ވަގު ލިޔުންތަކެއް ހުށަހަޅައިގެން ހުޅުމާލޭ ފޭސް ދޭކުން ގޯއްޗެއް ހޯދަން އުޅުނު މައްސަލައިގައި ތުހުމަތުކުރެވޭ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދު އޭނާ ހުރި މަގާމުން ވަކިކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ފަޒީލް ސަސްޕެންޑްު ކުރީ ޑިސެމްބަރު 19، 2024 ގައި އެވެ. އޭނާ ސަސްޕެންޝަނުގައި ހުންނަތާ 201 ދުވަސް ވެއްޖެ އެވެ.
"މިއީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެޅުއްވި ފިޔަވަޅެއް، މުހައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާއެކު އިސް މަގާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމުގައި ބޯޑުން ދެކެވަޑައިގަންނަވާ،" އެ ކުންފުނިން އާންމުކުރި ކުރި މެސެޖުގައި ބުނެފައި ވެ އެވެ.
ވަގަށް ގޯތިތައް ދޫކުރި މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ފަޒީލްގެ ބޭބެ އަދި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށެވެ. މި މައްސަލައިގައި ހިމެނޭ ގޯތިތަކުގެ ތެރެއިން އެއް ގޯތީގެ ވެރިފަރާތް ކަމަށް ވަގު ލިޔެކިޔުންތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރަނީ ފަޒީލަށެވެ.
މި ތުހުމަތުތައް މިހެން ހުރި ނަމަވެސް، މި މައްސަލަ ފެންމަތިވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވަނީ މި ހުރިހާ ކަމަކަށް އިންކާރުކޮށްފަ އެވެ. އެ ދުވަހު އޭނާ ވިދާޅުވީ މި މައްސަލައިގެ ތެރޭގައި ބޭބެ ހިމެނުމަކީ އިއްތިފާގެއް ކަމަށާއި އެޗްޑީސީން އެއްވެސް ލިޔުމެއް ދޫކޮށްފައި ނުވާ ކަމަށެވެ.
މައްސަލަ ޖެހުނު ގޯތީގައި ވަށާފާރު ރޭނުމުގެ ހުއްދަ ވެސް ދޫކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް މި ބުނާ ގޯތީގައި ވަށާފާރު ހުރީ ރާނާފަ އެވެ. ވަށާފާރު ރޭނި ކަމަށް ތުހުމަތުކުރެވެނީ ފަޒީލަށެވެ.
ފަޒީލް ރަޝީދަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަކަށް އެދި ހުށަހެޅި މީހެކެވެ. ނަމަވެސް އޭނާއަކީ ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިވާ މީހަކަށް ވާތީ، އޭނާގެ ޝަރުތު ހަމަނުވާ ކަމަށް އޮތީ ނިންމާފަ އެވެ.
އެމްޑަބްލިއުއެސްސީގެ ޑީއެމްޑީގެ މަގާމުން ފަޒީލް ވަކިކޮށްފި އެމްޑަބްލިއުއެސްސީގެ ޑީއެމްޑީގެ މަގާމުން ފަޒީލް ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ