ފެނަކައިގެ އައު ޗެއާމަނަކަށް ޝާމް އައްޔަނުކޮށްފި

ފެނަކަ ކޯޕަރޭޝަނުގެ އައު ޗެއާމަނަކަށް، މީގެ ކުރިން އެ ކުންފުނީގެ ޑިރެކްޓަރުކަން ކުރެއްވި ހުސައިން ޝާމް އާދަމް އައްޔަނުކޮށްފިއެވެ. ފެނަކައިން ބުނީ، ޝާމް އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް ވަޑައިގަތުމަކީ އެ ކުންފުންޏަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. އެ ކުންފުނިން ވަނީ ޝާމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. https://x.com/teamfenaka/status/1942574963640394224?s=52 މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ޝާމް ފުރަތަމަ އައްޔަނުކުރީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ. ރައީސް އޮފީހުގެ ވެބްސައިޓުން ދައްކާގޮތުގައި އޭނާ އަދިވެސް ހުންނެވީ އެ މަގާމުގައެވެ. މީގެ ކުރިން ފެނަކައިގެ ޑިރެކްޓަރުކަން އޭނާ ކުރެއްވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016ވަނަ އަހަރު، އޭނާވަނީ ފިނޭންސް މިނިސްޓްރީގެ ނައިބަކަށް ވެސް ހަމަޖައްސަވައިފައެވެ. އޭގެ ކުރިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އިސް މަގާމެއް ވެސް އަދާކުރެއްވިއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީގައި ފެނަކައިގެ ޗެއާމަނަކަށް އައްޔަނުކުރީ އަހުމަދު ޝަހީރެވެ. އޭނާވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 2015އިން 2018އަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފައެވެ. އެހެން ނަމަވެސް އެ އަހަރުގެ އޮގަސްޓުމަހުގެ ތެރޭ ޝަހީރުގެ އިތުރުން، ފެނަކައިގެ ބޯޑުގައި ހިމެނޭ އިތުރު ދެ މެންބަރަކު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ސީރިއަސް ކޮރަޕްޝަންތަކެއްގެ ތުހުމަތު ކުރެވޭ ކުންފުންޏަކީ ފެނަކައެވެ. އެ ކުންފުނީގެ ދަރަނިވަނީ ހަތަރު ބިލިއަން ރުފިޔާއަށް އަރައިފައެވެ. ފެނަކައިގެ ދަރަނީގެ މައްސަލަތައް ބޮޑުވެ، އެސްޓީއޯގެ ދަށަށް އެ ކުންފުނި ބަދަލުކުރަން ނިންމީ މި ސަރުކާރުންނެވެ. އެއާއެކު ފެނަކައަކީ އެސްޓީއޯގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏަކަށް ހަދަން ސަރުކާރުން ނިންމިއެވެ. އެ ކަމާ ގުޅިގެން ގެނައި ބަދަލުތަކުގެ ތެރޭގައި އެ ކުންފުނީގެ ޗެއާމަނަކަށް, އެސްޓީއޯގެ ޗެއާމަން ޝިމާދު އިބްރާހީމް އައްޔަނުކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރުގައެވެ. އެހެން ނަމަވެސް އޭގެ ފަހުން މިިދޔަ ނޮވެންބަރުގައި އެސްޓީއޯއިން ވަނީ، ފިނޭންސް މިނިސްޓްރީގެ އެންގުމަކަށް އެ މަސައްކަތް ހުއްޓާލައިފައެވެ. ފެނަކައިގެ ދަރަނީގެ ބޮޑު ބަޔަކީ އެސްޓީއޯ ގްރޫޕަށް ދައްކަންޖެހޭ ފައިސާއެވެ. އެހެންވެ، އެ ފައިސާ އެސްޓީއޯއަށް ލިބޭނެ ގޮތުގެ ޕްލޭނެއް ހަދައި، ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހަދާނެ ކަމަށް އެސްޓީއޯއިން އޭރު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ