ސާޖިދާ ހުށަހެޅުއްވި މައްސަލަ ބަލަން ނިންމުމުން އެމްޑީޕީން ހައި ކޯޓަށް

ރައީސް މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު ދެއްކި ވާހަކައާ ގުޅިގެން ހުށަހެޅި މައްސަލަ ބަލަން ސިވިލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި މިދިޔަ ހަފުތާ އަންގާރަ ދުވަހު އިސްތިއުނާފުކޮށްފި އެވެ.
ވީކިހިނެއް؟ - ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލެއްގެ ސަބަބުން ކަމަށް މަރިޔަމް ޒުބައިރު އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން މަރިޔަމް ޒުބައިރުގެ އިތުރުން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ މައްޗަށް ސާޖިދާ ވަނީ މަދަނީ ދައުވާކުރައްވައިފަ އެވެ.
މައްސަލަ ހުށަހެޅި ގޮތުން އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިއުތިރާޒުތަކެއް އެމްޑީޕީގެ ފަރާތުން ހުށަހެޅި އެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށެވެ. ދައުވާއަށް ޖަވާބުދާރީވުމަށް ވެސް ކޯޓުން އެންގި އެވެ.
ތަފްސީލް - ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، ސިވިލް ކޯޓުގެ މި މައްސަލައިގެ ނިންމުމެއް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އިސްތިއުނާފުކޮށްފަ އެވެ. ރަޖިސްޓްރީން ދައްކާ ގޮތުގައި، އިސްތިއުނާފް ބަލައިގަތުމާ މެދު ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.
އެމްޑީޕީގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލު އަހުމަދު މައުރޫފު މިއަދު 'ދައުރު'އަށް ވިދާޅުވީ އެއީ މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓަށް ހުށަހެޅި ނުކުތާތަކާ މެދު އެ ކޯޓުން ނިންމި ނިންމުމުމުގެ އިސްތިއުނާފް ކަމަށެވެ.
މަދަނީ އިޖުރާއަތުގެ ގަވާއިދާއި ކުޑަކުދިން ރައްކާތެރިކުރުމުގެ ގާނޫނު އަދި ގާނޫނުއަސާސީގެ ބައެއް ވެސް ފާހަގަކޮށް ހުށަހަޅާފައިވާ މައްސަލަ އެ ގޮތަށް އެކުގައި ބެލިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ސާޖިދާ ވަނީ ފެމިލީ ކޯޓަށް ވެސް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ ގޮތުން:
ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ވިދާޅުވެ
ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ބައިނަލްއަގުވާމީ މުއާހަދާއިން ކަށާވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގަނެފައިވާ ކަމަށް ވިދާޅުވެ
ގުޅުން ހުރި ކަމެއް - މަރިޔަމް ޒުބައިރުގެ މައްޗަށް ދައުވާކުރަން ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާއިރު، ރައީސްގެ ދަރިކަލުންގެ ކަރާމަތް ނަގާލީ ކުއްޖާގެ މަންމަ ކަމަށް ބުނެ، އެމްޑީޕީން ވަނީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމައިފަ އެވެ.
އެމްޑީޕީން ބުނީ މަރިޔަމް ޒުބައިރު ވާހަކަ ދެއްކީ ވަކި ކުއްޖަކަށް ނިސްބަތްކޮށް ނޫން ކަމަށާއި ކުއްޖާގެ ޒާތީ މައުލޫމާތުތައް ހާމަކުރީ ސާޖިދާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ