ރޭ ވޮޝިންޓަނުގައި ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ ރޭގަނޑުގެ ފަރިއްކޮޅުގެ ސަލާމަތީ ކަންކަން މުގުރާލައި، ހަތިޔާރު އެޅި މީހަކު ބަޑިޖަހަން ފެށުމުން، ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ ޓްރަމްޕް އެ ތަނުން ރައްކާތެރިކަމާ އެކު ނެރެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އެފްބީއައި އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހަމަލާދިން މީހާ ސީކްރެޓް ސާވިސް އެޖެންޓަކަށް އަމާޒުކޮށް ބަޑިޖެހި ނަމަވެސް، އެޖެންޓް ލައިގެން ހުރި ރައްކާތެރިކަމުގެ ގިއަރުގެ ސަބަބުން އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ބަޑިޖެހި މީހާ ވަނީ ފަހުން ހައްޔަރުކޮށްފަ އެވެ.
ބަޑިޖެހި މީހާ ހައްޔަރުކޮށްފައިވާކަން ޓްރަމްޕް ސޯޝަލް މީޑިއާގައި ކަށަވަރުކޮށްދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ވޮޝިންޓަންގައި މިއީ ވަރަށް ތަފާތު ރެއެކެވެ. އަދި ސީކްރެޓް ސާވިސް އާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރި މަސައްކަތަށް ވަނީ ތައުރީފު ކުރައްވާފަ އެވެ. މީގެ އިތުރުން، ނައިބު ރައީސާއި ކެބިނެޓް މެންބަރުން ހިމެނޭހެން ހުރިހާ އިސް އޮފިޝަލުންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން އެތަނަށް އެއްވެފައި ތިބި 2،600އެއްހާ މީހުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި، މީހުން ބިރުން ހަޅޭއްލަވައި ރައްކާތެރިކަން ހޯދުމަށް ބިމަށް ތިރިވުމަށް ގޮވަމުންދިޔަ އެވެ. ސަލާމަތީ ބާރުތަކުން ވަނީ ރައީސާއި ކެބިނެޓްގެ އިސްވެރިން އެ ސަރަހައްދުން ނެރެ، ހަތިޔާރު އެޅި އެޖެންޓުން ބޭނުންކޮށްގެން މުޅި ތަން ބަލަހައްޓާފަ އެވެ.
އެމެރިކާގެ ސީކްރެޓް ސާވިސްއިން ބުނި ގޮތުގައި، މި ހަމަލާ ދީފައިވަނީ އިވެންޓުގެ މައި ސެކިއުރިޓީ ޗެކްޕޮއިންޓް ސަރަހައްދު ކައިރީގަ އެވެ. އަދި އެ މައްސަލަ މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ރޭގަނޑުގެ ފަރިއްކޮޅު ވަނީ ވަގުތުން ކެންސަލްކޮށްފަ އެވެ. މިއީ 2024 ވަނަ އަހަރު ޓްރަމްޕް އަވަހާރަކޮށްލަން ދިން ދެ ހަމަލާއަށް ފަހު، އޭނާގެ ސަލާމަތަށް ނުރައްކާވި މިފަދަ އިތުރު ހާދިސާއެކެވެ.
ކަމާބެހޭ އިދާރާތަކުން އަދި މިހާތަނަށް ހަމަލާދިން މީހާއާ ބެހޭ އެއްވެސް ތަފްސީލެއް ނުވަތަ މިކަން ކުރި މަގްސަދެއް ހާމައެއް ނުކުރެ އެވެ.
ޓްރަމްޕް އިންނެވި ވައިޓް ހައުސް ނޫސްވެރިންގެ ކެއުމުގައި ބަޑީގެ ހަމަލާއެއް؛ އެ މީހާ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ