އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދަން އުޅުނު ސުލުހައިގެ މަޝްވަރާތައް އަނެއްކާވެސް ހުއްޓުމަކަށް އަތުވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ޕާކިސްތާނު ދޫކުރައްވައި ފުރާވަޑައިގަތުމާއިގުޅިގެން، އީރާނުގެ އޮފިޝަލުންނާ ބައްދަލުކުރަން ޕާކިސްތާނަށް ފޮނުވަން އުޅުނު އެމެރިކާގެ މަންދޫބުންގެ ދަތުރު ޑޮނަލްޑް ޓްރަމްޕް ކެންސަލް ކުރުމުންނެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އަރާގްޗީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އަސްކަރީ ވެރިޔާ އާސިމް މުނީރާ ބައްދަލުކުރެއްވުމަށްފަހު ހޮނިހިރު ދުވަހު ވަނީ އޮމާނަށް ވަޑައިގެންފައެވެ.
އަރާގްޗީ ވިދާޅުވިގޮތުގައި އީރާނުން އޮތީ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމުގެ އޮނިގަނޑެއް އެކުލަވާލައިގެންނެވެ. ނަމަވެސް އެމެރިކާއިން ސުލުހައަށް މަސައްކަތްކުރާ މިންވަރާ މެދު އޭނާ ވަނީ ސުވާލު އުފައްދާފައެވެ. އީރާނުގެ ރަސްމީ މީޑިއާއިން ބުނާގޮތުގައި އަރާގްޗީ އޮމާނާއި ރަޝިއާގެ ދަތުރަށްފަހު އަލުން ޕާކިސްތާނަށް ވަޑައިގަންނަވާނެއެވެ.
މި ހަނގުރާމަ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށީ މިއަހަރުގެ ފެބްރުއަރީ 28 ގައެވެ. މި ހަނގުރާމައިގެ ސަބަބުން އީރާނުން ވަނީ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އެމެރިކާއިން ބުނާގޮތުގައި އެގައުމުން ވަނީ އީރާނު ހިސާރު (ބްލޮކޭޑް) ކޮށް ، ސަރަހައްދުގައި 50,000 ސިފައިން ތައްޔާރީ ހާލަތުގައި ބައިތިއްބާފައެވެ.
މަންދޫބުންގެ ދަތުރު ހުއްޓާލުމަކީ އަލުން ހަމަލާތައް ފެށުންތޯ ސުވާލު ކުރުމުން ޓްރަމްޕް ބުނީ، އަދި އެކަމާ މެދު ގޮތެއް ނުނިންމާ ކަމަށެވެ. އަދި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައިވަނީ ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ ގަސްތެއް އަދި ނެތް ކަމަށެވެ.
އެމެރިކާގެ މަންދޫބުން ޕާކިސްތާނަށް ނުދިއުމުން ސުލްހައަށް ހުރަސްއެޅިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ