިކަމާއެކުގައި ކުރައްވަވާފައިވާ ކަމަށް ވެސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ