މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުގައި ވާދޫން 2 މީހުން ހައްޔަރުކޮށްފި
މަސްތުވާތަކެތި ބޭނުންކޮށް, އެ ތަކެތި ގެންގުޅޭކަމުގެ ތުހުމަތުގައި ގދ. ވާދޫން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ، ސަންދަރޯސްގެ، މުޙައްމަދު އަޝްރަފް (30އ) އާއި ގއ. މާމެންދޫ، ހިތްވަރު، އާމިނަތު ޝާޔާ ޝުޖާޢު (18އ) އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ވާދޫ ބަނދަރު ސަރަހައްދުންނެވެ. އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މީހުންގެ އަތުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 3.28 ގުރާމް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އަޝްރަފް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި, އާމިނަތު ޝާޔާ ޝުޖާޢު 60 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުން އަންނަނީ އަތޮޅުތެރޭގެ ރަށްރަށުގައި ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ