ޓްރަމްޕް އިންނެވި ފަރީއްކޮޅެއްގައި ބަޑީގެ ޙަމަލާތަކެއް ދިނުމުން އޭނާ ސަލާމަތްކޮށްފި

އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގެ ހިލްޓަން ހޮޓަލުގައި ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓުންގެ ޖަމުޢިއްޔާގެ އަހަރީ ފަރީއްކޮޅުގައި ބަޑީގެ ޙަމަލާތަކެއް ދިނުމާ ގުޅިގެން ރައީސް ޑޮނަަލްޑް ޓްރަމްޕް ސަލާމަތްކޮށް، ރައްކާތެރި ތަނަކަށް ބަދަލުކޮށްފިއެވެ. ޝޮޓްގަންއަކާއި އިތުރު ހަތިޔާރުތަކެއް އަޅައިގެން ހުރި މީހާ ޙަމަލާދީފައި ވަނީ، ސީކްރެޓް ސަރވިސްގެ އޮފިސަރަކަށެވެ. އޭނާގެ ޙާލު ރަނގަޅުކަން ޓްރަމްޕް ވަނީ ފަހުން ކަށަވަރު ކޮށްދެއްވާފައެވެ.
ބަޑީގެ ޙަމަލާތައް ދިނުމާއެކު، ސީކްރެޓް ސަރވިސްގެ އޭޖެންޓުން ވަނީ ވަގުތުން ޓްރަމްޕާއި އޭނާގެ އަނބިކަނބަލުން މެލާނިޔާ ޓްރަމްޕް ރައްކާތެރިކޮށް، އެހެން ތަނަކަށް ބަދަލުކޮށްފައެވެ. އެ ފަރީއްކޮޅަށް އަމާޒުކޮށް ބަޑީގެ ޙަމަލާތަކެއްދިން މީހާ ހައްޔަރުކޮށްފައިވާއިރު، ކަމާގުޅޭ އިދާރާތަކުގެ އޮފިސަރުން މިހާރު ދަނީ ކެލިފޯނިޔާގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރަމުންނެވެ.
ބަޑީގެ އަޑާއެކު ފަރީއްކޮޅުގައި ބައިވެރިވި 2,600 އެއްހާ މީހުންގެ މެދުގައި ބޮޑު ހާސްކަމެއް އުފެދި، މީހުން ހަޅޭއްލަވައި މޭޒުތަކުގެ ދަށަށް ވަދެ ފިލި މަންޒަރު، އެ ސަރަޙައްދުން ޢާންމުކޮށްފައިވާ ވީޑިއޯތަކުން ފެނެއެވެ. ޓްރަމްޕް ވަނީ، ބަޑީގެ ޙަމަލާތައް ދިން މީހާ ހުއްޓުވުމުގައި ސީކްރެޓް ސަރވިސްގެ އޭޖެންޓުން އަދާކޮށްފައިވާ ހިތްވަރުގަދަ ދައުރު ފާހަގަކުރަައްވާފައެވެ. ޓްރަމްޕްގެ އިތުރުން، ސަރުކާރުގެ އިސް ވަޒީރުން ވެސް ވަނީ ރައްކާތެރިކަމާ އެކު ފަރީއްކޮޅު ބޭއްވި ތަނުން ބޭރަށް ގެންގޮސްފައެވެ.
މިއީ، އެ މީހާ އަމިއްލައަށް ރާވައި، ދީފައިވާ ޙަމަލާއެއް ކަމުގައި އެމެރިކާގެ ތަޙުޤީޤީ އިދާރާތަކުން ބުންޏެވެ. މިއީ، 2024 ވަނަ އަހަރު ޕެންސިލްވޭނިޔާގެ ބަޓްލަރގައި ޓްރަމްޕްގެ ކަންފަތްޕުޅަށް އަނިޔާވި ޙަމަލާއާއި، ފްލޮރިޑާގެ ގަލްފް ކްލަބުގައި އޭނާ އަވަހާރަކޮށްލަން އުޅުނު ހާދިސާއަށްފަހު ދީފައިވާ މި ފަދަ ތިންވަނަ ޙަމަލާކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.
މި ހާދިސާ ހިނގި ހިލްޓަން ހޮޓަލަކީ 1981 ވަނަ އަހަރު ކުރީގެ ރައީސް ރޮނަލްޑް ރޭގަން އަވަހާރަކޮށްލުމަށް ވެސް ބަޑީގެ ހަމަލާތަކެއް ދީފައިވާ ތާރީޚީ ހޮޓަލެއް ކަން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. ސީކްރެޓް ސަރވިސްގެ ތަރުޖަމާނު ބުނީ، ހަތިޔާރު އަޅައިގެން ހުރި މީހާ، ޓްރަމްޕް ހުންނެވި ސަރަޙައްދާ ގާތަށް ވަން ގޮތް ހޯދުމަށް ތަޙުޤީޤު ކުރަމުންދާ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ